"ޒީރޯ ވޭސްޓް" އިނީޝިއޭޓިވް ކުރިއެރުވުމަށް މަޝްވަރާކުރައްވައިފި
ކޮޕް31 ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައި "ޒީރޯ ވޭސްޓް" އިނީޝިއޭޓިވްއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ކޮޕް31 ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތުގެ ފަސްޓް ލޭޑީ އެމިނޭ އުރުދުޣާންއާ ބައްދަލުކުރައްވައި، "ޒީރޯ ވޭސްޓް އިނީޝިއޭޓިވް" ކުރިއެރުވުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ފަސްޓް ލޭޑީން ވަނީ ތިމާވެށި ޙިމާޔަތްކުރުމަށާއި ކުނި މަދުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޒުވާނުންނާއި، އަންހެނުން އަދި ކުޑަކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ސަމިޓުގެ ތެރެއިން ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ އަނބިކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވި "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް"ގެ މަތީ ފަންތީގެ ބައްދަލުވުމުގައިވެސް ފަސްޓް ލޭޑީ ސާޖިދާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ "ޒީރޯ ވޭސްޓ"ް ދުނިޔެއެއް ބިނާކުރުމަކީ ހަމައެކަނި ތިމާވެށީގެ އަމާޒަކަށް ހެދުމުގެ ބަދަލުގައި، އެއީ އަންނަން އޮތް ޖީލުތަކަށް ވެވޭ ވަޢުދަކަށް ވާންޖެހޭ ކަމަށެވެ.
މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކަކީ އަންނަން އޮތް ޖީލުތަކަށް ސާފު ތިމާވެއްޓެއް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ކޮޕް31 ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށް ދުނިޔޭގެ ލީޑަރުންނާއި ތަޖުރިބާކާރުން ބައިވެރިވާ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ.



ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.