ދެން ފުރަމަލަ

ރަޔާން ސާބިތު ކޮށްދިނީ އޯޓިސްޓިޒަމްއަކީ ނުކުޅެދުންތެރިކަމެއް ނޫންކަން، ތަފާތު ކަމެއްކަން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޝަައްކެއް ނެތެވެ. ޤައުމުގެ ޅަ ދަރީން ފަޚުރުވެރި މޮޅު ކަމެއް ކުރުމަކީ ހަމަ މުޅި ޤައުމަށް ވެސް ލިބޭ ރީތި ނަމެކެވެ. ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެ ޝަރަފެކެވެ.

Ads by Hajj Corporation

އެފަދަ ޝަރަފެއް ދާދި ފަހުން މިވަނީ އުމުރުން އެންމެ 10 އަހަރުގެ ކުއްޖަކު ވެސް ހޯދައިފައެވެ.

ހުރަވީ ސްކޫލުގައި ގްރޭޑް 5ގައިި ތައުލީމު ހާސިލު ކުރަމުންދާ ރަޔާން ރިޔާޒް އަބްދުލްވާހިދު ވަނީ ނިމިދިޔަ އައިޖީސީއެސްއީ އޯ ލެވެލްގައި އަމިއްލަ ގޮތުން ކެމިސްޓްރީ އިމްތިހާނުގައި ބައިވެރިވެ، އެ އިމްތިހާނުން "އޭ ސްޓާ" ހާސިލު ކޮށްފައެވެ.

ރަޔާން އަކީ އޯޓިސްޓިކް ކުއްޖަކަށް ވެފައި، މިފަދަ އިމްތިހާނެއްގައި ބައިވެރިވާން ކުރި ދަތުރާއި ކުރިމަތިވި ބައެއް ގޮންޖެހުންތަކާ ބެހޭގޮތުން ރަޔާންގެ މަންމަ އައިޝަތު ޔުމްނާ ވަނީ "ދެން" އަށް ޚާއްސަ ބަސްދީގަތުމެއް ދީފައެވެ.

ޔުމްނާ ބުނި ގޮތުގައި ރަޔާންއަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ފޮތް ކިޔުމާ ކަންކަމަށް ޝައުޤުވެރިކަން ހުރި ކުއްޖެކެވެ. ޚާއްސަކޮށް ސައިންސްގެ މާއްދާތަކަކީ އޭނާ ވަރަށް ބޮޑު ޝައުޤުވެރިކަމެއް ދިން މާއްދާތަކެއްކަން އޭނަގެ މަންމަ ފާހަގަ ކުރިއެވެ.

ސައިންސްގެ ތެރެއިން ވެސް ކެމިސްޓްރީއަށް ރަޔާން ބޮޑަށް ޝައުޤުވެރިކަން އުފެދުނީ ޔުމްނާއަކީ ވެސް ކެމިސްޓްރީ ޓީޗަރަކަށް ވާތީކަމަށް ބެލެވޭ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

"އެންމެ ކުޑައިރުން ފެށިގެން ވެސް ރަޔާން އަކީ ކެމިސްޓްރީއަށް ޝައުޤުވެރިކަން ހުރި ކުއްޖެއް. އަޅުގަނޑަކީ ކެމިސްޓްރީ ޓީޗަރަކަށް ވެފައި ގޭގައި އޭގެ ފޮތްތަށް ހުންނާތީ، އެއިރު ވެސް އަމިއްލައަކަށް ވެސް އެ ފޮތްތަށް ނަގައިގެން ރަޔާން ކިޔައި ދަސްކޮށްހެދި" ކެމިސްޓްރީއަށް ރަޔާންގެ ޝައުޤުވެރިކަން އުފެދުނު ގޮތް ކިޔައިދެމުން އޭނާގެ މަންމަ ޔުމްނާ ބުންޏެވެ.

