ދުޝްމަނަކަށް ވުރެ ގާތް އެކުވެރިއެއްގެ ފަރާތުން ލިބޭ އަނިޔާގެ ވޭން މާ ބޮޑެވެ.
ދިރިއުޅުމުގައި އަހަރެމެންނާ ތަފާތު އެކި ކަންކަމާ ކުރިމަތިވާއިރު ބައެއް ފަހަރަށް މީހުންނާ މައްސަލަ ވެސް ޖެހެއެވެ. މިތުރުން ހަތުރުންނަށް ބަދަލުވެ ހަތުރުން މިތުރުންނަށް ވެސް ބަދަލުވެއެވެ. އެއީ ދުނިޔެ އަހަރެމެންނަށް ދައްކައި ހިތި ހަގީގަތެވެ.
މިއަދު އެކުގައި ހީ ސަކަރާތް ޖަހައި އުޅޭ މީހަކު ވެސް މާދަމާ ހަތުރަކަށް ބަދަލުވެދާނެއެވެ. އަދި އިއްޔެ އެންމެ ޖައްސައިލައިގެން އުޅޭ މީހާ ވެސް މިއަދު އެންމެ ގާތް އެކުވެރިޔާއަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.
ގިނަ ފަހަރަށް އަހަރެމެންނާ ދިމާއަށް އެއްޗެހި ކިޔާ އަހަރެމެންނަށް މަލާމާތްކޮށް ހަޖޫ ޖަހައި އުޅެނީ އަހަރެމެންގެ ހަތުރުންނެވެ. އަދާވާތްތެރިންނެވެ. އެ މީހުންގެ ފަރާތުން އަހަރެމެންނަށް ވަރަށް ގިނައިން އެކަހަލަ ކަންކަމާ ކުރިމަތިވެއެވެ.
އެފަދަ ކަންކަމަށް އަހަރެމެން ހުންނަނީ ގިނަ ފަހަރަށް އާދަވެފައެވެ. އެ މަލާމާތްތަކުގެ އަޑު އިވިއިވި އެ އަޑުތަކަށް ކަންފަތް ހޭނިފައެވެ. އެހެންކަމުން އެ ކަންކަމަކީ އަހަރެމެންނަށް މާ ބޮޑު ކަމަކަށް ނުވެއެވެ.
ކަން މިހެން އޮތް ނަމަވެސް ރަހުމަތްތެރިއެއްގެ ފަރާތުން އަހަރެމެންނާ ދިމާއަށް އެފަދަ ގޮތަކަށް އެއްޗެހި ކިޔައި މަލާމާތް ކުރުމުން އަހަރެމެންނަށް ކުރާ އަސަރު މާ ބޮޑެވެ. އެކަމުގެ ސަބަބުން މާ ބޮޑަށް ދެރަވެ ހިތުގައި ޖެހެއެވެ.
ރަހުމަތްތެރިއަކު އަހަރެމެންނަށް އޮޅުވައިލައިފި ނަމަ އަހަރެމެންނަށް އެކަމުގެ ސަބަބުން ގިނަ ދުވަސްތަކަކަަށް ވެސް ހިތާމަ ކުރަން ޖެހެއެވެ. އެހެނީ އެކުގައި އުޅުނު އެންމެ ގާތް އެކުވެެރިން އެގޮތަށް ކަންތައް ކުރާނެ ކަމަށް ހީކުރެވިފައި ނޯންނާތީއެވެ.
ދުނިޔޭގެ ދިރިއުޅުމަކީ ފާޑެއްގެ ކަމެކެވެ. ރައްޓެހިން ވެސް ގާތް ކުރަން ވަކި މިންގަނޑެއް ވެއެވެ. މާ ބޮޑަށް ގާތްކޮށްފިނަމަ ނޭނގި ހުއްޓައި ޖަހާ ހަންޖަރުން މާ ބޮޑަށް ތަދުވާނެއެވެ. ޒަހަމު ބޮޑުވާނެއެވެ.