ޚަބަރު

ބޭނުން ނުކުރާ ރެވެނިއު ސްޓޭމްޕްތަކަށް ފައިސާ ދޫކުރަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ އަވަސް

އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވައިލައިފައި ވާތީ ބޭނުން ނުކޮށް ހުންނަ ރެވެނިއު ސްޓޭޕްމްތަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން ހާމަކޮށްފިއެވެ

Ads by Hajj Corporation

މީރާއިން ވިދާޅުވީ ސްޓޭމްޕަށް ރީފަންޑް ކުރުމަށް އަންނަ ނޮވެމްބަރު މަހުގެ 15 ވަނަދުވަހުގެ ކުރިން ހުށައަޅަށް ޖެހޭ ކަމަށާއި ރެވެނިއު ސްޓޭމްޕަށް ފައިސާ ލިބޭނީ އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް، ރެވެނިއު ސްޓޭމްޕާ އެކު ހުށަހެޅުމުން ކަމަށެވެ.

ބޭނުން ނުކޮށް ހުރި ރެވެނިއު ސްޓޭމްޕްތަކަށް ރީފަންޑް ހޯދުމާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ ރަސްމީގަޑީގައި މީރާގެ ހޮޓްލައިން 1415އަށް ގުޅުމުން ނުވަތަ 9821415އަށް މެސެޖު ކުރުމުން އެ ބޭނުންވާ މައުލޫމާތެއް ސާފު ކޮށްދޭނެ ކަމަށް މީރާ އިން ބުނެއެވެ.

މިދިޔަ ޖުލައި 11 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށައިފައިވާ ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓައިލުމުގެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓައިލައިފައިއި ވަނީ ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް ޓަކައި ހިނގާ ޚަރަދާ އަޅައިބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ނޫން ކަމަށް ބުނެއެވެ. އަދި ނިޒާމުތައް ހަރުދަނާ ވަމުން އަންނައިރު، ރެވެނިއު ސްޓޭމްޕްތަކުން ލިބޭ އާމްދަނީ ވެސް އަންނަނީ ކޮންމެ އަހަރަކު ދަށްވަމުންނެވެ.

1970 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ރެވެނިއު ސްޓޭމްޕް ޖެހުން އުވައިލާން މަޖިލީހަށް ހުށަހެޅުއްވީ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމެވެ.

މީގެ އިތުރުން އެކަމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަން ފާހަގަކޮށް އެ ބިލު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން ނިންމައިފައި ވަނީ ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓައިލާން ފެންނަ ކަމަށެވެ.

ރެވެނިއު ސްޓޭމްޕް އުވައިލުމުގެ ބިލް މަޖިލީހުން ފާސްކުރީ އެކަމުގެ ވޯޓްގައި ބައިވެރިވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!