ޖާނުން ފިދާވުމުގެ ހަމަލާ ދޭނެ ފަދަ މީހުން ރާއްޖޭގައި އެބަ ތިބި: ރައީސް ޞާލިޙު
ޖާނުން ފިދާވުމުގެ ހަމަލާތައް މީގެ ކުރިން ވެސް ދިވެހިން ވަނީ ރާއްޖެއިން ބޭރުގައި ދީފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި މިހާރު އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ ދިވެހިން ރާއްޖޭން ބޭރުގައި ޖާނުން ފިދާވުމުގެ ހަމަލާތައް ދީފައި މީގެ ކުރިން ދީފައި އެބަހުރި ކަމަށެވެ.
"ރާއްޖޭގައި އަޅުގަނޑުމެން މިކިޔާ ހަރުކަށިފިކުރުގެ މީހުންގެ ތެރޭގައި އެފަދަ މީހުން ތިބޭނެ. އެހެންވީމަ ރާއްޖޭގައި އެފަދަ ހަމަލާއެއް ނުދެވޭނެ ގޮތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދަނާކޮށް، އިންޓެލިޖެންސް ވަރުގަދަކޮށް އެކަންކަން ކުރަމުން އެބަ ދަން." ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ "އިންޓަލިޖެންސަކީ 100% ޕްރޫފް" އެއްޗެއް ނޫން ކަމަށް ޤަބޫލުކުރައްވާނެ ކަމަށާއި ހުރިހާ ކަމެއް ހިނގަނީ އެނގިގެނެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކޮށް، ވަރުގަދަ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި އެމްއެންޑީއެފްއަށް އިތުރަށް ބޭނުންވާ އާލާތްތަކާ ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.