ކުނި މަދުކުރުމަކީ ކުރިއަށް އޮތް ޖީލުތަކަށް ވެވޭ ވަޢުދެއް: މެޑަމް ސާޖިދާ
ކުނި މަދު ވެއްޓެއް ބިނާކުރުމަކީ ހަމައެކަނި ތިމާވެށީގެ އަމާޒަކަށް ހެދުމުގެ ބަދަލުގައި އެއީ އަންނަން އޮތް ޖީލުތަކަށް ވެވޭ ވަޢުދަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން…
ކުނި މަދު ވެއްޓެއް ބިނާކުރުމަކީ ހަމައެކަނި ތިމާވެށީގެ އަމާޒަކަށް ހެދުމުގެ ބަދަލުގައި، އެއީ އަންނަން އޮތް ޖީލުތަކަށް ވެވޭ ވަޢުދަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ އަނބިކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވި 'ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް'ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމަކަށް ދެމެހެއްޓެނިވިކަމަކީ ހަމައެކަނި ސިޔާސަތެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ ދެމިއޮތުމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އިތުރުވަމުންދާ ކުންޏާއި ޕްލާސްޓިކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށާއި ފަރުތަކަށް ނުރައްކާވެ، އޭގެ އަސަރު އިންސާނުންގެ ކާނާގެ ނިޒާމަށް ވެސް ކުރަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ކުނި މެނޭޖްކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން، މިދިޔަ އޮގަސްޓް މަހު ކުނި މެނޭޖްކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙުތަކުގެ މުހިންމުކަން ފަސްޓް ލޭޑީ ބަޔާންކުރެއްވިއެވެ. އެ އިޞްލާޙުގެ ދަށުން ޤަވާޢިދާ ޚިލާފަށް ކުނި އެތެރެކުރުން މަނާކޮށް، ނުރައްކާތެރި ކުނި ހުއްދަނެތި ބޭރުކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޤައުމުތަކުގެ އިސްވެރިންގެ އަނބިކަނބަލުންގެ ހައިސިއްޔަތުން، މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމަށް ދަރިވަރުންނާއި ކުޑަކުދިން ބާރުވެރިކުރުވުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރައްވައި، 'ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް'ގެ އަމާޒުތަކަށް އެކަމަނާ ތާއީދުކުރެއްވިއެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކުން، އެހެން ޤައުމުތަކުގައި އުފައްދާ ތަކެތީގެ ކުނި ނައްތާލުމުގެ ބޮޑު ބުރައެއް އުފުލަންޖެހޭ ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އެހެންކަމުން ސަސްޓެއިނަބަލް ޕެކޭޖިންގ އާއި އައު ޓެކްނޮލޮޖީގެ އިތުރުން ސާކިއުލާ އިކޮނޮމީއަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދޭންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.



ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.