އެއާޕޯޓު ޓެކްސްތައް ބޮޑުކުރަން ނިންމި ނިންމުމާ މެދު ދެވަނަ ވިސްނުމަކަށް ދާނަން: ރައީސް ޞާލިޙް
އެއާޕޯޓުން ފުރާ ފަސިންޖަރުން އަތުން ނަގާ އެއާޕޯޓު ޓެކްސް އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން މަޖިލީހުގެ ކޮމިޓީން މިއަދު ނިންމި ނިންމުމާ މެދު ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހް ވިދާޅުވީ އޭރު ބިލު ހުށަހެޅީ 2020 ވަނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދުމަށް ކަމަށާއި ބިލު ހުށަހެޅި އިރު ކޮވިޑްގެ ހާލަތު ނެތް ކަމަށެވެ. އެހެންކަމުން މިހާރު އިތުރަށް އެ ޓެކްސް ނަގާ ތާރީހާ މެދު ވިސްނަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.
"އަޅުގަނޑަށް ވެސް ތިކަމާ ދޭތެރޭ ވިސްނާލަން ޖެހޭ ވަގުތެއް ކަމަށް ދެކެން. އަދި މަޖިލިހުން ފާސް ކުރާއިރު, ބިލަށް އަމަލު ކުރާ ތާރީހާ މެދު ވިސްނާނަން," ރައީސް ޞާލިހް ވިދާާޅުވިއެވެ.
ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން އަތުން ޓެކްސްއާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ގައެވެ.އެ ބިލު ދިރާސާކޮށް, އިގްތިސާދީ ކޮމިޓީން މިމަހު 14 ވަނަ ދުވަހު ކޮމިޓީ ރިޕޯޓު ތަޅުމަށް ފޮނުވިއެވެ. އަދި މަޖިލީހުގެ މުޅި ކޮމިޓީން ވެސް މިއަދު ވަނީ އެގޮތަށް ފާސްކޮށްފައެވެ.
ރައީސް ޞާލިޙް އެ ބިލާ މެދު މިއަދު ވިދާޅުވީ އެ ބިލު ފާސް ކުރުމުގެ ކުރިން އެކަމާ މެދު ވިސްނައި, ކޮމިޓީއާއި މަޖިލީހާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.