ޝިޔާމްގެ ރައްދު ރައީސް ނަޝީދަށް: ރައީސް ޔާމީން ވިދާޅުވާން ބޭނުންފުޅުވާ ވާހަކައެއް ރައީސް ނަޝީދުއާ ހަވާލެއް ނުކުރައްވާނެ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް ތާއީދު ކުރައްވާނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި އެމަނިކުފާނާ ގުޅިގެން ވެރިކަން ކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް ގުޅިގެން ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަންވީ ކަމަށް ބުނެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް އިދިކޮޅު ކޯލިޝަނުން ރައްދު ދެއްވައިފިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ޔާމީން ވިދާޅުވާން ބޭނުންފުޅުވާ ވާހަކައެއް ވިދާޅުވާނީ އެމަނިކުފާނު ނުވަތަ އެމަނިކުފާނުގެ ޕާޓީން ކަމަށާއި، ރައީސް ޔާމީން ވިދާޅުވާން ބޭނުންފުޅުވާ ވާހަކައެއް ރައީސް ނަޝީދު ވިދާޅުވާން ހަވާލު ނުކުރައްވާނެ ކަމަށެވެ.
"މީގައި ވެގެން މިއުޅޭ ގޮތަކީ ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރަން އެމްޑީޕީ ސަރުކާރަށް ނޭނގުން. އެހެންވީމަ މިހާރު ސިސްޓަމް މި ގޯސް ކުރީ. ނިޒާމު މި ގޯސްވީ ރައީސްއަށް ހިދުމަތް ކުރަން ނޭނގުނީމަ، ވެރިކަން ކުރަން ނޭނގުނީމަ. އެހެންވީމަ ބަރުލަމާނީ ނިޒާމުގެ ވާހަކަ އެ ދައްކަނީ" ޝިޔާމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އިތުރަށް ވިދާޅުވީ، ގޯހީ ސިސްޓަމް ނޫން ކަމަށާއި ގޯހީ ވެރިންނާއި ޕާޓީކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.
އެމްޑީޕީ ރަނގަޅީ އިދިކޮޅުގައި އޮންނަން، ވެރިކަމުގައި އޮންނާކަށް ކަމަކު ނުދާނެ އެމްޑީޕީއެއް ދުވަހަކު ވެސް.
ޕީޕީއެމްގެ ސަރުކާރެއްގައި (ރައީސް ޔާމީންގެ ސަރުކާރުގައި) ރިޔާސީ ނިޒާމުގެ ވެރިކަން ހިންގޭ ކަމަށާއި ބޮޑެތި ޕްރޮޖެކްޓުތައް ވެސް ހިންގޭކަމާއި ތަރައްޤީ ގެނެވޭކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާބިތު ކޮށްދެއްވާފައި ކަމަށް ވެސް މެމްބަރު ޝިޔާމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން ރިޔާސީ ނިޒާމެއްގެ ފޮނި މީރުކަން ވަނީ ވަރަށް ރަނގަޅަށް ގެނެސް ދެއްވައިފައިވާ ކަމަށް ވެސް ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވިއެވެ.