ފަރުވާ ކުޑަކުރި ފުވައްމުލަކު ހޮސްޕިޓަލްގެ ޑޮކްޓަރު މަސްއޫލިއްޔަތުން އެކަހެރިކޮށްފި
ފަރުވާ ކުޑަކުރި ފުވައްމުލަކު ހޮސްޕިޓަލްގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު މަސްއޫލިއްޔަތުން އެކަހެރިކޮށްފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ، ބައެއް އޮންލައިން ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރަށް ވަގުތީގޮތުން ފިޔަވަޅު އަޅައިފައިވާ ކަމަށެވެ. ނަމަވެސް ރަސްމީކޮށް ފިޔަވަޅެއް އަޅަން އެނގޭނީ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ދިރާސާ ކުރުމަށް ފަހު ނިމޭ ގޮތަކުން ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ.
"ރަސްމީ ފިޔަވަޅެއް އަޅަން އެނގޭނީ އިންވެސްޓިގޭޝަން ނިމުމުން. އޭރުން އެނގޭނީ ޒިންމާ ނަގަން ޖެހެނީ ކާކުކަން. މިވަގުތު މި އެޅީ ވަގުތީ ފިޔަވަޅެއް، އެއްވެސް ބަލި މީހެއްގެ ސާޖަރީއެއް ހެދުން ކަހަލަ ކަމެއް އެ ޑޮކްޓަރު ލައްވާ ނުކުރުވާނަން. އޭނާ ހުރީ، ބަލި މީހުންގެ ރައްކާތެރި ކަމަށް ޓަކައި ސާޖަރީ ކަހަލަ ނުރައްކާ ވެދާނެ ހުރިހާ ކަމަކުން އޭނާ އެކަހެރި ކޮށްފައި" ސައީދު ވިދާޅުވިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ އެ ޑޮކްޓަރު ސަސްޕެންޑްކޮށްފައި ވަނީ ޑޮކްޓަރުގެ ބެލުމުގެ ދަށުން ސިޒޭރިއަނެއް ހެދުމަށް ފަހު ދެ މަސް ފަހުން ބަލިމީހާގެ ބަނޑަށް ބެންޑޭޖްކޮޅެއް ދޫކޮށްލައިފައިވާ ކަމުގެ މައްސަލައެއް ދާދި ފަހުން ފެންމަތިވުމާ ގުޅިގެންނެވެ.
އެ މައްސަލަ ބަލައި ދިރާސާ ކުރި ފަހުން، ފާއިތުވީ ދެ މަސް ތެރޭގައި އެ ޑޮކްޓަރު ކޮށްފައިވާ ތިން ސިޒޭރިއަން އޮޕަރޭޝަނެއްގައި ވެސް މައްސަލަ ކުރިމަތިވިކަން ވަނީ ފާހަގަ ވެފައެވެ. އެ ތިން މީހުން ވެސް އެކަމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވަން ޖެހުނުކަން ހޮސްޕިޓަލުން ފާހަގަ ކޮށްފައިވެއެވެ.