ޚަބަރު

ކޮވިޑް19:އިންޑޮނޭޝިޔާގެ ހާލަތު ގޯހުން ގޯހަށް ގޮސްދާނެކަމުގެ އިންޒާރު ދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިންޑިޔާއިން ފެނުނު ކޮވިޑް19ގެ ވޭރިއެންޓެއް ކަމުގައިވާ ޑެލްޓާ ވޭރިއެންޓް އިންޑޮނޭޝިޔާއިން ފެނި، އެގައުމުގައި ހަލުވިކަމާ އެކު މި ބަލި ފެތުރެން ފަށައިފިއެެވެ.

Ads by STELCO

މިއާއެކު އިންޑޮނޭޝިޔާގައި ކޮވިޑްގެ ވޭދަނަތައް މިދިޔަ ހަފްތާތަކުގައި ފެނިފައިވާ ވޭދަނަތަކަށް ވުރެ 3 ގުނަ އިތުރުވެފައި ވާކަމަށް އެގައުމުގެ ސިއްޙީ މާހިރުން ބުނެއެވެ.

ކަމާބެހޭ މާހިރުން ބުނާ ގޮތުގައި އިންޑޮނޭޝިޔާއަށް އައި ކޮވިޑްގެ ބަލިމަޑުކަމަކީ މިދިޔަ ރޯދަމަހަށް ފަހު އެގައުމަށް ދަތުރުކުރި މީހުންގެ ސަބަބުން އައި ބަލިމަޑުކަމެކެވެ. އަދި އެއީ ދަތުރުކުރުމުގައި އަޅައިފައިވާ ފިޔަވަޅުތަކަށް ބޯލެނބުމެއް ނެތި ކުރި ދަތުރުތަކުގެ ނަތީޖާކަމަށް އެގައުމު ސިއްހީ މާހިރުން ބުނެއެވެ.

"ކޮވިޑްގެ ހުރިހާ ވޭރިއެންޓަކީ ވެސް ކަންބޮޑުވުމެއް ،ޑެލްޓާ ވޭރިއެންޓަކީ ވަކި ނުރައްކާތެރިކަން ބޮޑު ވޭރިއެންޓެއްގެ ގޮތުގައި ސާބިތުވެފައެއް ނެތް. އިންޑޮނޭޝިޔާގެ އަލްފާ ވޭރިއެންޓާ އަޅައި ބަލާއިރު ޑެލްޓާއަށް ލިބެނީ ސިލްވާ މެޑަލްއެއް. އަހަރެން ގަބޫލުކުރާ ގޮތުގައި ޑެލްޓާ ވޭރިއަންޓްއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރުގެ ނާގާބިލުކަން ފޮރުވަން ދައްކާ ބަހަނާއެއް." އުދަޔާނާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ގުސްތި މަހާދިކާ ބުނެފައި ވެއެވެ.

އެހެން ނަމަވެސް، އިންޑޮނޭޝިޔާގެ ހެލްތު މިނިސްޓްރީގެ ޕެންޑަމިކް މެނޭޖްމެންޓް ސްޓްރެޓެޖީ ފޯމިއުލޭޓް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ އެޕިޑޮމިލޮޖިސްޓް ޑރ. ޑިކީ ބުޑިމަން ވިދާޅުވާ ގޮތުގައި އަލްފާ ވޭރިއަންޓަށް ވުރެއް ޑެލްޓާ ވޭރިއަންޓްގެ ނުރައްކާ ބޮޑެވެ.

ޑރ.ޑިކީ ވިދާޅުވާ ގޮތުގައި އިންޑޮނޭޝިޔާގެ ކޮވިޑްގެ ހާލަތު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި އިންޑިޔާއާއި އެއްވަރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ކުރަން އުނދަގޫ ވަނީ ގައިޑްލައިންތަކަށް އާއްމުން ތަބާ ނުވާތީ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އަދި އަންނަ ޖުލައި މަހު އެގައުމުގައި ކޮވިޑްގެ ވޭދަނަތައް ގިނަވެ ކޮންޓްރޯލް ނުކުރެވޭވަރު ވެދާނެ ކަމަށާއި، ސަބަބަކީ އެގައުމުގެ އާބާދީ 40 އިންސައްތަ މީހުން އުޅެނީ ރަށްފުށުގައިކަމަށް ވުން ކަމަށް ވެސް ޑރ.ޑިކީ ލަފާ ކުރައްވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!