ޚަބަރު

އެމްޑީޕީގެ ކައުންސިލަރުންގެ ފުރިހަމަ އެހީތެރިކަން މުޢިއްޒަށް ލިބޭނެ: އެމްޑީޕީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާލޭ ސިޓީ ކައުންސިލަށް އިންތިޚާބުވި ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ ހުރިހައި މެންބަރުންގެ  އެއްބާރުލުން މޭޔަރު މުހައްމަދު މުޢިއްޒުއަށް ލިބޭނޭ ކަމަށް އެ ކައުންސިލަރުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ކައުންސިލަރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންނަށް ފައިދާއާއި، ލާބަހުރި ކޮންމެ މަަސައްކަތެއްގައި އެމްޑީޕީގެ ކައުންސިލަރުންގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުމާއި، ތާޢީދު މާލޭގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވިދާޅުވެފައި ވަނީ މާލޭގެ ރައްޔިތުންގެ މަސްލަޙަތުތަކުގެ މައްޗަށް ހުޝިޔާރުކަމާ އެކު އެމްޑީޕީގެ މެންބަރުން ފާރަވެރިވަމުން ދާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ކައުންސިލު ހިނގާނުހިނގާ ގޮތާ ގުޅޭ ގޮތުން މަޢުލޫމާތު އަރުވަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މާލޭ ސިޓީ ކައުންސިލަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި، އިންސާނީ ވަސީލަތް ނެތުމާއި، ޖާގައިގެ ދަތިކަން ހިމެނޭ ކަމަށެވެ. އަދި ސިޓީއެއް ހިންގުމަށް އަސާސީގޮތުން ބޭނުންވާ ޢިލްމާއި، ތަމްރީނު ލިބިފައިވާ ފަންނީ މުވައްޒަފުން އަމުދުން ކައުންސިލެއްގައި ނެތް ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

“ކޮންމެ ކައުންސިލަރަކަށް ގޮނޑި، މޭޒާއި، ކޮންޕިއުޓަރެއް ނެތެވެ. ކައުންސިލްގެ ޚިދުމަތްތަކާއި، މުއައްޒަފުންނާއި، ސެކްޝަންތަކާއި، ޑިޕާޓުމަންޓުތައް ހުރީ މާލޭގެ އެތައްމިތަނުގައެވެ.” ބަޔާނުގައި އިތުރަށް ވެއެވެ.

އެއް ފުރާޅެއްގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ދެވޭނެ މަގަކުން، މާލޭ ސިޓީ ކައުންސިލާ އެކަށީގެންވާ، ހުރިހާ ކައުންސިލަރުންނަށް ވެސް އިށީނދެ، ބައްދަލުވެ، މަސައްކަތް ކުރެވޭނެ ޖާގަ ހުރި ޢިމާރާތަކުން ސިޓީ ކައުންސިލްގެ ޚިދުމަތް ދެވޭނެ ގޮތް ހަމަޖެހޭން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!