އަބޫ ހުރައިރާއަށް އިބިލީސް ދިން ހަދިޔާއެއްގެ ވާހަކަ
މިއީ މާތް ނަބިއްޔާ (ޞޢވ)ގެ މިތުރު ސަޙާބީއެއް ކަމުގައިވާ އަބޫ ހުރައިރާ (ރަޟިއަﷲ އަންހު)ގެ ކިބައިން އައިސްފައިވާ ހާދިސާއެއްގެ ތަރުޖަމާއެވެ.
"ރަސޫލާ (ޞޢވ) ތިމަންކަލޭގެފާނާ ފިޠުރު ޒަކާތް ބެލެހެއްޓުން ހަވާލު ކުރެއްވިއެވެ.
އެއް ރޭ ތިމަންކަލޭގެފާނަށް ފެނިވަޑައިގެންނެވީ މީހަކު އައިސް، ޒަކާތުގެ ގޮތުގައި ބަހައްޓައިފައި ހުރި ކާބޯތަކެތި ވަގަށް ނަގަމުން ދިޔަ މަންޒަރެވެ. ތިމަންކަލޭގެފާނު އޭނާ އަތުލައިގަތީމެވެ. ޒަކާތުގެ ގޮތުގައި ބަހަން ބަހައްޓާފައި ހުރި ތަކެތިން ވައްކަން ކުރަން އުޅުމުން ތިމަންކަލޭގެފާނަށް ވެސް ހައިރާންކަން ލިބުނެވެ. އޭނާ ރަސޫލާ (ޞޢވ)ގެ އަރިހަށް ގެންދަވާނެ ކަމަށް ބުނެ އިންޒާރު ދިނުމުން، ދެރަވެފައި އެ މީހާ އާދޭސް ކުރީ އޭނާ ދޫކޮށްލުމަށެވެ. އޭނާއަކީ ބޮޑު އާއިލާއެއް ބަލަހައްޓަމުން ގެންދާ މީހެއް ކަމަށާއި އެހެންކަމުން ވައްކަން ކުރީ މަޖުބޫރީ ހާލަތުގެ ސަބަބުން ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން ތިމަންކަލޭގެފާނު އޭނާއާ މެދު ހަމްދަރުދީވެ، އޭނާ ހައްޔަރު ނުކޮށް ދޫކޮށްލީމެވެ.
އަނެއްދުވަހު ހެނދުނު ތިމަންކަލޭގެފާނާ ރަސޫލާ (ޞޢވ) ބައްދަލުވިއެވެ. އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. 'އޭ އަބޫ ހުރައިރާއެވެ! ރޭގައި ހައްޔަރުކުރި މީހާއާ މެދު ކަންތައްވީ ކިހިނަކުން ހެއްޔެވެ؟'
ރޭގައި ވީ ކަންތަކުގެ ޚަބަރު އެކަލޭގެފާނަށް މާ ކުރިން އެނގިވަޑައިގަތުމުން ތިމަންކަލޭގެފާނު ފުރަތަމަ ހައިރާންވިއެވެ. ނަމަވެސް އެކަލޭގެފާނަކީ މާތް ﷲގެ ރަސޫލާ ކަމަށްވާތީ، އެ ހާދިސާގެ ވާހަކަ އެކަލޭގެފާނަށް އެނގިވަޑައިގަންނަވާނީ އެކަލާނގެ ވަޙީ ބަސްފުޅުންކަން ވެސް ތިމަންކަލޭގެފާނަށް އެނގިވަޑައިގެންނެވިއެވެ. ރަސޫލާ (ޞޢޥ) ގެ ސުވާލުފުޅަށް ޖަވާބުދެއްވަމުން ކަންހިނގި ގޮތް ތިމަންކަލޭގެފާނު ވެސް ކިޔައިދެއްވީމެވެ.
އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. 'އޭ އަބޫހުރައިރާއެވެ. އެ މީހާ އެ ހެދީ ދޮގެވެ. އޭނާ އަދި އެނބުރި އަންނާނެއެވެ.
ނަބިއްޔާ (ޞޢވ) ހައްދަވާނީ ތެދުކަމަށް ތިމަންކަލޭގެފާނަށް ޤަބޫލުކުރެވޭތީ، އެރޭ އެ މީހާ އާދޭތޯ ސަމާލުކަން ދީގެން ތިމަންކަލޭގެފާނު ހުރީމެވެ. މާ ގިނައިރު ތަކެއް ނުވެ ފެނުނީ އެ މީހާ އައިސް އަނެއްކާ ވެސް ޒަކާތުގެ ގޮތުގައި ދޭން ބަހައްޓާފައިހުރި ކާބޯތަކެތި ވަގަށް ނަގާ މަންޒަރެވެ.
