ސަރުކާރު

ވަށަފަރު ސްކޫލުގައި ޕްރިންސިޕަލެއް ނެތި ދެ އަހަރު: ކުރިމަތިލީ ބޭރު މީހެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދެ އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ފަހު، ހއ. ވަށަފަރު ސްކޫލަށް ޕްރިންސިޕަލެއް ހަމަޖައްސަން އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

Ads by MWSC

މިކަމާ ގުޅޭގޮތުން ވަށަފަރު ކައުންސިލު ނައިބު ރައީސް އަހުމަދު ޝާތިރު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބުރާސްފަތި ދުވަހު ކައުންސިލު މެންބަރުން ބައްދަލުވުމެއް ބޭއްވި ކަމަށާއި ސްކޫލުގައި ޕްރިންސިޕަލެއް ނެތްތާ ދެ އަހަރު ވެފައިވާކަން ސަމާލުކަމަށް އައިސްވާ ކަމަށެވެ.

"އޭގެ ކުރިން ބުދަ ދުވަހު ދެން އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލުގެ ސީނިއާ ބޭފުޅުން ބައްދަލުވުމެއް ބޭއްވި. އެ ބައްދަލުވުމާ ގުޅޭގޮތުން އަޅުގަނޑަށް މައުލޫމާތު ލިބިފައެއް ނުވޭ. އެހެން ނަމަވެސް ޕްރިންސިޕަލެއް އައްޔަން ކުރުމަށް އިއުލާނު ކުރިކަމަށާއި އެއް ފަރާތް ކުރިމަތިލި ކަމަށް މައުލޫމާތު ލިބިފައިވޭ. އެއީ ބޭރު މީހެއް ކަމަށް" ޝާތިރު ވިދާޅުވިއެވެ.

ވަށަފަރު ސްކޫލަކީ ގްރޭޑް 1-10 އަށް ކިޔަވައިދޭ ސްކޫލެކެވެ. ސަތޭކައަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދާ އެ ސްކޫލުގައި ޕްރިންސިޕަލަކު ނެތި ގިނަ ދުވަސް ވެފައިވާތީ ބެލެނިވެރިން ދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.

އެ ސްކޫލަށް ޕްރިންސިޕަލަކު ހަމަނުޖެހި މިހާ ގިނަ ދުވަސް ވެފައިވީ ސަބަބެއް އެނގިފައި ނުވާކަމަށް ކައުންސިލު ނައިބު ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރުގެ ކައުންސިލުން އެކަން ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި ދާއިރާގެ މެންބަރާ ވެސް އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝާތިރު ވިދާޅުވިއެވެ.

"މިހާރު ކޮންމެ ކަމެއް ވެސް ކުރެވެން އޮތީ މަޖިލިހުގައި ދާއިރާ ތަމްސީލު ކުރައްވާ މެންބަރު މެދުވެރިކޮށް. ނަމަވެސް ހިތާމައާ އެކު ބުނަން ޖެހެނީ މެންބަރާއި އަޅުގަނޑުމެންނާ ދެމެދު މިހާރު ގުޅުމެއް ނެތް ކަމަށް. އެބޭފުޅާއާއި ވާހަކައެއް ނުދެއްކޭ، ރަށުގެ ރައްޔިތުންނަށް ވެސް ކަންބޮޑުވުން ހިއްސާ ނުކުރެވޭ، އެބޭފުޅާއަށް ވޯޓު ދެއްވި ބޭފުޅުން ވެސް މިހެން ވިދާޅުވޭ" ޝާތިރު ވިދާޅުވިއެވެ.

ވަށަފަރު ސްކޫލުގައި ޕްރިންސިޕަލަކު ނެތުމާ ގުޅިގެން އިތުރަށް މައުލޫމާތު ހޯދައިލުމަށް މި ވަގުތު އެ ސްކޫލު ހިންގެވުމާ ހަވާލުވެ ހުންނެވި ހައްވާ އިނާޔާއަށް "ދެން"ގެ ފަރާތުން ގުޅައިލުމުން އެބޭފުޅާ ވިދާޅުވީ މިކަމާ ގުޅޭގޮތުން އޭނާ އެއްވެސް އެއްޗެއް ވިދާޅު ނުވާނެ ކަމަށާއި ވިދާޅުވާން ބޭނުން ވެސް ނުވާ ކަމަށެވެ.

Ads by Ooredoo
  1. ތަގަރި ކަމަނަ

    ވަށަފަރު ޕްރންސިޕަލް އަށް އާދެވޭނީ އަހރުމެން ގަބޫލު މީހަކު