ޚަބަރު

ސިޒޭރިއަން ހެދުމަށް ފަހު ބަނޑުތެރެއަށް ބެންޑޭޖް ދޫކޮށްލެވުމުން ސީރިއަސް މައްސަލަތަކެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުތެރެއަށް ބެންޑޭޖްކޮޅެއް ދޫކޮށްލެވިފައި އޮތުމުން ސީރިއަސް މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި ފުވައްމުލަކު ހޮސްޕިޓަލުން އުމުރުން 25އަހަރުގެ އެ އަންހެންމީހާގެ ސިޒޭރިއަން ހަދައިފައި ވަނީ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުގައެވެ.

އަންހެން މީހާގެ އާއިލާގެ ފަރާތުން "ފުވައްމުލަކު ޓައިމްސް"އަށް މައުލޫމާތު ދެމުން ބުނީ، އެ އަންހެން މީހާގެ ސިޒޭރިއަން ހެދިފަހުން، އޭނާ އެއްޗެއް ކާއިރަށް ބަނޑަށް ތަދުވާން ފެށި ކަމަށެވެ. އެއަށް ފަހު ހޮޑުލެވެން ފެށި ކަމަށާއި ތަދުވާތީ ހޮސްޕިޓަލަށް ދިޔައިމަ އިންޖެކްޝަނެއް ޖަހައިފައި ފޮނުވައިލި ކަމަށެވެ.

ބަނޑަށް ތަދުވާތީ ކެތް ނުވެގެން އެމީހުން ދެން ނިންމީ މާލެ އަންނަން ކަމަށާއި، އައިޖީއެމްއެޗްގައި ރޭ ގާތްގަނޑަކަށް ނުވަ ގަޑިއިރުގެ ބޮޑު އޮޕަރޭޝަނެއް ކޮށް އެ އަންހެން މީހާގެ ބަންޑުން ބެންޑޭޖް ނަގައިފައިވާ ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ.

"އޮޕަރޭޝަން ނިންމައިފައި ޑޮކްޓަރުން ނުކުމެ ދެއްކީ ގޮހޮރުގައި ތައްލައިފައި އޮތް ބޭންޑޭޖްގަނޑެއް. އޭތި ނެގިއިރު ގޮހޮރުގައި ފާރު ހެދި ފޫގޮސްގެން ގޮހޮރުގެ އެއްބައި ނަގަން ޖެހުނު" އެ އަންހެން މީހާގެ އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

މިކަމާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވީ މިއީ ހިނގާފައިވާ ހާދިސާއެއް ކަމަށާއި މިކަމުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

"އިންވެސްޓިގޭޝަން ކުރިއަށްދާތީ އަދި ނެތް އިތުރު މައުލޫމާތެއް ދެވޭކަށް" ސައީދު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ފުވައްމުލަކު ސިޓީ މޭޔަރ އިސްމާއިލް ރަފީގް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކަމާ ގުޅޭގޮތުން ކައުންސިލުން ވަނީ ހޮސްޕިޓަލާ ބައްދަލު ކޮށްފައި ކަމަށާއި އެކަމުގެ ކަންބޮޑުވުން ހެލްތު މިނިސްޓަރާއި ރައީސްއާއި ނައިބު ރައީސްއާ ވެސް މިހާރު ހިއްސާ ކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވެސް މޭޔަރު ރަފީގް ވިދާޅުވިއެވެ.

  1. ތަކުބީރު

    ބުޅި ކެނޑޭނީ ކެޔޮޅުންގެ އަތުން. މިއީ ދުނިޔޭގެ ތަންތާ ވަކި އާކަމެއްވެސް ނޫން. ބެންޑޭޖް އެކަންޏެއް ނޫން އޮޕަރޭޝަން ކުރާ ކަތުރު ފަދަ ތަކެތިވެސް އެބަހުރި ދޫކޮށްލެވިފަ. އެކަމަކު މިއީ ވެގެންވާނޭ ގޮތެއްވެސް ނޫން.. އިންސާނެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅި އަދި މިހާރުވެސް ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތް ސިއްހީ ނިޒާމާއި މެދު އިތުރަށް ރައްޔިތުންގެ އިތުބާރުވެސް ކުޑަ ވެގެން ދާނޭ ކަހަލަ ކަމެއް. އަނިޔާ ލިބުނު ފަރާތަށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަވަަސް ޝިފާއެއް މިންވަރު ކުރައްވާށި.. އާމީން