13 އަހަރުގެ ކުއްޖާގެ މަރު: 17 އަހަރު ކުއްޖާއަށް 15 ދުވަސް، 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު

އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި 17 އަހަރު ކުއްޖާގެ ބަންދަށް 15 ދުވަސް އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ޖެންޑަރ މިނިސްޓްރީއާއި ފުލުހުން ބޭއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ފުލުހުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 21 ޖޫން ވަނަ ދުވަހުގެ ހަވީރު ކަމަށެވެ.
އެގޮތުން ފުލުހުން ވިދާޅުވީ އާންމު ފަރާތަކުން ހުޅުމާލޭ ފުލުހުންނަށް މައުލޫމާތު ހިއްސާ ކުރީ ހުޅުމާލޭ ފޭސް ދޭއްގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތާއެކު ފުލުހުން އިތުރަށް ބެލި ބެލުމުން، 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރު އުތުރު ފަރާތު މޫދު ފަޅުތެރެއިން ފޮއްޓެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ރޭ މެންދަމު 2:27ގައެވެ.
މީގެ އިތުރުން މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އަދި މި މައްސަލައިގައި އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދާ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ޓަކައި އެއްކުރަން ޖެހޭ ހެކި ގަރީނާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.