މާލޭ ބޯހިޔާވަހިކަމުގެ ސާވޭއެއް ހަދަނީ
މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅޭ ގޮތުގެ ބޯހިޔާވަހިކަމުގެ ސާވޭއެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ.
"ގެދޮރުވެރިކަން ހާސިލު ކުރުމުގެ އަމާޒު" ގެ ނަމުގައި ކްލަބްހައުސް މެދުވެރިކޮށް މިރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ރައްޔިތުން ދިރިއުޅޭ ގޮތުގެ ހައުސިންގް ސާވޭއެއް ކުރިއަށް އޮތް ތަނުގައި ވަރަށް ތަފްސީލުކޮށް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އަޅުގަނޑުމެން މާލޭގައި ރައްޔިތުން ދިރިއުޅޭ ގޮތުގެ ހައުސިން ސާވޭއެއް ވަރަށް ތަފްސީލުކޮށް ކޮންމެ ގެއަކުން މައުލޫމާތު އެއްކޮށް (ކޮވިޑްގެ ހާލަތު ރަނގަޅު ވީހާ އަވަހަކަށް) އަޅުގަނޑުމެންގެ ދިރާސާ މައުލޫމާތު އެއް ކުރަން ފަށާނަން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މިއީ މުސްތަޤުބަލުގައި ކުރިއަށް ގެންދެވޭ އެކިއެކި މަޝްރޫޢުތަކުގައި ބޭއިންސާފުން ކަންތައް ވެގެން ނުދިޔުމަށް ޓަކައި ކުރައްވާ ސާވޭއެއް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"ކައުންސިލުން އިސް ނަގައިގެން މާލޭގެ ހުރިހާ ރައްޔިތުންގެ ތަފްސީލު (ދިރިއުޅޭ ގޮތުގެ ތަފްސީލު) ނެގުމަށް ކައުންސިލްގެ ޕްލޭނުގައި ފާސް ކޮށްފައި އޮންނާނެ. އެއާ އެއްގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މިރޭގެ ބައްދަލުވުމުގައި ޑރ. މުޢިއްޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރި ފްލެޓުތަކުގެ ކުލި ކުޑަ ކުރުމާ ގުޅޭގޮތުން ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުއާ ވާހަކަ ދެއްކެވި ކަމަށެވެ.
އެގޮތުުން ރައީސް ޞާލިޙްއާއި މޭޔަރުގެ އެ ބައްދަލުވުމުގައި، ހިޔާ ފްލެޓުތަކުގެ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް ކުލީގެ ގޮތުގައި 8500 ރުފިޔާ ކޮންމެ މަހަކު ދެއްކުމަކީ ގިނަ ރައްޔިތުންނަށް ދަތިވެދާނެ ކަމެއް ކަމަށް ދެންނެވި ކަމަށާއި އެ އަގު ކުޑަ ކުރުމަށް ކުރެވެން ހުރި ކަންކަން ކުރިއަށް ގެންގޮސް ދިނުމަށް ރައީސް އަރިހު ދެންނެވި ކަމަށެވެ.
"އެހެން ނަމަވެސް އެކަން އެދެވޭ ގޮތެއްގައެއް ނުއެއް ހިނގާ. ސަރުކާރުން އަޅުގަނޑުމެންނާ ހިއްސާ ކުރި މައުލޫމާތުތައް އެ ބޭފުޅުން މީޑިއާއާ ހިއްސާ ކުރީ. އެ އަދަދުތައް އަޅުގަނޑުމެން އެދުނިން އަޅުގަނޑުމެންނާ ހިއްސާ ކުރުމަށް. އަޅުގަނޑުމެން އެ ނަގައި އެނެލައިޒްކޮށް ރައްޔިތުންނަށް ކިޔައިދިނުމަށާއި ސަރުކާރާ އެ އެނެލައިސިސް ހިއްސާ ކުރުމަށްޓަކައި" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެޗްޑީސީއާއި ޕްލޭނިންގް މިނިސްޓްރީން ދެއްވި މައުލޫމާތު އެކަމުގައި ކުރިން ބައިވެރިވެ މަސައްކަތް ކުރި ގާތްގަނޑަކަށް ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް ވަރަށް ތަފްސީލު ދިރާސާއެއްކޮށް އޭގެން އެނގުނު ކަންތައްތައް އިއްޔެ ރައީސް އޮފީހަށާއި ޕްލޭނިންގް މިނިސްޓްރީއާ ހިއްސާ ކުރެއްވި ކަމަށެވެ.