Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދިވެހި ރާއްޖެއިން ދިން ފަރުވާ ފެނިފައި ޖަރުމަނުގެ ޑަކްޓަރުން ވެސް އަޖައިބުވި: ރައީސް ނަޝީދު

ދިވެހި ރާއްޖެއިން ދިން ފަރުވާ ފެނިފައި ޖަރުމަނުގެ ޑަކްޓަރުން ވެސް އަޖައިބުވި: ރައީސް ނަޝީދު

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި ހަ ވަނަ ދުވަހު ދިން ހަމަލައިގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ރާއްޖޭގެ އަބްދުއްރަހްމާން ދޮން ކަލޭގެފާނު ހޮސްޕިޓަލް (އޭޑީކޭ ހޮސްޕިޓަލް)އިން ދިން ފަރުވާ ފެނިފައި ޖަރުމަނުގައި އެމަނިކުފާނު ބެއްލެވި ޑަކްޓަރުން ވެސް އަޖައިބުވި ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

އާއްމުނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވައިލައިގެން މަޖިލީހުގެ އިދާރާއިން މިރޭ ކުރިޔަށް ގެންދިޔަ އާސްކް ސްޕީކާ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ފަރުވާ ދެއްވުމަށް އޭޑީކޭގައި ހަރަކާތްތެރިވި ހުރިހާ ޑަކްޓަރުންނަށާއި ނަރުހުންގެ އިތުރުން ހޮސްޕިޓަލުގެ ސްޓާފުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

"ޖަރުމަނު ޑޮކްޓަރުން ހަމަ އަޖައިބުވެފައޭ ތިބީ. އަޅުގަނޑަށް އޭޑީކޭއިން ދީފަ ހުރި މޮޅު ފަރުވާގެ ސަބަބުން. ދިވެހިރާއްޖެއިން ދީފައި ހުރި ރަނގަޅު، ކުޅަދާނަ، މޮޅު ފަރުވާގެ ސަބަބުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، ﷲގެ އިރާދަފުޅާ އެކު މިއަދު ދުނިޔޭގައި ހުންނެވީ، އޭޑީކޭ ޑަކްޓަރުން ކުރި ބުރަ މަސައްކަތުން ކަަމަށެވެ.

"އަޅުގަނޑު ފިއްކަޑައިގެން ދިޔައީ އެބޭފުޅުންގެ ކުޅަދާނަކަން ފެނިފައި. ތަންތަން ފަހައިފައި ހުރި ގޮތްވެސް ހާދަ ރީއްޗޭ އިނގޭތޯ." ޑަކްޓަރުންގެ މަސައްކަތަށް ތަޢުރީފު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ސިއްހީ ފަރުވާއަށް ބޭރަށް ވަޑައިގަތީ ކީއްވެތޯ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖަރުމަނަށް ފަރުވާއަށް ގެންދިޔައީ ސަރުކާރާއި އާއިލާއިން ބޭނުންވެގެން ކަމަށާއި ރައީސް ނަޝީދު އެތައް ފަހަރަކު އެކަން ނުކުރުމަށް އެދުނު ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމު ވަރަށް ފުރިހަމަ ކަމަށާއި ކަމެއް ވާން އިރަށް ބޭން ޖަހާފައި ބޭރު ޤައުމުތަކަށް ބޭސް ފަރުވާއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިވަގުތު އިނގިރޭސިވިލާތުގައި އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭސްފަރުވާ ނުލިބޭތީ ނޫން ކަަމަށާއި އެކަން ކުރީ ސިޔާސީ މާހައުލާ ދުރުގައި އާއިލީ ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ބޭނުންފުޅު ވެގެން ކަމަށެވެ. އަދި އެތަނުގައި ހިނގާ ޚަރަދުތަކަށް ސަރުކާރަށް ބަރޯސާވުމުގެ ވިސްނުމެއް ނެތް ކަމަށާއި އެހެން ނަމަވެސް ކޮންމެވެސް ވަރެއްގެ އެހީއެއް ދިނުމަށް ރައީސް ޞާލިޙްގެ އަރިހުން އެދިފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ކޮންމެ ވެސް އެއްޗެއް ދިނުމަށް ރައީސް އަރިހުގައި ދަންނަވާފައިވާނެ، އަދި ފިނޭންސްގައި ވެސް ދަންވާފައިވާނެ. އެހެން ނަމަވެސް އަޅުގަނޑު އިރާދަ ކުރެއްވިއްޔާ ޚަރަދު ކުރާނީ އަޅުގަނޑަށް ލިބިފައި ހުރި އެއްޗަކުން. ދެން އަޅުގަނޑުގެ ގާތްތިމާގެ މީހުން ވެސް މިހާލަތުގައި ހިފައިދޭނެ ކަމަށް އުންމީދު ކުރަން. ދެން ސަރުކާރަށް ބަރޯސާވާކަށެއް ނުއެއް ޖެހޭނެ އިރާދަކުރެއްވިއްޔާ." ނަޝީދު ވިދާޅުވިއެވެ.

އާސްކް ސްޕީކަރގެ މިރޭގެ ޕްރޮގްރާމްގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ، މިގޮތުން ކޮވިޑް-19 އިން އަރައިގަތުމަށް ސިއްހީ ދާއިރާއިން ކުރަމުން އަންނަ މަސައްކަތަށް ތަޢުރީފް ކުރައްވާ ވިދާޅުވީ، ދުނިޔޭގެ އެހެން އެތައް ޤައުމަކާ އަޅާ ބަލާއިރު، ރާއްޖޭގެ ސިއްހީ މާހިރުން ކުޅަދާނަ ކަމަށާއި ސިއްހީ ނިޒާމު ވަރުގަދަ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް