ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރު އިންޑިއާއިން ދީފި

އިންޑިއާ ހައިކޮމިޝަނަރު ސަންޖޭ ސުދިރްއާއި ހައި ކޮމިޝަނުގެ ވެރިންގެ އަބުރު ގެއްލޭ ގޮތަށް އެކި ޕޯސްޓުތަކާއި، ނޫސްތަކުގައި ޝާއިއުކުރާ ލިޔުންތަކުގެ ޒަރިއްޔާއިން ހަމަލާދޭ ކަމަށް ބުނެ، އެކަންތައް ހުއްޓުވައި ފިޔަވަޅު ނާޅައިފިނަމަ ދެގައުމުގެ ގުޅުމަށް ބުރޫ އަރައިފާނެކަމުގެ އިންޒާރު އިންޑިއާގެ ހައިކޮމިޝަނުން ދީފިއެވެ.
އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރަށް ސިޓީއެއް ފޮނުވައިފައި ވެއެވެ.އެ ސިޓީގައި ބުނެފައި ވަނީ މީސްމީޑިއާގެ އެކި މަންސަތަކުގައާއި، ނޫސްތަކުގައި ހައިކޮމިޝަނާއި އެ މިޝަންގެ ހެޑް އަދި ޑިޕްލޮމެޓިކް މުވައްޒަފުންގެ އަބުރަށް ގެއްލުންދެމުންދާކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަކަމަށެވެ.
މީގެ އިތުރުން އެފަދަ ކަންކަން ތަކުރާރު ވާނަމަ ހައިކޮމިޝަންގެ މަސައްކަތްތަކަށް ބުރޫ އަރާފާނެ ކަމަށާއި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް މިކަމުގެ ސަބަބުން އަސަރު ކޮށްފާނެ ކަމުގެ އިންޒާރު ވެސް އެ ސިޓީގައި ދީފައި ވެއެވެ.
އެހެންކަމުން ބޭރުގެ ޑިޕްލޮމެޓުންނަށް އެ މީހުން ތިބޭ ގައުމަކުން ރައްކާތެރިކަން ދޭން ޖެހޭނެ ކަމާއި، އެ ޑިޕްލޮމެޓުންނަށް އެއްވެސް ގެއްލުމެއް ލިބިދާނެ ފަދަ ކަމަކުން ސަލާމަތް ކުރުމަށް އެ ގައުމެއްގެ ސަރުކާރުން ފިޔަވަޅު އަޅައި ދޭން ޖެހޭނެ ކަމަށް “ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަން" ގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް ވެސް އިންޑިއާގެ ހައިކޮމިޝަނުން ފޮނުވި ސިޓީގައި ވަނީ އެދިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމަށް އެ ކޮމިޝަނުން ގުޅުއްވާ އެވާހަކަ ދަންނަވާ އެ ކަންބޮޑުވުން ފާޅު ކުރައްވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.






ކޮމެންޓް