ރައީސް ޔާމީނަށް ކުރާ ތުހުމަތު ބުނެއެއް ނުދެވުނު: ޑރ. ޖަމީލު
ގެއްލުވައިލައިފައިވާ މިނިވަން ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަރު ކޮމިޝަނަށް ހާޒިރު ކުރި ނަމަވެސް، އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތު ވެސް ބުނެ ނުދެވުނު ކަމަށް ރައީސް ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެ ކޮމިޝަނުން މިއަދު އަމަލުކުރި ގޮތާ މެދު ވެސް ކަންބޮޑުވެލައްވާ ކަމަށެވެ.
ޑރ. ޖަމީލު ވިދާޅުވީ މަރު ކޮމިޝަންގެ ތަހުގީގަށް ހާޒިރުވެވަޑައިގަތުމުން ރައީސް ޔާމީނާ އެކު ހުންނެވޭނީ ދެ ވަކީލުންނަށް ކަަމަށް އަންގައިފައިވާ ކަމަށާ އެއީ ކޮން ގާނޫނެއްގެ ދަށުން ނިންމި ނިންމުމެއްތޯ ސުވާލު ކުރުމުން އެ ސުވާލަށް އެ ކޮމިޝަނުން ޖަވާބެއް ނުދެއްވުނު ކަމަށެވެ.
މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ވަކީލުންނަށް ތިބެވޭނެ އަދަދު ކަނޑައެޅިދާނެ ކަމަށާއި ނަމަވެސް އެކަމަށް ހަަދަން ޖެހޭ ގަވާއިދު ކޮމިޝަނުން އޮތީ ނުހަދައި ކަމަށެވެ.
"އަޅުގަނޑުމެން އެ ސުވާލު ކުރުމުން ސުވާލަށް ޖަވާބު ނުދީ ވިދާޅު ވަނީ އެއީ ތިމަންނާމެންގެ އަމިއްލަ ނިންމުމެކޭ ދެ ވަކީލުންނަށް ތިބެވޭނެ ކަމަށް ނިންމުމަކީ. އެކަން އެހެން ނުކުރެވޭނެ ކަމަށް ވިދާޅުވުމުން ދެން ވިދާޅުވީ ތިން ވަކީލުންނަށް ތިބެވޭނެ ކަމަށް. އަޅުގަނޑު ދެންނެވިން ގަވާއިދު ނުހަދާ އެފަދަ އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށް." ޑރ. ޖަމީލު ވިދާޅުވިއެވެ.
ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދައިފައިވާ ރިޔާސީ ކޮމިޝަނުން މަސައްކަތް ކޮށްފައި ވަނީ ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ އަސާސީ ހައްގުތައް ހަނިކުރެއްވުމަށް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.