ދުނިޔެ

ސައުދީގެ މިސްކިތްތަކުގައި އެޅި ފިޔަވަޅުތައް ދޫކޮށްލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19ގެ ވޭދަނަތައް ސައުދީއަރަބިއްޔާގައި ގިނަވުމާ ގުޅިގެން އެ ގައުމުގައި ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތަކަށް އެޅި ފިޔަވަޅުތައް އެ ގައުމުގެ ސަރުކާރުން ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ސައުދީގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ޖަމާއަތުގައި ކުރުކޮށް ނަމާދު ކުރުމާއި ޖަމާއަތް ނިމުމުން މިސްކިތުގައި މަޑުކުރުން މަނާ ކުރުން ހިމެނެއެވެ. އަދި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކުރުން ވެސް އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މިސްކިތްތަކުގައި ހުރި ހަތިމުތައް ނެގުން ވެސް ވަނީ ބާތިލްކޮށްފައެވެ.

ހަމައެހެންމެ މިސްކިތްތަކުގައި އޮންނަ ކްލާސްތަކާއި ދަރުސްތައް ވެސް ހުއްޓައިލުން ހިމެނޭއިރު ހުކުރު ނަމާދު ކުރު ކުރުން ވެސް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ސައުދީގެ މިސްކިތްތަކުގައި ކައިބޮއި ހެދުމަކީ އާއްމުކަމަކަށް ވިޔަސް މިސްކިތްތަކުގައި ބަހައްޓައިފައި ހުންނަ ފެން ކޫލަރުތައް ނަގައި މިސްކިތުގައި ކައިބޮއި ހެދުން މަނާ ކުރިއެވެ.

ކޮވިޑާ ގުޅިގެން މިސްކިތްތަކަށް އެޅި މި ފިޔަވަޅުތައް މިއަދު އެ ގައުމުގެ ސަރުކާރުން ވަނީ ދޫކޮށްލައިފައެވެ. މިއަދުން ފެށިގެން އެ ގައުމުގައި ޖަމާއަތުގައި ގައިދުރު ނުކޮށް ނަމާދު ކުރާނެއެވެ. އަދި ޖަމާއަތުގެ ނަމާދު ކުރު ކުރާކަށް ވެސް ނުޖެހޭނެއެވެ.

ސައުދީން ޖުމުލަ 473000 މީހުންނަށް ކޮވިޑް ބަލި ޖެހުނެވެ. އަދި އެ ބަލީގައި ސައުދީން 7663 މީހަކު ނިޔާވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!