ޚަބަރު

ހަނިމާދޫ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ތެރޭގައި ޓެންޑަރ ކުރެވޭނެ: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ހަނިމާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިއަހަރު ތެރޭގައި ޓެންޑަރ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ހަނިމާދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހަނިމާދޫގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ޚާއްޞަކޮށް މުޅި ބޮޑު ތިލަދުންމަތީގެ ތަރައްޤީއަށާއި، ފަތުރުވެރިކަމުގެ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫޢެއްކަން ފާހަގަކުރެއްވިއެވެ. އެ ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ކުރިޔަށްގެންދިއުމުގައި ކައުންސިލާއި އަދި ރައްޔިތުންގެ އެއްބާރުލުން ލިބިގެންދިއުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަ ކުރެއްވި ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ ފަހުގެ މަޢޫލޫމާތުތައް ކައުންސިލަރުންނާ ޙިއްޞާކު ރައްވައި އެކަންކަމާ ގުޅޭގޮތުން ކައުންސިލަރުންނާ މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ހައުސިންގެ މައްސަލަތަކަށް ޙައްލު ހޯދުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ހިމެނުމަށް ޕްލޭންކުރެވިފައިވާކަމާއި ޞިއްޙީ ދާއިރާއިން 30އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ޓެންޑަރ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަދި މި ނޫން ވެސް ހަނިމާދޫގައި ސަރުކާރުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ބައެއް ޕްރޮޖެކްޓްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ހަނިމާދުއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ. އަދި، އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވީ ހދ. ކުމުންދޫ އަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!