ހަގީގީ ހާދިސާ

ބިރުވެރި ވާހަކަ: އަނދިރިގަނޑެއްގެ ތެރެއިން ފެނުނު "އެކުވެރިއެއް"!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވިއްސާރަ ރެއަކު، ފިހާރައަކުން އެއްޗެއް ގަނެގެން އެއް އަތުން ކުޑަ ހިފައިގެން އަނެއް އަތުން ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެން އަހަރެން ދިޔައީ، ވާރޭ ކަނިތަކުން ސަލާމަތްވާން އަވަހަށް ގެއަށް ދިޔުމަށެވެ. އޭރު ވެސް ދެ ފައި ތިލަ ތެމިފައި ހުރުމުން، ބާރަށް ހިނގުމުގައި ކޮންމެ ވެސް ވަރެއްގެ ދަތިކަމަކާ އެކު ވެސް، އިތުރަށް ނުތެމިވޭތޯ ކުރެވެން ހުރި ކަމެއް ކުރީމެވެ.

ދިރިއުޅޭ ފްލެޓާ ކައިރިވީ އިރު ފެނުނީ، އެ ފްލެޓުގެ އެހެން އެޕާޓްމަންޓެއްގައި ދިރިއުޅޭ އަވަށްޓެރިއެއް ވާރޭގަނޑު މެދުގައި ހުއްޓައެވެ. އޭނާއަކީ ޒުވާން ފިރިހެނެކެވެ. އެންމެންނަށް ވެސް އެނގިފައިވާ ގޮތުގައި އޭނާއަކީ ސިކުނޑީގައި (ވިސްނުމުގައި) ކޮންމެވެސް ވަރަކަށް އުނިކަމެއް ހުރި މީހެކެވެ. ނަމަވެސް އޭނާ ދުވަހަކު ވެސް މީހަކަށް ގޯނާ ކޮށްފައެއް ނުވެއެވެ.

އަހަންނަށް ފެނުނީ ކޮންމެވެސް މީހަކާ އޭނާ ވާހަކަ ދައްކަނިކޮށެވެ. ދައްކަނީ ކޮން ވާހަކައެއްކަން އޭރު އަޑު ނުއިވުނަސް އޭނާ ކޮންމެވެސް އެއްޗެއް ކިޔައިފައި ހޭ އަޑު އިވުނެވެ. ހައިރާންވީ ކަމަކީ އެވަގުތު އެތަނުގައި އޭނާއާއި އަހަރެން ނޫން އެއްވެސް މީހަކު ނެތް ކަމެވެ. އޭނާ އަނެއްކާ ވާހަކަ އެ ދައްކަނީ، މިޒަމާނު ކުދިން ގެންގުޅޭ ކަހަލަ "ބްލޫޓޫތު" ހެޑްސެޓެއް ޖަހައިގެންބާއޭ ވެސް ހިތަށް އެރިއެވެ. ކޮންމެއަކަސް އަހަރެން ބޭނުންވީ، ލޮލު ކުރިމައްޗަށް ފެންނަން ހުރި މަންޒަރު ޤަބޫލު ނުކޮށް، އެއީ އެހެން ސަބަބަކުންވާ ކަމެއް ކަމަށް ހީކުރާށެވެ.

އޭނާއާ ގާތަށް ޖެހިލީމެވެ. ކަންފަތުގައި އެއްވެސް ވައްތަރެއްގެ ހެޑްސެޓެއް ނެތެވެ. އެހެންކަމުން އަހަރެންގެ ހިތް ބިރުގަތެވެ. އެވަގުތު އޭނަގެ ނަޒަރު އަހަންނާ ދިމާލަށް ހުއްޓުނެވެ. ބިރުން ވިރިވިރި ހުރި ފަދަ ހާލެއްގައި ހުއްޓަސް އަހަރެން ނިންމީ މާތް ރަސްކަލާނގެއާ ވަކީލު ކޮށްލައިފައި އޭނާއާ ވާހަކަ ދައްކާށެވެ. ނުފެންނަ މީހަކާ އޭނާ ވާހަކަ ދައްކަން ހުރި ކަމުގައި ވިޔަސް، އޭނާއަކީ ދުވަހަކު ވެސް މީހަކަށް ގޯނާއެއް ކޮށްފައި ނުވާ މީހަކަށް ވާތީ، އަހަންނަށް ވެސް ގޯނާއެއް ނުކުރާނެ ކަމަށް ކޮންމެވެސް ވަރަކަށް ޤަބޫލު ކުރެވުނެވެ.

