ނަފްރަތުގެ ބިލާ ގުޅިގެން އަދާލަތާ މަޝްވަރާ ނުކުރުމަކީ ހެދި ގޯހެއް: އިމްރާން
ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ވެސް އަދާލަތު ޕާޓީއާ މަޝްވަރާ ނުކުރުމަކީ ހެދި ގޯހެއް ކަމަށް އެ ޕާޓީގެ ލީޑަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ނަފުރަތުގެ ބިލުގެ ވާހަކަދައްކާ ނަމަ މިކަމުގެ އަސްލަށް ވާސިލުވާން ޖެހޭ ކަމަށާއި މި ކަމަކީ ބައިނަލްއަޤްވާމީ ކޮންވެންޝަންތަކުން ލާޒިމުކުރާކަމެއް ކަމުގައިވާއިރު، އަދާލަތު ޕާޓީން މިކަމާ ދެކޮޅުވެރި ނުވާ ކަމަށެވެ.
އެހެން ނަމަވެސް، މިކަމަކީ ހުރިހާ ފަރާތަކާ ގުޅުން ހުރި، އަދި ދީނީ ބައި ބޮޑު ބިލެއް ކަމަށް ވާއިރު، ޢަދާލަތު ޕާޓީ ކޯލިޝަންގައި އޮވެ އިސްލާމިކް މިނިސްޓްރީ ވެސް ޕާޓީގެ ސްލޮޓްގައި ހުރުމުން ޕާޓީގެ ބަސް ހޯދަން ޖެހޭކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
"ނަފުރަތުގެ ބިލުގެ ލެވެލް 1ގައި އަދާލަތު ޕާޓީއާ މަޝްވަރާ ނުކުރުމަކީ ހެދި ބޮޑު ގޯހެއް. ނަފުރަތުގެ ބިލު ބައްޓަން ކުރެވޭގޮތުން މި ބިލަކީ ނަފުރަތު އިތުރުވިޔަ ދީގެން ނުވާނެ. ނަޒަރިއްޔާތު އިއާދަކޮށްގެން ނޫނީ ބިލް ތަޞްދީޤު ނުކުރުމަށް ރައީސްގެ އަރިހުން އެދެން." އަދާލަތު ޕާޓީގެ ރައީސް ވިދާޅުވިއެވެ.
މި ބިލާ ގުޅޭގޮތުން އަދާލަތު ޕާޓީން މީގެ ކުރިން ވިދާޅުވީ "ނަފްރަތުގެ ޢަމަލު" ބަޔާން ކުރާ ބިލުގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ގާއިމުކުރުމަށް ހުރަސްއެޅިދާނެ ކަމަށް ފެންނަ ކަމަށެވެ.