ޚަބަރު

ފީއަލީ ފުރަބަންދުކޮށް ނަތީޖާ ނެރެފި، ހުރިހާ ރައްޔިތުން ދެއްކީ ނަމޫނާއެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ފ. ފީއަލީގައި ކޮވިޑް-19ގެ ހާލަތު ރަނގަޅު ވަމުން އަަންނާތީ އެ ރަށުގައި އިއުލާން ކޮށްފައިވާ ފުރަބަންދަށް ލުއި ދޭން ފީއަލީ ކައުންސިލުން ނިންމައިފިއެވެ.

Ads by Sosun Fihaara

ފީއަލީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޖަލީލް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަށުގައި ޓާސްކްފޯސްއާއި ކައުންސިލާ ގުޅިގެން ކުއްލި ބައްދަލު ވުމެއް ބާއްވައި، ރަށުގެ ހާލަތަށް ރިއާއަތްކޮށް މިހާރު އިއުލާން ކޮށްފައިވާ ފުރަބަންދަށް ލުއި ދޭން ނިންމައިފައި ވާ ކަމަށެވެ.

"ވޭތުވެ ދިޔަ ހަފްތާގައި ރަށުތެރެއިން ނެގުނު 200 ވަރަކަށް ރެންޑަމް ސާމްޕަލް ނަގާފަ އެ ސާމްޕަލް ތަކުގެ ނަތީޖާ ބަލާފަ އަޅުގަނޑުމެން ލުއި ދޭން މި ނިންމީ" ޖަލީލް ވިދާޅުވިއެވެ.

މެއި މަހުގެ 31 ވަނަ ދުވަހު، ފީއަލީގައި ފުރަބަންދު އިއުލާން ކުރިއިރު، އެރަށުގައި ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ، 135 އެވެ. ނަމަވެސް މިހާރު އެރަށުގައި ހަރަކާތްތެރި ވޭދަނައިގެ އަދަދު ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ. އެގޮތުން 11 ޖޫންގެ ނިޔަލަށް އެރަށުގައި ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ، 62 އެވެ. އެރަށުން މިހާތަނަށް ކޮވިޑަށް 388 މީހުން ފައްސިވެފައި ވެއެވެ.

މެއި 31 ވަނަ ދުވަހު ފީއަލީ ކައުންސިލުން ނިންމި ނިންމުމަކީ، އެރަށަށް އެޗްޕީއޭއިން އަންގައިގެން ނިންމި ނިންމުމެއް ނޫނެވެ. އެހެން ނަމަވެސް ރަށުގެ ހާލަތު ގޯސްވަމުން އަންނާތީ، ކައުންސިލުން އިސްނަގައިގެން ނިންމި ނަމޫނާ ނިންމުމެކެވެ.

ފީއަލީ ފުރަބަންދު ކުރަން ނިންމީ، 21 ދުވަހަށް ކަމަށް ވީ ނަމަވެސް، 12 ދުވަހުގެ ތެރޭގައި، ފުރަބަންދުގެ އަސަރުތައް މިވަނީ ފެނިފައެވެ. އެރަށުގައި ހަރަކާތްތެރި ވޭދަނަތަކާއި، ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް ވަނީ ދަށަށް ގޮސްފައެވެ.

ފީއަލީގައި ދޭން ނިންމާފައިވާ ލުއިތައް!

  • ތިން މީހުންނަށް ވުރެ ގިނައިން އެއްވެސް ސަރަހައްދަކަށް އެއްވެ ނޫޅުން
  • ޑިންގީގައި އެކުގައި މަސް ބާނަން ދެވޭނީ ގިނަވެގެން ތިން މީހުންނަށް
  • ދާ ހިފައިގެން މަސް ހިފުމާއި، ދިރޭ އެމަށް ދިއުމަށް ހުއްދަ ދެވޭނީ ގިނަވެގެން 10 ފަރާތަކަށް
  • ރަޖިސްޓްރީ ނުކުރާ އެއްވެސް އުޅަނދަކަށް ރަށުން ބޭރަށް ދިއުމުގެ ހުއްދައެއް ނުދެވޭނެ
  • ރަށުގެ މަސްވެރިންނަށް މަސްވެރިކަމަށް ދިއުމަށް ފަހު މަސްވެރިންނަށް އަނބުރާ ރަށުތެރެއަށް އެރޭނެ، ނަމަވެސް އިތުރު އެއްވެސް ފަރާތަކަށް ރަށަކަށް ނޭރޭނެ
  • ކޮންސްޓްރަކްޝަން މަސައްކަތް ކުރެވޭނީ ފަތިހު 4 އިން ހަވީރު 4 އަށް، މަސައްކަތް ކުރެވޭނީ، އާންމު ހާލަތުގައި ހުރި ގެތަކުގައި. ކަރަންޓީން ކޮށްފައިވާ ގެއެއްގައި މަސައްކަތް ކުރާ ނަމަ އެ ސަރަހައްދު ހުންނަން ވާނީ އެއްވެސް މީހަކާ ކޮންޓެކްޓް ނުވާނޭހެން ބަންދު ކުރެވިފަ
  • ހޮޓާ، ރެސްޓޯރެންޓުތައް އަދި ފިހާރަތަކުން ހަމައެކަނި ދެވޭނީ ޑެލިވަރީގެ ޚިދުމަތް
  • އެއްވެސް ފަރާތަކަށް ރަށުން ފުރޭނީ، ދަތުރުގެ ހުއްދައާއެކު
  • ކުނި އުކުމަށް ހަމަޖެހިފައި ވަނީ ހަފްތާގެ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8 އިން 11 އަށް
  • މިސްކިތަށް އެރުމުގައި މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން އަދި އަމިއްލަ މުޞައްލައެއް ގެންދިއުން

ފީއަލީގައި މި ލުއިތައް ދޭން ނިންމި ނަމަވެސް އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތް ވާގޮތުގެ މަތީން ފީއައްޔަކީ، މޮނިޓަރިންގެ ހާލަތުގައި އޮތް ރަށަކަށް ވާތީ، އެރަށުގައި އަދިވެސް ހަވީރު 4 އިން ފަތިހު 4އަށް ކާފިއު ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!