ވަންދޫގެ ބައެއް އާސާރީ ތަންތަނަށް ރައީސް ޒިޔާރަތްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަންދޫއަށް މިއަދުގެ ކުރެއްވި ޒިޔާރަތުގައި އެ ރަށުގައި ހުރި ބައެއް އާސާރީ ތަންތަނަށް ޒިޔާރަތް ކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވައިލައްވައިފިއެވެ.
ރައީސް މިއަދު ޒިޔާރަތްކުރެއްވި ތަންތަނުގެ ތެރޭގައި ވަންދޫގެ ލޯ ޒިޔާރަތް މިސްކިތާއި ވަންދޫ ކުރީގެ ހުކުރު މިސްކިތާއި ވަންދޫގައި ހުންނަ އިހުގެ ޒިޔާރަތެއް ކަމުގައިވާ ވަންދޫ ލޯ ޒިޔާރަތް ހިމެނެއެވެ.
ރައީސް މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ރަށްރަށުގައި ހުންނަ މިފަދަ ތާރީޚީ ތަންތަނާއި ސަރަޙައްދުތައް ފަތުރުވެރިން ޒިޔަރާތްކުރާ ސަރަޙައްދުތަކެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި ހަމަ އެހެންމެ އެމަނިކުފާނު ވަނީ ރާއްޖޭގެ ޤައުމިއްޔަތާއި ގުޅޭ ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވައިފައެވެ.
ވަންދޫގައި ހުންނަ ވަންދޫ ލޯ ޒިޔާރަތަކީ ވަރަށް ޤަދީމީ ޒިޔާރަތެކެވެ. މި ޒިޔާރަތުގައި ފަސްދާނުލެވިފައި ވަނީ ހޯޑެއްދޫ ބޮޑު އެދުރުގޭ ހާޖީ އިސްމާޢީލް، ދޮރުވަންނާ ކަލޭފާނާއި އޭނާގެ އަނބިކަނބަލުންނާއި އެ ދެ ކަނބަލުންގެ ދެ ބޭފުޅުންކަމަށް ރާއްޖޭގެ ތާރީޚް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރައްވައެވެ. މި ޒިޔާރަތާ ގުޅިފައި ހުންނަ ޒިޔާރަތް މިސްކިތަކީ ހިރިގަލު ވަޑާމުގެ މަސައްކަތްތެރިކަން ފެންނަ އާސާރީ މިސްކިތެކެވެ. މި މިސްކިތް ބިނާކުރެވުނު ކަމަށް ބެލެވެނީ 1700ގެ އަހަރުތަކުގެ ތެރޭގައެވެ.
ވަންދޫގައި ހުންނަ އިހުގެ އަނެއް މިސްކިތަކީ ވަންދޫގެ ކުރީގެ ހުކުރު މިސްކިތެވެ. މި މިސްކިތް އިމާރާތްކުރި ތާރީޚެއްކަމަށް މިސްކިތުގައި ވަނީ ހިޖުރީ ގޮތުން 1297 ވަނަ އަހަރު ކަމަށެވެ. އެހެންކަމުން މިއީ 146 އަހަރު ވީ ދުވަސްވީ މިސްކިތެކެވެ. މި މިސްކިތަކީ ވެސް ތަނބުތަކުގައި ލިޔެލާޖެހުން ފަދަ ދިވެހިންގެ މަސައްކަތްތެރިކަން ވަރަށްބޮޑަށް ފެންނަ ތާރީޚީ މިސްކިތެކެވެ.