ރިޟްވާންގެ މައްސަލަ: މަރު ކޮމިޝަނަށް ހޯދުނު އިތުރު ކުރިއެރުމެއް ނެތް!

ރިޟްވާން ގެއްލުވައިލިތާ މިހާރު 6 އަހަރާ 10 މަސް ވެއްޖެއެވެ. ރިޟްވާން ގެއްލުވައިލައިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް އަށްވަނަ ދުވަހުގައެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓައެވެ.
ރިޟްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. ރިޟްވާންގެ މަރާ ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހު ރައީސް ދެއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ހުރަސްތަކާއި ދަތިތަކާ އެކު ވެސް މި މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާ އެކު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ހުއްޓައި ނުލައި ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އާއިލާގެ އެދުމާ އެއްގޮތަށް މަސައްކަތް ކުރަމުން ދަނީ، އިތުބާރު ކުރެވޭ ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރެއް ތަހުޤީޤު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
މީގެ ކުރިން މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި ވަނީ ރިޟްވާނު ހުޅުމާލެއަށް ދިޔަ ފަހުން ކާރަކަށް އަރުވައިގެން ރަހީނު ކުރުމަށް ފަހު ޑިންގީއަކަށް އަރުވައިގެން އއ. އުކުޅަހު ދޯންޏަކަށް ގެންގޮސް މަރައިލައި ކަނޑުފެއްތީ ކަމަށެވެ. އަދި ބަޔަކު އޭނާ މަރައިލުމަށް ފަހު އެއްލައިލައިފައިވާ ކަމަށާއި އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައި ވަނީ ދީނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވެސް އެ ރިޕޯޓްގައިވެއެވެ.
ރިޟްވާންގެ ތަހުގީގަށް ބޭރުގެ މާހިރަކު އައްޔަނު ކުރުމަށް އޭނާގެ އާއިލާގެ ފަރާތުން އެދުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް ބޭރުގެ މާހިރަކު ރާއްޖެ ވަޑައިގެން، މަރު ކޮމިޝަނާއެކު މަސައްކަތް ވެސް ފެށިއެވެ. ރިޟުވާންގެ މަރުގެ މައްސަލައިގައި އަދިވެސް އެއްވެސް މީހަކަށް ދައުވާކޮށްފައި ނުވި ނަމަވެސް އެ މައްސަލަ ހުއްޓައި ނުލާ ބަލަމުން އަންނަކަމަށް ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ.
ރިޟްވާނު ވަގަށް ނަގައި ގެއްލުވައިލިތާ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު އޭނާގެ އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިންނާއި ހެޔޮއެދޭ އެތައް ބަޔަކު އަދިވެސް ތިބީ ރިޟުވާންގެ މަރަށް އިންސާފު ލިބުމުގެ އުއްމީދުގައެވެ.






ކޮމެންޓް