ކޮވިޑް ޖެހިގެން އޮސްޓްރޭލިއާއިން މިއަހަރު މަރުވީ އެންމެ މީހެއް!
ކޮވިޑް-19 ވޭދަނަތައް އޮސްޓްރޭލިއާގައި ކޮންޓްރޯލްވެފައި އޮތުމަށް ފަހު އަނެއްކާ ވެސް ކުއްލިއަކަށް އިތުރުވާން ފަށައިފިއެވެ.
އިއްޔެ އޮސްޓްރޭލިއާގައި ކޮވިޑް-19 ޖެހިގެން މީހަކު މަރުވިއިރު މިއީ މިއަހަރު އެޤައުމުގައި ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އިއްޔެ މަރުވެފައި ވަނީ އުމުރުން 90 އަހަރުގެ އަންހެނެކެވެ.
އޮސްޓްރޭލިއާގައި ކޮވިޑް-19އާ ގުޅިގެން އަޅައިފައިވާ ހަރުކަށި ފުރަބަންދަށް މި ހަފްތާގެ ތެރޭގައި ލުއި ދިނުމަށް ވަނީ ނިންމައިފައެވެ. އެހެން ނަމަވެސް ވޭދަނަތައް ކޮންޓްރޯލުން ނައްޓަފާނެތީ ފިޔަވަޅުތަކަށް ލުއި ދިނުން ފަސްކުރަން ނިންމައިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކުރެއެވެ.
އޮސްޓްރޭލިގާއި މިހާރު ފެތުރެމުން އަންނަނީ ކޮވިޑް-19 ޑެލްޓާ ވޭރިއަންޓެކެވެ. މިއީ ވަރަށް ހަލުވިކަމާ އެކު ފެތުރޭ ވޭރިއަންޓެކެވެ. އެ ގައުމުގައި މިހާތަނަށް ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 911 މީހުންނެވެ. އަދި ބަލި ޖެހިފައި ވަނީ 31،000 މީހުންނެވެ. އެޤައުމުގައި އިއްޔެ 55 މީހަކު ބައްޔަށް ފައްސިވިއިރު، އެންމެ ގިނަ މީހުން ފައްސިވި ދުވަހު އެޤައުމުން ބަލި ޖެހިފައިވަނީ 600 އެއްހާ މީހުންނަށެވެ. އެހެން ޤައުމުތަކާ އަޅާ ބަލާއިރު އޮސްޓްރޭލިއާގައި ކޮވިޑް-19 ވަރަށް ރަނގަޅަށް ކޮންޓްރޯލް ކުރަމުންނެވެ.
އެހެން ނަމަވެސް މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނަ ވޭރިއަންޓްގެ ސަބަބުން އިތުރު ރާޅެއް އަރައިފާނެ ކަމަށް އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެއީ އިއްޔެ ބައްޔަށް ފައްސިވި ގިނަ މީހުންނަކީ ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުން ފައްސިވި ބަޔަކަށް ވެފައި އެފަރާތްތަކާ އެއްތާވި ގިނަ ބަޔަކު ތިބޭނެތީއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އޮސްޓްރޭލިއާ ކުރީގައި އޮތް ނަަމަވެސް އެޤައުމުގައި ވެކްސިން ޕްރޮގްރާމް ވަރަށް ދަށްކަން ފާހަގަކޮށްލެއެވެ. މިހާރު އެޤައުމުގައި ވެކްސިން ޖަހަމުން އަންނަނީ 40 އަހަރުން މަތީގެ މީހުންނަށެވެ.
އޮސްޓްރޭލިއާގެ ކޮވިޑްގެ ހާލަތަށް ބަލައިލާއިރު މިވަގުތު އެޤައުމުގައި 15 މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މީގެ ތެރެއިން ދެ މީހަކު މިވަގުތު އޮތީ ވެންޓިލޭޓަރުގައެވެ. އަދި 52 މީހަކަށް މިވަގުތު އެނދުމަތިކޮށްގެން ދަނީ ފަރުވާދެމުންނެވެ.