އީސަގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި
މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ، އޭނާގެ ކުރީގެ އަންހެނުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް ފަށަން މިއަދު ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
އަޑުއެހުން ކެންސަލް ކުރީ މި މައްސަލަ ބައްލަވާ ގާޒީ ސަލާމުގައި ހުންނެވުމުންކަމަށް އެ ކޯޓުން ވަނީ ހާމަކޮށްފައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 11:00ގައެވެ.
މެމްބަރު އީސައަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހުގައި އެދިލެއްވީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މި މަހުގެ ތިންވަނަ ދުވަހުއެެވެ.
އީސަގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. މި ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުން ނުވަތަ ޖޫރިމަނާކުރުމެވެ.
އީސާގެ މައްޗަށް ދައުވާކުރަން ފޮނުވި ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ ވަނީ މީގެ ކުރިން އެދިފައެވެ. ނަމަވެސް މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް އީސަ ހިންގި ކަމަށް ބުނެ އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ދީފައެވެ. އަދި ލިބުނު އަނިޔާތަކާ ގުޅިގެން އަސްރާ ވަނީ އައިޖީއެމްއެޗުން ފަރުވާ ވެސް ހޯދައިފައެވެ.
އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އެދުނު ނަމަވެސް ފުލުހުން ނިންމެވީ މިއީ ޖިނާއީ ކުށަކަށް ވާތީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާށެވެ.