ކަރީނާ އޭނާގެ ދަރިން ލައްވައި ފިލްމު ކުޅުވާކަށް ބޭނުމެއް ނުވޭ

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކަރީނާ ކަޕޫރް ޚާން، އޭނާގެ ދެ ދަރިން ކަމުގައިވާ ތައިމޫރް އަލީ ޚާނާއި ޖޭހް އަލީ ޚާން ލައްވާ ފިލްމު ކުޅުވަން ބޭނުން ނުވާ ކަމަށް ބުނެފިއެވެ.
ފިރިމީހާ ސައިފް އަލީ ޚާންގެ 51ވަނަ އުފަން ދުވަސް ފާހަގަ ކުރަން ރާއްޖެއަށް އައުމުގެ ކުރިން، އިންޑިއާގެ ނޫހަަކަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ އޭނާގެ ދަރިން ބޮލީވުޑަށް ނެރެން ނުވިސްނާ ކަމަށާއި އެކަމަށް ބާރު ވެސް ނާޅާނެ ކަމަށެވެ.
"އެ ކުދިންނަކީ ފިލްމީ ތަރިން ކަމުގައިވާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން އުފާ ވާނެ ޓިމް (ތައިމޫރް) އައިސްފައި ދިރިއުޅުމުގައި އެހެން ކަމެއް ކުރަން ބޭނުމޭ ބުންޏަސް، މިސާލަކަށް ބުނަންޏާ މައުންޓެން އެވަރެސްޓަށް އެރުން ވިޔަސް. އަހަރެން ބޭނުމީ އެކުދިން ކުރަން ބޭނުން ކޮންމެ ކަމެއްގައި ހިތްވަރު ދޭން ހުންނަން" ކަރީނާ ބުނެފައިވެއެވެ.
ހަގު ދަރިފުޅު ޖޭހްއާ ބެހޭގޮތުން ވާހަކަ ދައްކަމުން ކަރީނާ ބުނީ އެ ކުއްޖާއަށް އަދި ވީ އެންމެ ހަ މަސް ކަމަށާއި ޖޭހް ބޮޑަށް ވައްތަރީ އޭނައާ ކަމަށެވެ. އަދި ތައިމޫރް ވައްތަރީ ސައިފްއާ ކަން ވެސް ކަރީނާ ފާހަގަ ކުރިއެވެ.