ޚަބަރު

ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް "އިންޒެކް 2026" ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ,

ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް 2026) މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރަސްމީކޮށް ހުޅުވައިފިއެވެ.

މި ބައްދަލުވުމަކީ ދީނީ އިލްމުވެރިންނާއި، އިގްތިސާދީ މާހިރުންގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތައް ގުޅިގެން، ޒަމާނީ ގޮންޖެހުންތަކަށް ޒަކާތުގެ ނިޒާމުގެ ތެރެއިން ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ހުޅުވާލެވުނު މުހިންމު ފުރުސަތެކެވެ.

މި ކޮންފަރެންސްގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މޯލްޑިވްސް ޒަކާތު ހައުސްގެ ކުރިއަށް އޮތް ތިން އަހަރަށް އަމާޒުކޮށް އެކުލަވައިލި "ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2026-2028" އިފްތިތާހުކުރުމެވެ. މި ޕްލޭން ނެރެދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން، މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާޠިމަތު އަމީޒާއެވެ. މި ޕްލޭނުގެ މައިގަނޑު އަމާޒަކީ ޒަކާތުގެ އިދާރީ ހިންގުން ޒަމާނީ ކުރުމާއި، ޒަކާތުގެ ނަފާ ލިބޭ މަޝްރޫއުތައް އުފެއްދުންތެރި ގޮތެއްގައި ފުޅާކުރުމެވެ.

"އަދުގެ މުޖުތަމައުގައި ދިމާވާ އިޖުތިމާޢީ ނާޒުކު ހާލަތްތަކާއި، އަރާ އިގްތިސާދީ ލޮޅުންތަކާއި، އެއާ ވިދިގެން އެންމެން ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުން" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ބައްދަލުވުން ފައްޓަވައިދެއްވީ ޒަކާތު ހައުސްގެ އެކްޓިން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް މޫސާ މުޢިއްޒެވެ. އަދި އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މި މުނާސަބަތުގައި ހާއްސަ މެސެޖެއް ފޮނުއްވާފައެވެ. އެސިސްޓެންޓް ޒަކާތު އޮފިސަރ ޢާޝިޔާ ޞާލިޙް އިއްވައިދެއްވި މި މެސެޖުގައި ވަޒީރު ބާރުއެޅުއްވީ، ފަގީރުކަން ނައްތާލުމުގައި ޒަކާތުގެ ދައުރު ފުޅާކުރުމަށާއި، މުއައްސަސާތަކުގެ ހިންގުން ދެފުށް ފެންނަ، ޖަވާބުދާރީވަނިވި ނިޒާމަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށްދާ މި ކޮންފަރެންސްގައި، މާލީ ދަތިތަކުގެ ސަބަބުން އާއިލާތަކަށް ކުރިމަތިވާ އިޖުތިމާއީ މައްސަލަތަކާއި، އެކަންކަމުން އަރައިގަތުމަށް މުއައްސަސާތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ. ޒަކާތު ހައުސްގެ އެންމެ ބޮޑު އެއް އަމާޒަކީ ޒަކާތުގެ އެހީ ލިބޭ ފަރާތްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، މުޖުތަމައަށް ފައިދާހުރި ބަޔަކަށް ބަދަލުކުރުމަށް ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައެޅުމެވެ. ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ އެހީއާ އެކު، އިސްލާމީ މާލީ ނިޒާމުގެ ތެރެއިން އިޖުތިމާއީ އަދުލުވެރިކަން ގާއިމުކުރުމަށް އަމަލީ ހައްލުތަކެއް ހޯދުން މި ކޮންފަރެންސްގެ ތެރެއިން މަގުފަހިވެގެންދާނެއެވެ.

Ads by Ooredoo