އޭޝިއާ

ވެކްސިން ފުރިހަމަ ކުރި ސިއްހީ ޚިދުމަތްތެރިިން ފައްސިވާތީ ތައިލެންޑް ހާސްކަމަކަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ތައިލެންޑްގައި ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ 600އަށް ވުރެ ގިނަ ސިއްހީ ޚިދުމަތްތެރިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެޤައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

ތައިލެންޑްގެ ހެލްތް މިނިސްޓްރީން ބުނެފައި ވަނީ އެޤައުމުގައި ސިއްޙީ ޚިދުމަތްތެރިންނަށް ޖަހަމުން އަންނަނީ ޗައިނާގެ ސިނޮވެކް ވެކްސިން ކަމަށެވެ. މިހާތަނަށް އެޤައުމުގައި 677,348 މީހަކަށް ކޮވިޑް-19 ވެކްސިން ދީފައިވާއިރު، މީގެ ތެރެއިން 618 މީހަކުވަނީ ބަލި ޖެހިފައެވެ. ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާލާއިރު މިހައިތަނަށް ބަލި ޖެހިގެން ވެކްސިން ޖެހި ނަރުހެއް ވަނީ މަރުވެފައެވެ. މިއާ އެކު ވެކްސިންގެ އިތުރު ޑޯޒެއް ދިނުމަށް ވަނީ ނިންމައިފައެވެ.

ހެލްތް މިނިސްޓްރީން ބުނެފައި ވަނީ ސިއްހީ ޚިދުމަތްތެރިންނަށް ތިންވަނަ ޑޯޒެއް ދިނުމަށް ނިންމައިފައި ވަނީ ދިފާޢީ ނިޒާމު އިތުރަށް ވަރުގަދަކޮށް ވެކްސިންގެ ބާރު ގަަދަ ކުރުމަށް ކަމަށެވެ. އަދި މިއީ ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން ކުރަން ނިންމައިފައިވާ ކަމެއް ކަމަށް ވެސް މިނިސްޓްރީން ހާމަކުރެއެވެ.

ތައިލެންޑްގައި ކޮންޓްރޯލެއް ނެތި ކޮވިޑް-19 ފެތުރެން ވަނީ ފަށައިފައެވެ. މިގޮތުން އިއްޔެ އެކަނި ވެސް އެޤައުމުން 9,418 މީހަކު ވަނީ ފައްސިވެފައެވެ. އަދި 91 މީހަކު މި ބަލީގައި މަރުވެފައި ވެއެވެ.

ތައިލެންޑުން 336371 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި 2711 މީހުން ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ތައިލެންޑްގައި މިހާތަނަށް ޖަހައިފައި ވަނީ ޗައިނާގެ ސިނޮވެކް ވެކްސިނެއެވެ. މި މަހުގެ ފަހުކޮޅުގައި އެޤައުމުގައި އެސްޓްރާޒެނިކާ ވެކްސިން ޖަހަން ފަށާނެކަމަށް ހެލްތުން ހާމަކުރެއެވެ. މީގެ އިތުރުން އެމެރިކާއިން ދިން ފައިޒާގެ 1.5 މިލިޔަން ވެކްސިން ޑޯޒްތައްވެސް އޮކްޓޯބަރު މަހު އެ ގައުމަށް ލިބޭނެއެވެ.

ސިނޮވެކް ވެކްސިން ޖެހި ތައިލެންޑްގެ އަވަށްޓެރި އިންޑޮނޭޝިއާގައި ވެސް ދަނީ ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންނެވެ. އެ ޤައުމުން ވަނީ ބޫސްޓާ ވެކްސިން ޝޮޓެއްގެ ގޮތުގައި މޮޑާނާ ވެކްސިން ސިއްހީ ޚިދުމަތްތެރިންނަށް ދޭން ނިންމައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!