ބެލެނިވެރިންގެ އެދުމާ އެއްގޮތަށް ހިރިމަރަދޫ ސްކޫލްގެ އިންޑިއާ ޕްރިންސިޕަލް ވަކިކޮށްފި
ހދ. ހިރިމަރަދޫ ސްކޫލަށް ދަރިވަރުން ނުފޮނުވާ މައްސަލައިގައި، ބެލެނިވެރިންގެ އެދުމާ އެއްގޮތަށް އެ ސްކޫލުގެ އިންޑިއާ ޕްރިންސިޕަލް މަގާމުން ވަކިކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އެ ޕްރިންސިޕަލް ވަކިކޮށް، އަންނަ ހަފުތާގައި ދިވެހި ޕްރިންސިޕަލެއް ފޮނުވަން ނިންމަވައިފައިވާ ކަމަށެވެ.
މި އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މިދިޔަ އަންގާރަ ދުވަހު ފަށައިފައިވާ އިރު، ހިރިމަރަދޫ ސްކޫލްގެ ބެލެނިވެރިން އެދެމުން އަންނަ ގިނަ ކަންތައްތަކެއް އެ ސްކޫލުން ފުރިހަމަކޮށްދީފައި ނުވާ ކަމަށް ބުނެ އެއްވެސް ދަރިވަރަކު މިއަދާ ހަމައަށް ވެސް ސްކޫލަށް ފޮނުވައިފައެއް ނުވެއެވެ.
މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދާ އެކު އެޑިއުކޭޝަންގެ ޓީމެއް އެ ރަށަށް ގޮސް ރަށު ކައުންސިލާއި ސްކޫލްގެ ބެލެނިވެރިންނާ ބައްދަލުކޮށް، ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.
އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ޓަކައި ފޮނުވާ އައު ޕްރިންސިޕަލް އަންނަ އާދިއްތަ ދުވަހު އެ ރަށުގައި ހުންނާނެ ކަމަށާއި ޕްރިންސިޕަލް ބަދަލުކުރަން މިނިސްޓްރީން ނިންމީ ބެލެނިވެރިންނާ އެކު ދެކެވުނު ވާހަކަތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ސްކޫލްގެ ޕްރިންސިޕަލް ބަދަލުކުރަން އެދުމުން ކަމުގައިވާތީ ކަމަށެވެ.
"މީގެ އިތުރުން ވެސް ސްކޫލްގެ ބެލެނިވެރިންގެ ހުރި އިތުރު ކަންބޮޑުވުންތަކަށް، މިނިސްޓްރީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ހައްލު ގެނައުމަށް އަންނަނީ މަޝްވަރާތައް ކުރެވެމުން،" އޮފިޝަލް ވިދާޅުވެފައިވެއެވެ.
ގުރޭޑް 10އާ ހަމަ އަށް ކިޔަވައިދެމުން އަންނަ ހިރިމަރަދޫ ސްކޫލްގައި 8-12 އަހަރުވީ ޓީޗަރުން ތިބިއިރު، ގިނައީ ބިދޭސީ ޓީޗަރުންނެވެ. މި ޓީޗަރުންގެ ފަރާތުން ރަނގަޅު ނަތީޖާ ނެރެނުދެވޭތީ ކަމަށް ބުނެ، ޓީޗަރުން ބަދަލުކޮށްދޭން ބެލެނިވެރިން އެދުމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ދެން ރިނބުދޫ ސްކޫލްގެ ރާއްޖޭ ޕްރިންސިޕަލް ބޭރުކޮއްލީ ބެލެނވެރިންގެ އެދުމުގެ މަތިންތަ. ނޫނީ ޕާޓީގަ އުޅޭ ކުދިންކޮޅު ހިތްރުއްސަންތަ