ދުނިޔެ

އެންމެ ކާމިޔާބު ދެ ވެކްސިންކަމުގައިވާ ފައިޒާއާއި މޮޑާނާގެ އަގު ބޮޑުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ އާލަމީ ވަބާއިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ތެރެއިން މިހާތަނަށް އެންމެ ކާމިޔާބު ކަމަށް ބުނާ ދެ ވެކްސިން ކަމަށްވާ ފައިޒާއާއި މޮޑާނާ ވެކްސިންގެ އަގު ބޮޑު ކޮށްފިއެވެ.

Ads by Sosun Fihaara

ފައިޒާ އަދި މޮޑާނާ ވެކްސިން އުފައްދާ ދެ ކުންފުނިން، ވެކްސިންގެ އަގު ބޮޑުކޮށްފައި ވަނީ ޔޫރަޕްގެ ޤައުމުތަކަށެވެ. އެގޮތުން އެ ޤައުމުތަކަށް ކޮވިޑް ވެކްސިން ވިއްކުމަށް ހަދައިފައިވާ އެއްބަސްވުންތަކުގައި ހުރީ، ކުރިން އެ ދެ ކުންފުނިން ކޮވިޑް ވެކްސިން ވިއްކި އަގުތަކަށް ވުރެ ބޮޑު އަގުތަކެކެވެ.

އެ ދެ ކުންފުނިން ޔޫރަޕްގެ ޤައުމުތަކަށް ވެކްސިން ވިއްކައިފައިވާ ފަހުގެ އަގުތަކަށް ބަލާއިރު، ޔޫރަޕުގެ ގައުމުތަކަށް ވިއްކުމަށް ފައިޒާ ކުންފުނިން ކަނޑައަޅައިފައިވާ އަގަކީ، ވެކްސިން ޑޯޒެއް 19.5 ޔޫރޯ (23.15 ޑޮލަރު)އަށެވެ. މީގެ ކުރިން ފައިޒާ ވެކްސިންގެ ޑޯޒެއް ޔޫރަޕުގެ ގައުމުތަކަށް ވިއްކައިފައި ވަނީ، 15.50 ޔޫރޯ (18.39 ޑޮލަރު)އަށެވެ.

މޮޑާނާ ވެކްސިންގެ ޑޯޒެއް ޔޫރަޕުގެ ގައުމުތަކަށް ވިއްކުމަށް މިހާރު އެ ކުންފުނިން ކަނޑައަޅައިފައިވާ އަގަކީ، 25.5 ޑޮލަރެވެ. ކުރިން މޮޑާނާ ވެކްސިންގެ ޑޯޒެއް ވިއްކައިފައި ވަނީ، 22.60 ޑޮލަރަށެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ޔޫރަޕްގެ ޤައުމުތަކަށް ފައިޒާ އަދި މޮޑާނާ ވެކްސިން ވިއްކާ އަގު ބޮޑު ކޮށްފައި މި ވަނީ އެ ގައުމުތަކުން އެ ދެ ވެކްސިން ދާއިމީ ގޮތެއްގައި ގަންނަން ބޭނުންވާތީއެވެ.

ވެކްސިން އުފައްދާ އެހެން ކުންފުނިތަކުން ވެސް ކޮވިޑް ވެކްސިން އުފައްދައިފައި ވިޔަސް، ޔޫރަޕުގެ ގިނަ ގައުމުތަކުގައި ބޭނުން ކުރަމުން އަންނަނީ ފައިޒާ ވެކްސިނާއި މޮޑާނާ ވެކްސިންގެ އިތުރުން އެސްޓްރާޒެނެކާ ވެކްސިނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!