އައްޑޫގައި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
އައްޑޫ ސިޓީގައި ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާ އެކު މިއަދު މެންދުރުފަހު ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުންނާ ސިޓީ ކައުންސިލުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އައްޑޫސިޓީ ކައުންސިލުގެ މެންބަރުންނާ މަޝްވަރާ ކުރައްވައިފައެވެ.
އެ ގޮތުން އެމަނިކުފާނު ވަނީ ސިޓީ ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމާ ގުޅޭ އެންމެފަހުގެ ތަފްސީލުތައް ޙިއްސާ ކުރައްވައި އެކަން ކަމުގައި ކައުންސިލުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިފައެވެ.
ސިޓީ ކައުންސިލުން ވަނީ ސަރުކާރުން އައްޑޫގައި ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިޔަށްގެންދާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން ޞިއްހީ ޚިދުމަތާއި މަގުހެދުން ބަނދަރު ހެދުންފަދަ ތަރައްޤީއާ ގުޅިފައިވާ މަޝްރޫއުތަކާއި އަދި ސިޓީގެ އިޖްތިމާއީ ކުރިއެރުމަށް ބޭނުންވާ އެކި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ގުޅޭގޮތުންނާއި އެކި މަޝްރޫޢުތަކާއި ޚިދުމަތްތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ކައުންސިލަރުން ރައީސްއާ ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އައްޑޫ ސިޓީއަކީ އާބާދީ ބޮޑު ސަރަހައްދަކަށް ވާތީ ސަރުކާރުން އެ ސިޓީއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން އައްޑޫ ސިޓީ ކައުންސިލަށް ދެއްވައިފައެވެ.
އެގޮތުން މަގުހެދުމާއި ނަރުދަމާ ނިޒާމާއި އަދި ވިޔަފާރި ބަދަރާއި ޞިއްހީ ދާއިރާއާއި ބޯހިޔާވަހިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާއާ އަދި މި ނޫން ވެސް ސިޓީގެ އިޤްތިޞާދީ އިޖްތިމާޢީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ފާހަގަ ކުރެއްވި ކަންބޮޑުވުންތަކަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޚާއްޞަ ގޮތެއްގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ގިނަ ކަންކަން ކުރިޔަށް ގެންދިއުމުގެ ޒިންމާ ސިޓީ ކައުންސިލަށް އޮތް ނަމަވެސް އެ ކަންކަން ކުރިޔަށް ގެންދިއުމުގައި ސިޓީ ކައުންސިލަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ސަރުކާރުގެ އިދާރާތަކުން ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.