ޚަބަރު

13 އަހަރުގެ ކުއްޖާގެ މަރާ ގުޅިގެން ސިޓީ ކައުންސިލުން މާލޭގައި ކެމެރާ ހަރުކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރަހީނުކުރުމަށް ފަހު ރަހުމު ކުޑަގޮތަކަށް މަރައިލައިފައި ހުޅުމާލޭ މޫދަށް އެއްލައިލައިފައި އޮތް 13 އަހަރުގެ ފިރިހެން ކުއްޖެއްގެ މަރާ ގުޅިގެން ސިޓީ ކައުންސިލުން މާލޭގައި ކެމެރާ ހަރުކުރަން ނިންމައިފިއެވެ.

Ads by MWSC

އެ ކުއްޖާގެ މަރާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާންގައި ވިދާޅުވީ މާލޭ ސިޓީގައި ހިނގާ މި ފަދަ މާރާމާރީތައް ހުއްޓުވައި މާލޭ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ކުރެވެންހުރި ހުރިހާކަމެއް ކޮށްދެއްވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކުރައްވާ ކަމަށެވެ.

އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، މާލޭ ސިޓީގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ކޮށްދިނުމަށް ޓަކައި ޑިޖިޓަލް މާލޭ މަޝްރޫޢު އިފްތިތާހްކޮށް އޭގެ ބައެއްގެ ގޮތުގައި މާލޭ ސިޓީގައި ކެމެރާ ހަރުކޮށް ބެލެހެއްޓޭނެ ނިޒާމު ވަރަށް އަވަހަށް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

މީގެ އިތުރުން އަވަސް މުއްދަތެއްގައި މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ހޯއްދަވައި އެފަރާތްތައް ޝަރީއަތުގެ މަޖިލީހަށް ހާޟިރުކޮށް އެކަށީގެންވާ ހައްޤު އަދަބު ދިނުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ސިޓީ ކައުންސިލުން ވަނީ ގޮވައިލައިފައެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ކުޑަކުއްޖާ ރަހީނު ކުރުމަށް ފަހު ރަހުމުކުޑަ ގޮތަކަށް މަރައިލައިފައި މޫދަށް އެއްލައިލައިފައި އޮއްވާ ފެނުނުތާ 24 ގަޑިއިރަށް ވުރެ ގިނައިރު ފާއިތުވެގެންދާއިރު މިހާތަނަށް މި މަރާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް، ޚަބަރުތަކުން އެނގޭގޮތުގައި މިކަމުގައި ޝާމިލްވާ އެހެން މީހުންތައް
ހައްޔަރުކޮށްފައި ނުވާތީ މި ކަމުގައި ޝާމިލްވާ މީހުން ހޯދުން ލަސްވާ ލަސްވުމަކީ މާލޭ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުން ވަރަށް ބޮޑު ބިރުވެރިކަމެއް އިހްސާސް ކުރަންޖެހޭ ކަމެއްކަމަށެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭ ފޭސް ދޭއްގައި މޫދުގައި ފޮއްޓަކަށް ލައިފައި އޮއްވައެވެ. މިކުއްޖާގެ ހަށިގަނޑު ފުލުހުންނަށް ފެނިފައި ވަނީ ކުއްޖާ ހޯދަމުންދިޔަތާ ދެވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!