ދެން ފުރަމަލަ

ހައްވަދައިތަގެ ފޫޅުމާ ފޮތުގެ ޞަފްޙާތައް ، އެންމެ ކަޅު ޞަފްހާއަކީ ދެމައިން އެކީ ނިޔާވި ހިތްދަތި ދަތުރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހައްވާ ދައިތަ | 400 އަށްވުރެ ގިނަ ކުދިން ވިއްސި

އދ. އޮމަދޫ ހައްވާ ދައިތަގެ ފޫޅުމާކަމުގެ ތަޖުރިބާ ނުކުރާ ރަށެއް އަރި އަތޮޅުގައި ނޯންނާނެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިއީ 44 އަހަރު ވަންދެން ފޫޅުމާކަން ކޮށްފައިވާ އދ. އޮމަދޫ އަތަމާގެ އުމުރުން 77 އަހަރުގެ ހައްވާ މޫސާގެ ވާހަކައެވެ.

Ads by STELCO

"އެންމެ ފުރަތަމަ ބޮޑުދައިތައާ އެކު މީހުން ވިއްސާން ދާންފެށީ. އޭރުންސުރެ ދެން ފެށުނީ. އޭރު އެއީ ނާސިރުގެ ދައުރުގައި. އެ ދައުރުގައި ދަސްކުރާން ދާންފެށީ. އޭރު ދަރިން ވެސް ތިބޭނެ. ދެން ކިޔަވާން ދިޔައީ މައުމޫން ވެރިކަމަށް އައި ފަހުން. ނާއިލާ އިބްރާހިމް ދީދީ އޭރު މީހުން ވިއްސާއިރު ކައިރީ ހުންނާނެ އަޅުގަނޑު ބަހައްޓާފައި. ދަސްކުރާން ގޮސް އުޅުނު އިރު" ފޫޅުމާކަން ފެށުނުގޮތުގެ ވާހަކަ ކިޔައިދެމުން ހައްވަ ދައިތަ ބުންޏެވެ.

ހައްވަދައިތަ ބުނިގޮތުގައި މާލޭން ކިޔަވައިގެން ފޫޅުމާކަން ދަސްކޮށްގެން އުފަން ރަށް ކަމުގައިވާ އދ. އޮމަދުއަށް އެނބުރި އައިސް ރަށުގައި މީހުން ވިއްސަން ފެށީ 1978 ވަނަ އަހަރުގައެވެ.

"ފުރަތަމަ މުސާރައަކަށް މަހަކު 100 ރުފިޔާ"

ފޫޅުމައިކަން ކިޔަވައި ނިންމައިގެން ރަށަށް އައިސް ރަށުގައި މީހުން ވިއްސަމުން ދަނިކޮށް މައުމޫންގެ ވެރިކަމުގައި ކިޔަވަން ލިބުނު ފުރުސަތުގައި ކިޔަވައިގެން އައިސް ރަށުގައި އޭރު ހުރި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރި ކަމަށާއި އޭރު މުސާރައަކަށް ލިބުނީ 100 ރުފިޔާ ކަމަށް ހައްވަ ދައިތަ ބުންޏެވެ.

"ދެން އޭރު މަައުމޫން ދައުރު ފެށުނު ތަނާ ކިޔަވަން ލިބުނު ފުރުސަތުގައި ފޫޅުމައިކަން ދަސްކޮށްގެން އައިސް ރަށުގައި އުޅުނީ. އޭރު މުސާރައަކަށް ދިނީ މަހަކު 100 ރުފިޔާ. އެއީ ދެން އޭރު ވަރަށް ބޮޑު މުސާރައެއް." ހައްވަދައިތަ ބުންޏެވެ.

"400އަށް ވުރެ ގިނަ ކުދިން ވިއްސިން، އެއްވެސް ކުއްޖެއް ވިހެއުމުގެ ތެރޭގައި މައްސަލައެއް ދިމާއެއް ނުވޭ"

ހަައްވަ ދައިތަ ބުނާ ގޮތުގައި ފޫޅުމައިކަމުގައި ހޭދަ ކުރި 44 އަހަރު ތެރޭގައި 400އަށް ވުރެ ގިނަ ކުދިން ވިއްސިފައި ހުންނާނެއެވެ. މިގޮތުން އަރި އަތޮޅުގެ ހުރިހާ ރަށަކަށްހެން މީހުން ވިއްސަން ދެވިފައި ހުންނާނެކަމަށާއި މާލޭގައި ވެސް ބައެއް ކުދިން ވިއްސައިފައި ހުންނާނެކަމަށް ހައްވަދައިތަ ބުންޏެވެ.

ހައްވަދައިތަ ވިއްސި ކުދިންގެ ތެރެއިން ބައެއް ކުދިންގެ ނަމާއި އެޑްރެސް އަދި ވިހޭ ތާރީހްގެ އިތުރުން ކުއްޖާ ވިހޭއިރުގެ ހާލަތާއި އެކުއްޖާގެ މަންމަގެ ނަމާއި އެޑްރެސް ނޯޓުކޮށްފައިވާ ފޮތެއް މިހާރު ވެސް ހައްވަ ދައިތަ ގެންގުޅެއެވެ. މިފޮތުގައި ވެސް 300އާ ގާތް ކުރާ އަދަދެއްގެ ކުދިންގެ ނަމާއި މައުލޫމާތު ނޯޓުކޮށްފައިވެއެވެ.

