ދީން

ޤުރުއާން ކިޔެވުމުގެ މާތްކަން ، ވަހީ ލިޔުއްވާ މާތް މަލާއިކަތުންނާ އެކުގައި ވުމުގެ މާތްކަން ވެސް ލިބިގަނެވިދާނެ!

އާއިޝަތު އަލީނާ ، ދެން އޮންލައިން

ޤުރުއާން އުނގެނި ، އުނގައްނައިދިނުމަކީ މާތް މަތިވެރި ކަމެކެވެ. ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބެން އޮތް މަގެކެވެ. ޤުރުއާނާ އެކު އުޅޭ މީހަކީ ނުވަތަ އެ ގޮތުގައި ވާ ޢާއިލާއަކީ ދުވަހަކު ވެސް ނިކަމެތި ވާނޭ ޢާއިލާއެއް ނޫނެވެ. އެހެނަސް އެއީ މާތްކަމާއި މަތިވެރިކަން ލިބިގެންވާ ބައެކެވެ.

Ads by Hajj Corporation

رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. " خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ " (رواه البخاري) މާނައީ: " ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ވެގެންވާ މީހަކީ ޤުރުއާން އުނގެނި އެޤުރުއާން އުނގަންނައިދޭ މީހާއެވެ."

ދަންނާށެވެ. އެންމެ ހެޔޮ ވެގެންވާ މީހާގެ ސިފަ އެ އޮތީ ސާފުކޮށް ފެންނާށެވެ. އެއީ ﷲ ތަޢާލާގެ ބަސްފުޅުތައް ދަސްކޮށް އެ ބަސްފުޅުތަކާ އެއް ގޮތަށް ދުނިޔޭގެ ދިރިއުޅުން ހޭދަ ކުރާ މީހާއެވެ.

މިފަދަ މަތިވެރިކަމެއް ދެއްވާފައިވާ އަޅުކަމަކަށް ﷲ ތަޢާލާ ދެއްވާ އިތުރު ޘަވާބާއި މަތިވެރި ދަރަޖަ ތަނަވަސް ވެގެންވެއެވެ. ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް 10 ޘަވާބު ލިބިގެން ދެއެވެ. ޤުރުއާންގެ އަހުލުވެރީންގެ ދިރިއުޅުން ފަސޭހަވެ ، އެމީހުންގެ މޫނުތައް އަލިވެގެން ވެއެވެ. ހިތާމަ ކުރާނޭ ކަމެއް އެމީހުންގެ މައްޗަކަށް ނުވެއެވެ. މީގެ އިތުރުން ދެއްކުންތެރިކަމެއް ނެތި ، އިޚްލާޞްތެރިކަމާއެކު ޤުރުއާން ކިޔަވާ އެގޮތުގައި ވާ މީހަކަށް ﷲ ތަޢާލާ ދެއްވާ ވަރަށް ބޮޑު އެހެން މަތިވެރިކަމެއް އެބައޮތެވެ.

رسول الله صلّى الله عليه وسلّم، حديث ފުޅު ކުރައްވާފައިވެއެވެ. " الماَهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ " (متّفق عليه) މާނައީ: " ޤުރުއާން ކިޔެވުމުގައި މާހިރުމީހާ ވާހުށީ ވަޙީ ލިޔުއްވާ މާތް މަލާއިކަތުންނާ އެކުގައެވެ."

އަޅުގަނޑުމެންނީ ޤުރުއާން ކިޔަވާ ، އެއާ އެއްގޮތަށް ޢަމަލު ކުރާ ބައެއް ކަމުގައި ލައްވާށިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!