ހަގީގީ ހާދިސާ

ރާއްޖޭގައި ކަށުކަމާކެމީގެ ކަންކަން ކުރާ މީހަކަށް ދިމާވި އާދަޔާ ޚިލާފު ކަމެއްގެ ވާހަކަ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އަހަރެންނަކީ ރާއްޖޭގެ ރަށެއްގައި ކަށުކަމާކެމީގެ ކަންކަން ކުރަމުން އަންނަ މީހަކީމެވެ. މި މަސައްކަތުގައި ވޭތުވެދިޔަ 3 އަހަރު ވަރަށް ގިނަ މައްޔިތުން ހިނަވައި ކަފުންކޮށްފައި ވާނެވެ. މި މަސައްކަތުގައި އަޅުގަނޑާ ދިމާވި އާދަޔާ ޚިލާފު ހާދިޘާއެއް އިބުރަތަކަށް ޓަކައި ހިއްސާ ކޮށްލާނަމެވެ.

Ads by Sosun Fihaara

އެއްދުވަހެއްގެ ހެނދުނުގެ ވަގުތެއްގައި މީހަކު ފޯނު ކުރިއެވެ. އެމީހާ އެދުނީ ފަތިހުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވި އޭނަގެ ތިމާގެ ކުއްޖެއްގެ ކަށުކަމާކެމީގެ ކަންކަންކޮށް ދިނުމަށް އެ ގެއަށް އައުމަށެވެ.އެމީހާ ބުނި ގަޑީގައި އެގެއަށް ދިޔައީމެވެ.

ދެ އެހީތެރިންނާ އެކީ މައްޔިތާ ހިނެވުމަށް ފަށައިގަތީމެވެ. ލަފާކުރެވޭ ގޮތުގައި އެއީ 35 ވަރަކަށް އަހަރުގެ ޒުވާނެކެވެ.

ހިނެވުމުގެ މަސައްކަތުގެ ތެރޭގައި ވަރަށް ބިޔަ ވަރުގަދަ މައްޔިތުން ވެސް ހިނަވައިފައި ވާނެއެވެ. ނަމަވެސް މި ޒުވާނާއަކީ މާފަލަ ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ ޒުވާނެއް ނޫނެވެ. މިޒުވާނާގެ ހަށިގަނޑު ހިނެވުމަށް ކަނާތް ފަޅި އަށާއި ވާތް ފަޅިއަށް ނަގާއިރު އާދަޔާ ޚިލާފަށް ބަރުކަން އިހްސާސް ކުރެވެއެވެ. އެފަދަ ބަރު މައްޔިތަކު މިއަދާ ހަމައަށް ވެސް ހިނެވުމުގައި ދިމާވެފައެއް ނެތެވެ.

ހިނަވަމުން ދިޔަވަގުތު އަޅުގަނޑުގެ އަތުން އާދަޔާ ޚިލާފު ހޫނެއް އިހްސާސް ކުރެވެއެވެ. ވަގުތަކީ މެންދުރުގެ ވަގުތު ކަމުން މާކަ ބޮޑު ކަމެއްގެ ގޮތުގައި އެކަމަށް ނުދެކެމެވެ. މައްޔިތާ ހިނަވައި ނިމި ކަފުން ކުރުމަށް ޓަކައި ތައްޔާރު ކުރަމުން ދަނީއެވެ. އޭރު އަޅުގަނޑުގެ މުޅި ހަށިގަނޑުން ގަދަ ހޫނެއް އިހްސާސް ކުރެވެއެވެ. އެފަދަ ހޫނެއް މިއަދާ ހަމައަށް ދުވަހަކު ވެސް އިހްސާސް ކުރެވިފައެއް ނެތެވެ. މާކަ ބޮޑު ބިޔަ ހަށިގަނޑަކަށް ނުވިޔަސް ހިނަވާ ނިމުނު އިރު އަޅުގަނޑު ވަރަށް ބޮޑަށް ވަރުބަލިވެ ލޮޑުކަން އިހްސާސް ކުރެވެން ފެށިއެވެ.

ކޮންމެއަކަސް މައްޔިތާ ކަފުނަށް ލައި ކަފުން ބަންނަމުން ދިޔައިރު އަޅުގަނޑުގެ އަތަށް ވަކިން ބޮޑަށް ހޫނުކަން އިހްސާސް ކުރެވެއެވެ. ބުރަކަށިން އޮހޮރެމުން ދިޔަ ދާތިކިތައް ކައްކައި ހޫނުކޮށްފައި ވާފަދައެވެ.

