ފްލެޓުތަކަށް ކަރަންޓް ދިނުމަށް ސްޓެލްކޯއިން ކުރަންޖެހޭ މަސައްކަތްތައް ކޮށް ނިންމައިފި
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި "ހިޔާ މަޝްރޫއު"ގެ ދަށުން ތަރައްޤީކުރި ފްލެޓުތަކާ ގުޅުވައިގެން ސްޓޭޓް އިލެކްޓްރިކަލް ކޮމްޕެނީ (ސްޓެލްކޯ)އިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިމިއްޖެއެވެ.
ސްޓެލްކޯއިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި ފްލެޓްތަކަށް ބޭނުންވާ ކަރަންޓު ދިނުމަށް ޓަކައި ހުޅުމާލެ ފޭސް ދޭއްގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެނަޖައިޒްކޮށް، ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބަހައްޓައިފައިވާ ޓްރާންސްފޯމަރުތައް ލައިވް ކޮށްފައިވެއެވެ.
ޓްރާންސްފޯމަރުތައް ލައިވް ކުރި ނަމަވެސް ހިޔާ ފްލެޓްތަކަށް ކަރަންޓް ލިބޭނީ ހިޔާ ފްލެޓްތަކުން ލޯ ވޯލްޓޭޖު ކޭބަލް ގެނެސް ގުޅުމުންނެވެ. އެނގިފައިވާ ގޮތުގައި އެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ އެޗްޑީސީން ޗައިނާގެ ސީއެމްއީސީ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކަރަންޓުގެ ބޮޑު ބައި މިހާރު ނިންމައިލައިފައިވާ އިރު އެ ފްލެޓުތަކަށް ފެނުގެ ހިދުމަތް ދިނުމަށް ޓަކައި އެމްޑަބްލިއުއެސްސީން ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް މިހާރު ވަނީ ނިންމައިފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފްލެޓް ލިބުނު ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކޮށް، ތަޅުދަނޑި ހަވާލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.