ޚަބަރު

ނަފްރަތުގެ ބިލު ބޭރުކޮށްލުމަށް ޖުޑިޝަރީ ކޮމިޓީން ފާހެއް ނުވި

ރައުފާ ރަޝީދު ، ދެން އޮންލައިން

ނަފުރަތުގެ ބިލް ފާސް ކުރަން ނުފެންނަކަމަށް ކ.ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ހުށަހެޅުއްވި ހުށަހެޅުން ފާސް ނުކުރަން ޖުޑަިޝަރީ ކޮމިޓީން ނިންމައިފިއެވެ.

Ads by Sosun Fihaara

ރިޒާގެ ހުށަހެޅުމާ ގުޅޭގޮތުން ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ވިދާޅުވީ ބިލާ ގުޅޭ ގޮތުން އެކި މުއައްސަސާ ތަކުން ހިޔާލު ހޯދިއިރު ވެސް ބިލު ބޭރު ކޮށްލަން އެއްވެސް މުއައްސަސާއަކުން ލަފާ ދީފައި ނެތް ކަމަށެވެ.

މީގެ އިތުރުން އިމްތިޔާޒް ވިދާޅުވީ އިސްލާމިކް މިނިސްޓްރީ ، ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ހިޔާލު ހޯދަން ކޮމިޓީން އެދިފައިވާނެ ކަމަށާއި އެ ތިން މުއައްސަސާއިން ވެސް ވަރަށް ތަފްސީލީ ހިޔާލުތަކެއް ދީފައިވާ ކަމަށެވެ.

ކޮމެޓީގެ ރިޔާސަތުން ދެ ހުށަހެޅުމަކަށް ވަކިވަކިން ވޯޓަށް އަހައިފައިވެއެވެ. އެ ގޮތުން ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވިގޮތަށް ބިލްގެ ސުންގަޑިއަކަށް އަންނަ މަހުގެ 1 ވަނަ ދުވަސް ހެދުމަށް 7 މެމްބަރުން ވޯޓު ދެއްވި އެވެ. ރިޒާގެ ހުށަހެޅުމަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ.

ދީނީ ޢިލްމުވެރީންނާއި އާންމުންގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ މި ބިލާ ގުޅޭ ގޮތުން ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ޚިޔާލު ތަފާތެވެ. އެ ގޮތުން ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ އެ ބިލަށް ވޯޓް ނުދެއްވުމަށް ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގާތުން އެދިފައެވެ. މިއާ ޚިލާފަށް ދިވެހި ފުލުހުން މިފަދަ ކަންކަމުގައި ޚިޔާލު ފާޅު ނުކުރުމަށް ފުލުހުންގެ އިދާރާއިން އެ ފަރާތްތަކަށް ވަނީ އަންގަވައިފައެވެ.

ބިލާ މެދު ކަންބޮޑުވުން ފަޅުކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މި ބިލް ފާސްވެއްޖެ ނަމަ އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ބޮޑު މިނިވަންކަމެއް ލިބި އެކަން ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި މި ބިލްގައިވާ ގޮތުން މީހަކާ ދިމާއަށް އޭނާއަކީ އިސްލާމް ދީނާ ޚިލާފަށް ނުވަތަ އިސްލާމް ދީނާ ދެކޮޅަށް އުޅޭ މީހެކޭ ބުނުމަކީ ކުށެކެވެ. މި ގޮތަށް މި ބިލް ފާސްކޮށްފި ނަމަ އިސްލާމްދީނާ ދެކޮޅަށް ފާޅުގައި އުޅޭ ބޭރުގެ ފަރާތްތަކާ ދިމާލަށް ވެސް އެމީހަކީ ދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހެކޭ ބުނެފި ނަމަ އަދަބު ދެވޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!