ގަދަ ވަޔާއެކު އެމްޕީއެލްގެ ފުރާޅުން ބައެއް ވިއްސައިގެން ހިނގައްޖެ

މާލެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ގަދަ ވަޔާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިމާރާތެއްގެ ފުރާޅުން ބައެއް ވިއްސައިގެން ހިނގައްޖެއެވެ.
އެ ސަރަޙައްދުގައި ހުރި "ދެން" ގެ ނޫސްވެރިއަކު ބުނި ގޮތުގައި، ވައި ގަދަވާން ފެށުމުން ފުރާޅުން ބައެއް ހުރީ ވަޔާ ތެޅިތެޅިއެވެ. އަދި އިރުކޮޅެއް ނުވެ ފުރާޅުން ބައެއް ނެއްޓިގެން ވިއްސައިގެން ދާތަން ފެނުނެވެ.
ފުރާޅުން ބައެއް ވަޔާ ވިއްސައިގެން ގޮސް ވެއްޓުނީ ތިރީގައި ހުރި އިމާރާތުގެ ފުރާޅުމައްޗަށެވެ.
މި މަންޒަރު ފެނުމުން "ދެން" ގެ ނޫސްވެރިޔާ ވަނީ މިކަން އެމްޕީއެލްގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި މިހާރު އެމްޕީއެލްގެ މުވައްޒަފަކު ގޮސް އެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
[caption id="attachment_105513" align="alignnone" width="768"]<img class="wp-image-105513 size-large" src="https://cdn.dhen.mv/wp-content/uploads/2021/07/mpl-furaalhu-768x1024.jpg" alt="" width="768" height="1024" /> ވަޔާ ވިއްސައިގެން ދިޔަ އެމްޕީއެލްގެ ފުރާޅުން ބައެއް މަރާމާތު ކުރަނީ/ ދެން އިމޭޖްސް: ރައުފާ ރަޝީދު[/caption]
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. އަތޮޅުން ދ. އަތޮޅަށް މިހާރު ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ބުނެފައި ވަނީ އެ ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.






ކޮމެންޓް