އޭނާގެ ނަމުން ގޮވައިލައިފައިއި ހާލު އަހުވާލު އަހައިލުމުން ފުރަތަމަ ވެސް ބުނީ "މިހާރު ރަނގަޅު" ކަމަށާއި "މީގެ ދުވަސްކޮޅެއް ކުރިން ބަލިވި" ކަމަށެވެ. ކިހިނެއްވީތޯ ސުވާލު ކުރުމުން އޭނާ ބުނީ، ކޮންމެ ވެސް މީހަކު ފެންނަނީ ކަމަށެވެ. އަދި އޭނާގެ ވާހަކަ ކިޔައިދޭން ފެށިއެވެ.

"ކުރިން އަބަދުވެސް ހީވޭ ގޮވާހެން. އެކަމަކު އަޅައެއް ނުލަން. ގޭގައި އަހަންނާ ވާހަކަ ދައްކާ މީހަކު ނުހުންނާތީ ފޫހި ވެގެން އަބަދުވެސް ނިކުންނަނީ ބޭރަށް. ރޭގަނޑު ވެސް އެހެންވެ ދަން ބޭރަށް. ގަޑިން ކިހާއިރަކު ކަމެއް ނޭނގެ ދެވެނީކީ، އެކަމަކު އެއްރޭ ގޭގައި އެންމެން ނިދާފައި ތިބި ވަގުތަކު ނިކުތިން ބޭރަށް. ފްލެޓުން ނިކުންނަތާ ގޭޓު ކައިރީ އަނދިރިގަނޑުގައި ހުރީ މިތަނުގައި އުޅޭ ދޮންތުއްތު. އޭނަ ހުރީ އާންމުކޮށް ހުންނަހެން ބަލިކޮށެއް ވެސް ނޫން. ހިނގަން ގެންގުޅޭ ދަނޑިގަނޑެއް ވެސް ނެތް. ދެ އަތް އުރައިލައިގެން އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުރީ" އޭނާއަށް އެ ފެނުނީ ދޮންތުއްތު ނޫންކަން އަހަންނަށް ޔަގީންވާ ވަރަށް އޭނާ ކިޔައިދިނެވެ.

ވިއްސާރަ، އަނދިރި ރެއެއްގައި އެފަދަ ވާހަކައެއް ކިޔައިދޭން ފެށުމުން އަހަރެން ހިތް ބިރު ގަންނަން ފެށި ކަމުގައިވިޔަސް، އިތުރަށް އެވާހަކަތައް އަޑު އަހާ ހިތްވާ ފަދަ ޝައުޤުވެރިކަމެއް ވެސް ހިތުގައި އުފެދުނެވެ.

"އަހަރެން އެހިން ދޮންތުއްތު ކައިރީގައި ދަނޑިގަނޑު ކޮބައިހޭ. ވާހަކަ ނުދެއްކީމަ އަހަންނާ ރުޅީތޯ ސުވާލުކޮށްފަ ދާން ހިނގައިގަތީމަ އެހީ ހިނގާލަންހޭ ތިދަނީ. ބުނިން އާނއެކޭ. ދޮންތުއްތު ބޭނުންވީ އަހަންނާ އެކީގައި ދާން. ބުނިން އޯކޭއޭ ހިނގާށޭ. ދެން ގަސްތައް ކައިރިއަށް ގޮސްފަ ބުނީ އެކަނި އަންނަނީ ކީއްވެހޭ އަހަރެން ބުނިން އެއްކޮށް އަންނާނެ މީހެއް ނުވާތީއޭ. ދެން އޭނަ ބުނީ ތިމަންނައަކީ ދޮންތުއްތުއެއް ނޫނޭ، އެހެން އަހަންނަށް ފެނުނަސް. ދެން ފުރަތަމަ ހީވި އަހަރެން ބިރުގަތްހެން. އެކަމަކު ފަހުން ހަމަ ޔަގީނުން ވެސް ބިރެއް ނުގަތް. އޭނަ ބުނީ އޭނައަކީ އަހަރެންގެ ފްރެންޑެކޭ އެހެންވީމަ ދެން އޭނައާ އެކީގައޭ ދާންވާނީ. އަހަރެން އޯކޭ އޭ ބުނިން. މިހާރު އަހަރެން ވަރަށް ހެޕީ. އެކުވެރިއެއް ލިބިއްޖެ" ބިރުގެންފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ނެތި އޭނާ ބުންޏެވެ.

