ޚަބަރު

ނަފުރަތުގެ ބިލުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ: ޑީއެންއޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

ނަފުރަތުގެ ބިލުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)އިން ބުނެފިއެވެ.

Ads by STELCO
ޑީއެންއޭ އިން ރޭ ނެރުނު ބަޔާނެއްގައި ވަނީ އިސްލާހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށު އެރުމަށް މަގުފަހިވެފައިވާ ގޮތަށް ހުށަހެޅިފައިވާ އިސްލާހެއް ކަމުގައި ފާހަގަ ކުރާ ކަމަށެވެ.
އަދި އެ އިސްލާހު ވެފައި ވަނީ ދިވެހި ގިނަ ރައްޔިތުންތަކެއް ކަންބޮޑުވާ ބަދަލެއް ކަމަށާއި އެއްވެސް ޤާނޫނަކަށް އެއްވެސް އިސްލާހެއް ހުށަހަޅަން ވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފުނުވާނޭ ގޮތަށް ކަމުގައި ޑީ.އެން.އޭއިން ދެކޭ ކަމަށެވެ.
ޑީއެންއޭއިން ވަނީ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)އަށް ހުށަހަޅައިފައި ވާ އިސްލާހަކީ ބަލައިގަނެވޭނެ ބަދަލެއް ނޫން ކަމުގައި ދެކި އެކަން ހަރު އަޑުން ކުށްވެރި ކޮށްފައެވެ. އެހެން ނަމަވެސް މި ހައްސާސީ ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލިސްގައި ހިމެނޭ އެމް.ޑީ.ޕީއަށް ނިސްބަތްވާ ހަތަރު
މެންބަރަކު މި އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅު ހައްދަވައިފައި ކަމަށާއި މި ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ޑީ.އެން.އޭ ގެ ފަރާތުން މަރުޙަބާ ދަންނަވާ ކަމަށް އެ ހަރަކާތުން ބުނެފައި ވެއެވެ.
މިގޮތަށް ހުށަހެޅޭ އިސްލާހުތައް ފާސްވެއްޖެނަމަ ކުރިމަގުގައި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށާއި އެހެންކަމުން މިފަދަ ބަދަލުތަކުގެ ސަބަބުން ވަގުތުން ވަގުތަށް އެކަންކަން ނުފެނުނު ކަމުގައިވިޔަސް މިއީ ރާއްޖޭގެ ފަހުގެ ޖީލުތަކަށް މީގެން ބޮޑެތި އަސަރުތަކެއް ކުރާނެ ކަންކަން ކަމަށްވެސް ޑީއެންއޭއިން ބުންޏެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަ ކުރުމުގައި ބައިވެރިވުމާއި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާންއެވެ.

މި މި އިސްލާހަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެ އިސްލާހާ ދެކޮޅަށް މީސްމީޑިއާގައި ވަނީ ވެސް ފަށައިފައެވެ. މިބިލަށް އިސްލާމިކް މިނިސްޓްރީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދަން، ޖުޑީޝިއަރީ ކޮމިޓީއިން ވަނީ ނިންމައިފައެވެ.

ފާޑުކިޔުންތައް އިންތިހާއަށް އަމާޒުވެފައިވާ މިބިލާއެކު ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ބައެއް ޕާޓީތަކުން ވެސް ބިލާ މެދު ނުރުހުން ފާޅު ކުރިއެވެ. މިގޮތުން އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!