ކެމިސްޓްރީއަށް ޝައުޤުވެރިކަން އުފެދިގެން އެ މާއްދާގެ ފޮތްތައް ރަޔާން ފުރަތަމަ ކިޔައި އުޅުނީ އޭނާ ގްރޭޑް 1ގައި އުޅެނިކޮށް ކަމަށް ޔުމްނާ ބުންޏެވެ. އެއަށްފަހު އެ ޝައުޤުވެރިކަން ބޮޑުވަމުން އަންނަކަން ފާހަގަ ކުރެވުނު ކަމަށް ވެސް ބުންޏެވެ.

ޔުމްނާ ބުނި ގޮތުގައި ރަޔާންއަށް އޭގެ ފަހުން އޭނާ ދިޔައީ ކޮންމެވެސް ވަރަކަށް ކެމިސްޓްރީ ކިޔަވައި ވެސް ދެމުންނެވެ. އޭނާއަށް ކިޔައިދޭ ފިލާވަޅުތައް ވަރަށް ފަސޭހައިން ދަސްވާކަން ވެސް ޔުމްނާ އުފަލާއެކު ފާހަގަ ކުރިއެވެ.

ރަށުގައި ހުރެފައި މާލެއަށް އެ އާއިލާ އައީ ރަޔާންގެ މުސްތަޤުބަލަށް ވެސް އިތުރު އުޖާލާކަމެއް ގެނެސް ދިނުމުގެ އުންމީދުގައެވެ. މާހައުލު ބަދަލުވި ނަމަވެސް ކެމިސްޓްރީއަށް ރަޔާން ހުރި ޝައުޤުވެރިކަން ފިލައިގެނެއް ނުދެއެވެ.

"ގްރޭޑް 3ގައި އުޅުން އިރުވެސް އަޅުގަނޑު ކައިރީގައި އަހާނެ ކެމިސްޓްރީގެ އެކި ފިލާވަޅުތަކާއި ކޮންޓެންޓުތަކާ ބެހޭ ގޮތުން. އޭގެ އިތުރުން އަމިއްލައަށް އިންޓާނެޓުން ފިލާވަޅުތައް ރިސާޗުކޮށް، ދަސްކޮށް ޕްރެޒެންޓޭޝަންތައް ވެސް ހެދި. ތެދައް ބުނަންޏާ އޭނާއަށް ބޮޑަށް ކެމިސްޓްރީ ދަސްވީ ހަމަ އަމިއްލައަށް ކުރި މަސައްކަތުން" ދަރިފުޅުގެ ހިތްވަރަށް ސާބަސް ދެމުން ޔުމްނާ ބުންޏެވެ.

އުމުރުން އެންމެ 10އަަހަރުގެ ރަޔާންގެ ކިބައިގައި އޯ ލެވެލް އިމްތިހާނު ހެދުމުގެ ފެންވަރު އެބަހުރިކަން އޭނާގެ މަންމަ ޔުމްނާއަށް އެންމެ ފުރަތަމަ ޔަގީންކަން ލިބުނީ ކޮވިޑާއި ގުޅިގެން މިދިޔަ އަހަރު މާލެ ސަރަޙައްދު ފުރަބަންދުކޮށް ސްކޫލްތަކުގެ ކިޔެވުން ވެސް އޮންލައިން ކްލާހަށް ބަދަލުކުރުމާ ގުޅިގެންނެވެ.

"އެއިރު ރަޔާނަށް ވެސް ގޭގައި ހުންނަން ޖެހުމާ ގުޅިގެން، އިތުރަށް ދަސްކުރުމަށް ޝައުޤުވެރިކަން އުފެދުނީ. އެހެންވެ އަޖުމަ ބަލައިލަން އަޅުގަނޑު ހެދުވިން ޕާސްޓް ޕޭޕަރެއް. އޭގެން ނަތީޖާ އައި ގޮތުން އެނގުނު އޯ ލެވެލް ހެދޭވަރުގެ ފެންވަރު އެބަހުރިކަން. އެހެންވެ ބައިވެރި ކުރަން ނިންމީ" ޔުމްނާ ބުންޏެވެ.