"އަހަރެން އެކުވެރިޔާއާ އެކީ މިހާރު ވަރަށް ގިނަ ކަންކަން ކޮށްފިން. އޭނަ އަސްލު ހުންނަ ގޮތް ވެސް ފެނޭ ބައެއް ފަހަރު އެކަމަކު އަހަރެން ބޮޑަށް ވާހަކަ ދައްކާ ހިތްވަނީ ދޮންތުއްތުގެ ސިފައިގައި އައިމަ. އެހެންވެ ގިނައިން އޭނަ އަންނަނީ އެ ސިފައިގައި. އަހަރުމެން ގަސްތަކަށް ވެސް އަރަން ދަންވަރު. ގެއިން މީހަކު ނުހޯދާތީ ވަރަށް ހެޕީ ހަމަ. އެކުވެރިޔާ އަހަންނަށް މޭވާ ވެސް ކާންދޭ. އެހެންމީހުންނަށް ވުރެ ރަނގަޅަށް ބަލާ. މަޖާ ކަންކަން ކުރަނީ. މިރޭ ވެސް މިއައީ ވާރެއާ ތެމިލާ ހިތުން" މިހެން ބުނެފައި އޭނަގެ ވާތް ފަރާތަށް އެނބުރިފައި، އާނއެކޭ ބުނާ ފަދަ ގޮތަކަށް ބޯ ޖަހައިލިތަން ފެނުނެވެ.

އަހަންނާ ދިމާލަށް ދެން އެނބުރިފައި ބުނީ "އެކުވެރިޔާ"ގެ ވާހަކަ އިތުރަށް ނުކިޔައިދޭން ބުނި ކަމަށެވެ. އަހަރެން ވެސް ވަރަށް ހިތްވަރު ކޮށްފައި، ބުނޭ ނުބުނެވޭ އެއްޗެއް ނޭނގި، އުފަލުގައި ހެޔޮ ހާލުގައި ހުންނައްޗޭ ބުނެފައި އެތަނުން ގެއަށް ދާން އަވަހަށް ހިނގައިގަތީމެވެ.

އޭރު ވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެއެވެ. އަހަރެންގެ ހެދުމުގެ ފަސްބައި އެއްކޮށް ފޯވި ފަދައެވެ. ގަތް އެއްޗެހި ހުތި ކޮތަޅު ހިފައިގެން މައްޗަށް އަރަމުން ހިތަށް އެރީ، ހަގީގަތުގައި އޭނާއަށް ކޮންމެ އެއްޗެއް ފެނިފައިވީ ނަމަވެސް، އެ އެއްޗެއް އޭނާއަށް ގޯނާއެއް ނުކުރާކަމެވެ. އޭނާގެ މައިންބަފައިން ގާތު އެވާހަކަތައް ކިޔައިދީފިނަމަ ދެން ވާނެ ގޮތެއް ވެސް ނޭނގޭތީ، އަދި އޭނާއަކީ "މޮޔައެއް" ކަމަށް މީހުން މިހާރު ވެސް ނިންމާފައިވާއިރު އޭނާ ދައްކާ ވާހަކަތައް މީހުން ޤަބޫލު ނުކުރާނެތީ، އެ ވާހަކަތަކާ އަޅައިނުލާން ނިންމާ ކޮތަޅުތައް ހިފައިގެން އަހަރެން ގެއަށް ވަނީމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!