ޚަބަރު

ކޮމަންވެލްތުގައި ރާއްޖޭގެ ދިދަ ނެގުމަށް ޝާހިދު އާއި އާޒިމް ލަންޑަނަށް

ދެން އެމްވީ ، ދެން އޮންލައިން

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަނެއްކާވެސް ވުމާއި ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް މިއަދު ފުރާވަޑައިގެންފިއެވެ.

Ads by Sosun Fihaara

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ، މެދުހެންވޭރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ އާޒިމް މިނިސްޓަރު ޝާހިދުގެ އަރިހުގައި ލަންޑަނަށް ދަތުރުފުޅުކުރައްވައެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދަތުރުފުޅުގައި ކޮމަވެލްތުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އިސްވެރިންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައި، ކޮމަންވެލްތާއި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދު އަރުވާނެ ކަމަށެވެ.

ކޮމަންވެލްތުގެ 54 ވަނަ މެމްބަރު ގައުމުގެ ގޮތުގައި ރާއްޖެ އަލުން އެޖަމިއްޔާއަށް ވަނުމާ ގުޅިގެން ލަންޑަނުގެ މަލްބަރޯ ހައުސްގައި ރާއްޖޭގެ ދިދަ ނެގުން އޮންނާނީ މާދަމާއެވެ. އަދި އެރަސްމިއްޔާތަށްފަހު މިނިސްޓަރު ޝާހިދު ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ވަޑައިގެން، އެތަނުގެ ނަންބޯޑު ރަސްމީކޮށް ބަދަލުކޮށްދެއްވާނެއެވެ. ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ އަލުން ވުމާއި ގުޅިގެން، މެމްބަރު އެހެން ގައުމުތަކުގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް އެމްބަސީތަކުގެ ބަދަލުގައި ހައި ކޮމިޝަންތަކަށް ބަދަލުވެގެންދާނެއެވެ.

ކޮމަންވެލްތުން ވަކިވުމަށްފަހު، އަލުން ރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ މުހިއްމު ވައުދުފުޅެކެވެ.

އަލުން ކޮމަންވެލްތަށް ވަނުމަށް ދިވެހިރާއްޖެއިން ރަސްމީކޮށް ހުށަހަޅާފައިވަނީ 6 ޑިސެމްބަރު 2018 ވަނަ ދުވަހުއެވެ. އަދި ކޮމަންވެލްތުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހު ރާއްޖެއަށް އެސެސްމަންޓް ޓީމްތަކެއް ފޮނުވިއިރު، އެޕްރީލް 2019ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް އިލެކްޝަން އޮބްޒާވާ މިޝަންއެއްވެސް ރާއްޖެއަށް ފޮނުއްވިއެވެ.

މިނިސްޓަރު ޝާހިދު ލަންޑަށް ކުރައްވާ މިދަތުރުފުޅަށްފަހު ކޮމަންވެލްތުގައި ރާއްޖެއިން ހަރަކާތްތެރި ރޯލެއް އަދާކޮށް، އެޖަމިއްޔާގެ އެކިއެކި ސަބްސިޑަރީ ގުނަވަންތަކުގައި ބައިވެރިވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!