ތިމަންކަލޭގެފާނު އޭނާއާ ހަމައަށް ގޮސް އޭނާ އަތުލައިގެންފައި، ރަސޫލާ (ޞޢވ) އަރިހަށް ގެންދަވާނެ ކަމަށް އަނެއްކާ ވެސް ބުނީމެވެ. ނަމަވެސް ހިތްދަތިވެފައިވާ ފަދަ ގޮތަކަށް އޭނާ އަނެއްކާ ވެސް ބުނީ ތިމަންނާ ވައްކަން ކުރީ މަޖުބޫރީ ހާލަތުން ކަމަށާއި އޭނާއަކީ ބޮޑު އާއިލާއެއް ބަލަން ޖެހިފައިވާ މީހެއް ކަމަށެވެ. އެހެންކަމުން އޭނާގެ ހާލާ މެދު ހަމްދަރުދީވެ އަނެއްކާ ވެސް އެ މީހާ ދޫކޮށްލީމެވެ.
އޭގެ އަނެއް ދުވަހެވެ. މާތް ނަބިއްޔާ (ޞޢވ) އާއި ބައްދަލުވުމުން އަނެއްކާ ވެސް ސުވާލު ކުރެއްވީ އެ ރޭ ހައްޔަރުކުރި މީހާއާ ބެހޭ ގޮތުންނެވެ. ކަން ހިނގި ގޮތް ކިޔައިދިނުމުން އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވީ އެ މީހާ އަނެއްކާ ވެސް ހެދީ ދޮގު ކަމަށާއި އެ ރޭ ވެސް އެނބުރި އަންނާނެ ކަމަށެވެ.
އެ ރޭ ވެސް އޭނާ އައިސްދާނެ ކަމަށް ތިމަންކަލޭގެފާނު އިނީމެވެ. ކުރީ ދެ ރެއެކޭ އެއްފަދައިން އެ ރޭ ވެސް އޭނާ އައެވެ. އަދި ޒަކާތަށް ދޭން ބަހައްޓާފައި ހުރި ކާބޯތަކެތިން ވައްކަން ކުރަން މަސައްކަތް ކުރިއެވެ. ތިމަންކަލޭގެފާނު އޭނާ އަތުލައިގަނެ، އޭނާއަށް ދެން އިތުރު އެއްވެސް ފުރުސަތެއް ނުދެވޭނެ ކަމަށް ވެސް ބުނީމެވެ.
އެހިނދު އެ މީހާ ތިމަންކަލޭގެފާނު ގާތު އޭނާ ދޫކޮށްލަން އެދި އާދޭސްކުރިއެވެ. އަދި ބުންޏެވެ. ތިމަން ދޫކޮށްލައިފި ނަމަ، މާތް ﷲގެ އިރާދަފުޅާ އެކު ބަސްކޮޅެއް އުނގަންނަވާ ދެއްވާނަމެވެ. ތިމަންކަލޭގެފާނަކީ ނޭނގޭ ކަންކަން އުނގެނުމުގެ ޝައުޤުވެރިކަން ހުންނަ މީހަކަށްވުމުން، އެއީ ކޮން ބަސްކޮޅެއްތޯ ސުވާލުކުރީމެވެ. ޖަވާބުގައި އޭނާ ބުނީ އެއީ 'އާޔަތުލް ކުރްސި' ކަމަށެވެ. ހަދިޔާއެއްގެ ގޮތުގައި އޭނާ ދިޔައީ ތިމަންކަލޭގެފާނަށް އެ އާޔަތް އުނގަންނައިދީފައެވެ. އަދި ދެން އެނބުރި އައިސް ވައްކަން ނުކުރާނެ ކަމަށް ވެސް ބުންޏެވެ.
އޭގެ އަނެއް ދުވަހު ރަސޫލާ (ޞޢވ) އާއި ބައްދަލުވުމުން އެކަލޭގެފާނު އަނެއްކާ ވެސް، އޭގެ ކުރީ ރޭ ކަންތައްތައްވީ ގޮތާ މެދު ސުވާލު ކުރެއްވިއެވެ. ކަންހިނގި ގޮތް ކިޔައިދިނުމުން އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ.
'އޭ އަބޫ ހުރައިރާއެވެ. ހަމަކަށަވަރުން މިފަހަރު އޭނާ އެ ހެދީ ތެދެވެ. ކަލޭގެފާނާ ތިން ރޭ މަތިން އެ ބައްދަލު ކުރީ ކާކުކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ހެއްޔެވެ؟ޝައްކެއް ވެސް ނެތް ގޮތުގައި އެއީ އިބިލީހެވެ!' "
މަސްދަރު: ސްޓޯރީސް ފޮ މުސްލިމް ކިޑްސް