އިސްރާއިލުން ރާއްޖެއަށް ވައިގެ ދަތުރު ކުރާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

އިސްރާއީލުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތަކެއް ފަށަން އުޅޭކަމަށް ދެކެވޭ ވާހަކަ ރާއްޖޭގެ ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.
އިސްރާއިލުގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށަން އުޅޭކަމަށް ފެތުރު ހަބަރާ ގުޅޭ ގޮތުން “ދެން”އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވީ އެފަދަ ދަތުރު ތަކެއް ފަށަން ނިންމައިފައި ނުވާކަމަށެވެ.
“ރާއްޖެއިން ވަނީ އިސްރާއިލާ އެކު ހުރިހާ އިކޮނޮމިކް ރިލޭޝަންސްއެއް ހުއްޓައިލައިފަ.. އެކަހަލަ ނިންމުމެއް ނިންމާފައެއް ނެތް” މިއުވާން ވިދާޅުވިއެވެ.
އިސްރާއީލްގެ ޓްރެވެލް ކުންފުންޏެއް ކަމަށްވާ ކަމިނޯސްއާ ހަވާލާދީ ބޭރުގެ “ހަޔޮމް” ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެއަރ ސީޝެލްސްގެ ފްލައިޓްތަކާއެކު މި ދަތުރުތައް ފަށަން މިހާރު ވަނީ ތައްޔާރުވެފައެވެ.
އެގޮތުން ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރުމަށް މިހާރުވަނީ ތައްޔާރުވެފައި ކަމަށާއި ދަތުރުގެ އަގަކީ 995 ޑޮލަރަށް ކަމަށް ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.