ޚަބަރު

އައިޖީއެމްއެޗުން އޯޕީޑީގެ ޚިދުމަތް އަލުން ފަށަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އިން ރައްކާތެރިވާން އެޅި ފިޔަވަޅެއްގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މެދުކަނޑައިލައިފައިވާ ޚިދުމަތްތައް މާދަމާ އަލުން ފަށަން އެ ހޮސްޕިޓަލުން ނިންމައިފިއެވެ.

Ads by STELCO

މި ޚިދުމަތްތައް އަލުން ފެށުމަށް ނިންމައިފައި ވަނީ މާލޭގެ ކޮވިޑް ހާލަތު މިހާރު ކުރިއަށް ވުރެ ބޮޑަށް ކޮންޓްރޯލުވެފައިވުމާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމުންނެވެ.

މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗުން ބުނެފައި ވަނީ ހުރިހާ ޑިޕާޓްމަންޓަކުން ވެސް ބަލިމީހުން ހޮސްޕިޓަލަށް ގެންގޮސްގެން ހިންގާ އޯޕީޑީތައް މާދަމާ އަލުން ފަށާނެ ކަމަށެވެ.

މީގެ އިތުރުން ފިޒިއޯ ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީ ސެޝަންތަކާއި ކުރިން އޮންލައިންކޮށް ދެމުންދިޔަ ސެންޓަރ ފޮރ މެންޓަލް ހެލްތުގެ ޚިދުމަތް ވެސް މާދަމާއިން ފެށިގެން ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނީ މި ޚިދުމަތްތަކުގެ އިތުރުން ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ޚިދުމަތާއި ލެބޯޓަރީގެ ޚިދުމަތްތައް ވެސް ދޭގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި ޓީއެމްޓީ، އެންޑްސްކޯޕީ، ކޮލޮނޮސްކޯޕީ އަދި ބްރޮންކޮސްކޯޕީ ޚިދުމަތާއި ދުރާލާ ރާވައިގެން ކުރާ އޮޕަރޭޝަންތައް ވެސް މާދަމާ ފަށާ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭކަމަށް ވެސް ބުންޏެވެ.

އެ ހޮސްޕިޓަލަށް ގޮސް ޚިދުމަތް ހޯދުމަށް ހުޅުވައިލި ނަމަވެސް ކުރިން ވެސް އޮންލައިންކޮށް ދެމުންގެންދިޔަ ބައެއް ޚިދުމަތްތައް ދެމުން ގެންދާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ދޭ ޚިދުމަތްތަކުގެ ތެރެއިން ސްޕީޗް ތެރަޕީ ސެޝަންތައް ނޫން ހުރިހާ ޚިދުމަތްތަކެއް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00އަށް ލިބޭނެއެވެ. ސްޕީޗް ތެރަޕީގެ ސެޝަންތައް ކުރިއަށް ގެންދިޔުމަށް ނިންމައިފައި ވަނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!