ޚަބަރު

ހުޅުމާލެ ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަނީ

ފާތިމަތު އަފްނާން ، ދެން އޮންލައިން

ހުޅުމާލެ ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ އެކިއެކި ކްލިނިކްތަކާއި ސެންޓަރުތަކުގައި ދާއިމީކޮށް މަސައްކަތް ކުރަން ގިނަ އަދަދެއްގެ ނަރުހުނުން ހޯދަން އިއުލާނުކޮށްފިއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްއިން ބުނީ މި ވަޒީފާތަކަށް ހޮވޭ ފަރާތްތައް މަސައްކަތްކުރަން ޖެހޭނީ ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން ޖީ.ޕީ ކްލިނިކްތަކާއި، އައިޑީއެމްސީ، ޑަޔަލިސިސް ސެންޓަރ އަދި މެންޓަލް ހެލްތް ސެންޓަރުގައެވެ. މި ތަންތަނަށް ޖުމްލަ 6 ނަރުހުން ބޭނުންވެއެވެ.

މި ފަހަރު ނަރުހުން ހޯދުމަށް ހަމަޖެހިފައި ވަނީ ޕީ.އެސް 5 އަދި ޕީ.އެސް 7 ގެ ރޭންކުގައެވެ.

ޕީ.އެސް 5 ގެ ނަރުހަކަށް - އަސާސީ މުސާރައިގެ ގޮތުގައި މަހަކު 11,428 ރުފިޔާ ލިބޭއިރު، މަޤާމުގެ އެލަވަންސްގެ ގޮތުގައި 5,333 ރުފިޔާ އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 144 ރުފިޔާ ލިބޭނެއެވެ.

ޕީ.އެސް 7 ގެ ނަރުހަކަށް - އަސާސީ މުސާރައިގެ ގޮތުގައި މަހަކު 13,057 ރުފިޔާ، މަޤާމުގެ އެލަވަންސްގެ ގޮތުގައި 6,094 ރުފިޔާ އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 165 ރުފިޔާ ލިބޭނެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ ނަރސިންގ ދާއިރާއިން ލެވެލް 5 ނުވަތަ 6 ގެ ޑިޕްލޮމާ (ޕީ.އެސް 5 އަށް)، ނުވަތަ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް (ޕީ.އެސް 7 އަށް) ހާސިލްކޮށްފައިވާ ފަރާތްތަކަކަށް ވާންޖެހެއެވެ. އަދި މީގެ އިތުރުން މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް އޮތުމަކީ ވެސް މި ވަޒީފާގެ އަސާސީ ޝަރުތެކެވެ.

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ނޮވެމްބަރ މަހުގެ 4 ވާ ބުދަ ދުވަހުގެ މެންދުރު 13:30ގެ ކުރިން، އެޕްލިކޭޝަން ފޯމާއި ގުޅޭ ލިޔެކިޔުންތައް ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4ވަނަ ފަންގިފިލާއަށް ހުށަހަޅަން ޖެހޭނެއެވެ. އަދި [email protected]އަށް އީމެއިލް މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ވަޒީފާއަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތައް ކުރިއަށްދާނީ 09 ނޮވެމްބަރ 2026އިން ފެށިގެން 25 ނޮވެމްބަރ 2026ގެ ނިޔަލަށް ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގައެވެ.

Ads by Ooredoo