ޚަބަރު

ނަފްރަތުގެ އަމަލު ބަޔާންކުރާ ބިލު މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގަނެ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީއަށް ފޮނުވައިފިއެވެ.

Ads by Sosun Fihaara

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ކަަމަށް ވިދާޅުވެ ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި މި ބިލްގެ އިބްތިދާއީ ބަހުސް ނިންމައި އެ ބިލު ބަލައިގަތުމާ ގުޅޭގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 38 މެމްބަރަކު ވޯޓު ދިނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 17 މެމްބަރުންނެވެ.

އެތައް ބައެއްގެ ނުރުހުމާ ފާޑުކިޔުން އަމާޒުވެފައިވާ މި ބިލު މަޖިލިހަށް ހުށަހަޅުއްވަމުން ހިސާން މިއަދު ވިދާޅުވީ ނަފުރަތުގެ ބަސްތައް މިފަހުން އާންމުކޮށް ބޭނުން ކުރަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ކަަމަށާއި އެތައް ބައެއްގެ ލޭ ހުއްދަކޮށް ގާނޫނުގެ ބޭރުން މީހުން މަރަން އެފަދަ ބަސްތައް ބޭނުންކޮށް އުޅޭ ކަމަށެވެ.

ހިސާން ހުށަހެޅުއްވި މި ބިލާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަން އަދި މިނިވަން މެމްބަރުންގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެގޮތުން މި ބިލާ މެދު މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވީ، މި ބިލުގެ ސަބަބުން ދީނީ އިލްމުވެރިންނަށް ކަންކަން އޮންނަ ގޮތް ބުނެދިނުމަށް ވެސް ހުރަސް އެޅިގެންދާނެ ކަމަށެވެ. ނަމަވެސް ދީނީ ނަސޭހަތް ދިނުމަށް ހުރަސް އެޅޭ ގޮތަށް ބިލުގައި މާނަ ކުރެވޭ ނަމަ ކޮމެޓީގެ މަރުހަލާގައި އެކަން އިސްލާހު ކުރުމަށް ހިސާން އެދިވަޑައިގެންނެވިއެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި މި ބިލާ ގުޅޭގޮތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މެމްބަރުން ފާހަގަ ކުރެއްވީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން އޮތް އޮތުމެވެ. އެހެންކަމުން ކޮމެޓީ މަރުހަލާގައި އެބައި ވަކިކުރަން މެމްބަރުން ވަނީ ގޮވައިލައްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!