ކޮވިޑް-19އާ ހަނގުރާމަކޮށް 107 އަހަރުގެ މި މާމަ ދެއްކީ ހިތްވަރު
ކޮވިޑް-19އަށް ފައްސި ވީ އުމުރުން 107 އަހަރުގެ އުމުރުން ދުވަސްވީ އަންހެނަކު އެ ބަލިން އެއްކޮށް ފަސޭހަވެއްޖެއެވެ.
އިސްދޫ ސިއްޙީ މަރުކަޒުގެ މެނޭޖަރު އަހުމަދު އާސިމް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބަލިން ފަސޭހަ ވެފައި ވަނީ ޙައްވާ މުޙައްމަދު ކިޔާ 107 އަހަރުގެ މީހެއް ކަމަށެވެ.
ހައްވާ ސިއްޙީ މަރުކަޒަށް ގެންދިޔައީ 3 ޖޫން ގައި ކަމަށާއި ނަމަވެސް ކޮވިޑް-19އަށް އޭނާ ފައްސި ވެފައި ވަނީ އޭގެ 3 ނުވަތަ 4 ދުވަސް ކުރިން ކަމަށް އާސިމް ވިދާޅުވިއެވެ.
"ނޭވާލާން އުނދަގޫ ވެގެން މަރުކަޒަށް ގެނައީ. އެއީ 3 ޖޫން ގައި. ގަމު ކޮވިޑް ފެސިލިޓީއަށް ރިފަރ ކޮށްފައި އިނީ 5 ޖޫން ގައި އަދި ފަރުވާ ލިބުމަށް ފަހު އެނބުރި އިސްދޫއަށް އައިސްފައި ވަނީ 11 ޖޫން ގައި" އާސިމް ވިދާޅުވިއެވެ.
ހައްވާ މުޙައްމަދު ކޮވިޑް-19 އަށް ފައްސިވީތާ ކުރީކޮޅު ނޭވާލާން އުނދަގޫ ވީ ނަމަވެސް، ފަހުން ހާލު ސީރިއަސް ވިކަން އެނގިފައެއް ނުވެއެވެ.
އިސްދޫން މިހާތަނަށް 288 މީހަކު މި ބައްޔަށް ފައްސި ވެފައިވެއެވެ. އަދި 184 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެ ރަށުގެ ހަރަކާތްތެރި ވޭދަނަތަކުގެ އަދަދަކީ 60 އެވެ.