އޯ ލެވެލް ނަތީޖާއިން ރަޔާން މިވަނީ ހީކުރި ވަރަށް ވުރެ ވެސް މަތީ ކާމިޔާބީއެއް ހޯދައިފައެވެ. ޔުމްނާ ބުނި ގޮތުގައި އެ ނަތީޖާއަކީ ރަޔާން އަމިއްލަ ބުރަ މަސައްކަތުން ހޯދި ނަތީޖާއެކެވެ. ޔުމްނާ ހަމައެކަނި ކޮށްދިން ކަމަކީ އޯޓިސްޓިކް ކުއްޖަކަށްވުމުން، އެފަދަ ބޮޑު އިމްތިހާނެއްގައި އިންނާނެ ގޮތް ކިޔައިދީ އެކަމަށް ތަމްރީނު ކޮށްދިނުމެވެ.

ރަޔާންއަށް ލިބުނު ކާމިޔާބީ، ހަމައެކަނި އޯލެވެލް އިމްތިހާނާ ހަމައިންނެއް ނުނިމެއެވެ. އޭނާގެ ތޫނުފިލިކަން ފާހަގަކޮށް މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ވަނީ އެ މުއައްސަސާގެ ފޮރެންސިކް ލެބަށް ޒިޔާރަތް ކުރުމުގެ ދައުވަތު ރަޔާންއަށް ދެއްވައިފައެވެ. އަދި ރަޔާން ވަނީ އެތަނުގައި ބައެއް ތަހުލީލުތައް ކުރުން ވެސް ތަޖުރިބާ ކޮށްފައެވެ.

މިއަދު މުޅި ޤައުމު ވެސް ރަޔާން ދަންނަނީ "އޯ ލެވެލް އިމްތިހާނުން ކެމިސްޓްރީން އޭ ސްޓާ ހޯދި އުމުރުން އެންމެ 10 އަހަރުގެ ކުޑަ ކުއްޖާ" ގެ ގޮތުގައެވެ. ރަޔާން ގެ މަންމަ ބުނިގޮތުގައި އޭނާ ރަޔާން ފާހަގަ ކުރަން ބޭނުންވަނީ ހަމައެކަނި އެގޮތުން އެކަންޏެއް ނޫނެވެ.

އަޅުގަނޑު ބުނެދޭން ބޭނުންވަނީ އޯޓިސްޓިކް ކުއްޖަކަސް އެކުދިންގެ ތަފާތުތައް، އެ ތަފާތުތަކާ އެކުވެސް މިކަހަލަ ނަތީޖާއެއް ނެރެވިދާނެކަން، މުޖުތަމައު އިން އެކުދިން ބަލައިގަންނަ ނަމަ. ކުރިން ރަށުގެ މާހައުލުން ރަޔާނަށް ދިމާވި ވަރަށް ގިނަ ގޮންޖެހުންތަކާއި ހުރަސްތަކާއި ދިމާވެގެން މާލެއަށް ބަދަލުވާން ޖެހުނީ. ބަދަލުވީ ފަހުން ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބުންކަން ފާޙަގަވޭ" ޔުމްނާ ބުންޏެވެ.

ޔުމްނާ އިތުރަށް ބުނީ އޯޓިސްޓިކް ކުދިންނަށް ބޭނުންވާ ލޯތްބާއި އޯގާތެރިކަން ދެވިއްޖެނަމަ، ރަޔާން ފަދަ ވަރަށް ގިނަ މޮޅު ކުދިން މުޖުތަމައުއަށް ކުރިއަށް އޮތް ތަނުގައި ވެސް ނެރެވިދާނެ ކަމަށެވެ.ނެރެވިދާނެ ކަމަށެވެ.

Ads by Ooredoo
  1. ރަޔާންގެ ހިތްވަރަށް ހަމަ ސާބަސް.

  2. ފަޒްނާ

    ޢަލްހަމްދުލިއްލާހި
    ޢިރާދު ކުރެއްވިއްޔާ ކުރިޔަ އޮތް ތާވެސް ފުރިހަމަ ކާމިޔާބީއެއް ލިބުމަށް އެދި ދުއާކުރަން . އިންސާﷲ
    ޜަޔާންގެ މަންމައަށް ސާބަސް