ކަފުންކޮށް ނިމުމާއެކު އަތަށާއި ބޮލަށާއި ފެން އަޅައިގެން އަވަސް އަވަހަށް ގެއަށް އައީމެވެ. އޭރު އަޅުގަނޑުގެ ދޫ 3 ދުވަސް ވަންދެން ފެން ނުބޮއެ ހުރި މީހަކާ އެއްފަދައެވެ. ހުރީ އެހައި ވެސް ފެނަށް ބޭނުން ވެފައެވެ.ފެން ބޮއެގެން ފެންވަރަން ވަދެވުނު އިރު ކޮޅަށް ހުންނާނެ ވަރެއް ވެސް ގަޔަކު ނެތެވެ. އެހެންކަމުން ފެންވަރަން ޖެހުނީ ގޮނޑިއެއްގައި އިށީނދެ އިނދެގެންނެވެ. އަޅުގަނޑުގެ ހަޔާތުގައި ވެސް އެ ވަރަށް ވަރުބަލިކަމާ ލޮޑުކަން އިހްސާސް ނުކުރަމެވެ.

ކަށުނަމާދަށް ދިޔައިރު އެހީތެރިއެއްގެ ގޮތުގައި ހިނަވާ ތަނަށް ވަން މީހަކާ ދިމާވިއެވެ. ދެކެވުނު ވާހަކައެއްގައި އެފާރާތަށް ވެސް އާދަޔާ ޚިލާފު ކަންތައްތަކެއް އިހްސާސް ކުރެވުނުވާހަކަ ކިޔައިދިނެވެ. ސުބުހާނަﷲ! .ހިނަވަމުން ދިޔަ ގަޑީގައި އަތުންނާއި ގައިން އިހްސާސް ކުރެވުނު އާދަޔާ ޚިލާފު ހޫނާއި ، އާދަޔާ ޚިލާފު ވަރުބަލިކަމާ، އާދަޔާ ޚިލާފަށް ފެން ބޮވައިގަތުން އޭނާއަށް ވެސް ދިމާވި ކަމަށް ބުންޏެވެ.

އެޒުވާނާ އަކީ ދީނާއި ދުރު، ނަމާދަށް ފަރުވާ ކުޑަ، މިސްކިތާތަކުން ނުފެންނަ މޫނެކެވެ . ރޯދަމަހު ދުވާލު މަގުމަތީގައި ކަމުން ސިނގިރޭޓް ބޮމުން އުޅުނެވެ. މަސްތުވާ ތަކެތީގެ ބޭނުންކޮށް އެތަކެތީގެ ވިޔާފާރިކުރިއެވެ. އެ ޒުވާނާއަކީ ރަށުގައި އުޅުނު ޒުވާނެއް ކަމުން އެޒުވާނާގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގެއެވެ. އެމަންޒަރު ހަމަލޮލަށް ވަރަށް ގިނަ ދުވަހު ފެނިފައި ވެސް ވެއެވެ.

މިއީ މައްޔިތުން ހިނަވައި ކަފުން ކުރުމުގެ ތެރޭގައި އަޅުގަނޑަށް ދިމާވި އާދަޔާ ޚިލާފު ހަޤީޤީ ހާދިޘާއެކެވެ. މިފަދަ ވާހަކަތައް މުޅިން ވެސް އަޑު އިވިފައި ވަނީ ވާހަކަތަކުންނާއި ފިލްމުތަކުންނެވެ. އަހަރެންގެ މި އާދަޔާ ޚިލާފު ތަޖުރިބާ އިބުރަތަކަށް ޓަކައި ހިއްސާ ކޮށްލީމެވެ.

ނޯޓް: މިއީ  ފޭސްބުކް ޕޭޖުގައި އެ ޕޭޖުގެ ފޭނަކު ހިއްސާކޮށްފައިވާ ހަގީގީ ޙާދިސާއެކެވެ. މި ލިޔުން ނޫހުގައި ޖެހެމުގެ ބޭނުމަކީ މިފަދަ އިބްރަތްތެރި ވާހަކަތައް ވީހާވެސް ގިނަ ބަޔަކާ ހިއްސާކޮށް މިފަދަ ވާހަކަތަކުން ނަފްސު ހެޔޮމަގަށް އެޅުމަށް ހިތްވަރު ލިބިގެންދިއުމަށް ބާރަކަށް ވުމެވެ.

Ads by Allied Insurance
  1. ނުސީި

    ވަރަށްް ރަނގަޅު ކަމެއްތި ހިއްސާ ކޮއްލީ