ހައްވަދައިތަގެ ފޮތް؛ މިފޮތުގައި ވަނީ ބައެއް ކުދިންގެ މައުލޫމާތު/ފޮޓޯ:ދެން

"އެންމެ ހަނދާން ވަނީ ވިހަން މާލެ ގެންދިޔަ މީހެއް ކަނޑުމަތީގައި މަރުވި ހާދިސާ"

ފޫޅުމައިކަމުގައި އެހައި ދުވަސް ހޭދަ ކުރެވުނުއިރު ހަނދާނުން ފޮހެލަން އެންމެ ދަތި ދުވަހެއްގެ ގޮތުގައި ހައްވަދައިތަ ފާހަގަ ކުރީ ބަނޑުގައި ރިއްސައި ނުވިހުނު މީހަކު ގޮވައިގެން ވިހަން މާލެއަށް ދަތުރު ފެށި ދަތުރެއްގައި ދިމާވި ހާދިސާއެވެ.

"އެދަތުރު ދިޔައީ ދައިތަގެ އޭރު ދެން ހަގަށް ހުރި ދަރިފުޅު ވެސް ގޮވައިގެން. ބަނޑުގައި ރިއްސައި ނުވިހުނީމާއި އެމީހުން ކިޔައިފި މާލެ ހިނގާށޭ. ދެން މާލެ ދާން ފުރައިގެން ހަންޏާމީދޫ ނުވެސް އޮބާ އަޅުގަނޑުގެ ދަރިފުޅު ސެންޓަރުން އައި މީހާ ކައިރި ބައިންދާފައި ބަނޑުގައި ރިއްސާތީ އޮތް މީހާ ކައިރި އިށީނދެފިން. ދެން ބަނޑުގައި އަތް ޖައްސައިލައި ހެދިއިރު ކުއްޖާގެ ހަރަކާތެއް ނުވާތީ ބުނެފިން ކުއްޖާގެ ހަރަކާތެއް ނެތޭ. ދެން ހަމަ އިރުކޮޅެއް ވެސް ނުވޭ އެ އަންހެން މީހާ މަރުވެއްޖެ. ދެން އަނބުރައިލައިފަ މީދޫއަށް ލެފީ" އެވާހަކަ ހިއްސާ ކުރިއިރު ވެސް އެ މޫނުގައި މާޔޫސްކަން އެކުލެވިފައިވެއެވެ.

އެމީހާ މަރުވީ ސިއްހީ ގޮތުން ކަމެއް ދިމާވެގެން ކަމަށް ގަބޫލު ނުކުރެވޭކަމަށް ހައްވަދައިތަ ބުންޏެވެ. އަދި އެދަތުރަކީ ރޭގަނޑު ކުރި ދަތުރަކަށް ވެފައި ކަނޑުމަތީ ދެމައިން އެކީހެން މަރުވުމަކީ ވަރަށް ހިތްދަތި ބޮޑު ހާދިސާއެއްގެ ގޮތުގައި ހައްވަދައިތަ ސިފަ ކުރެއެވެ.

"ހަގު ދަރިފުޅު ވިހޭ ދުވަހުގެ އަނެއް ދުވަހު ވެސް އުޅުނީ އެހެން މީހުން ވިއްސަން"

ހައްވަ ދައިތަގެ ފޫޅުމާކަމުގެ ޑައިރީން އެންމެ ފާހަގަ ކޮށްލެވުނު ސޮފުހާއަކީ ހައްވަ ދައިތަގެ އެންމެ ހަގު ދަރިފުޅު ވިހޭ ދުވަހުގެ އަނެއް ދުވަހު ވެސް އަދި ދެން ޖެހިގެން އައި ދުވަހުވެސް އެހެން މީހުން ވިއްސައިފައި އޮތް ކަމަށް ލިޔެވިފައި އޮތް ސޮފުހާއެވެ.

"އަޅުގަނޑު ވިހެއިން 9 ކުދިން. އިރާދަ ކުރެއްވިއްޔާ މާބަނޑު އިރުވެސް ވިހައިގެން ވެސް އެއްވެސް މައްސަލައެއް ދިމައެއް ނުވޭ. އެހެންވީމަ ދެވިދާނެއްނު އަނެއް ދުވަހުވެސް ވިއްސަން" ހިނިތުންވެ އިނދެ ހައްވަ ދައިތަ ކިޔައިދިނެވެ.

ހައްވަދައިތަ އަކީ ރަށަށް ހިދުމަތް ކުރުމުގައި ލާމަސީލު މިސާލެއް

ފޫޅުމާކަމުގެ އިތުރުން ހައްވަދައިތައަކީ އޮމަދޫ އަންހެނުންގެ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައިއާއި އެ ކޮމިޓީގެ ރައީސްގެ ގޮތުގައި ރަށަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ފިސާރި ކަނބަލެކެވެ. ރައީސް މައުމޫންގެ ދައުރުގައި ސާފުތާހިރު ރަށްރަށަށް ދޭ ފެހި ފަތް އ.ދ އޮމަދޫއަށް ލިބުނު އިރު އެއިނާމާ ހަވާލު ވުމަށް ރަށުގެ ފަރާތުން ދިޔައީ ހައްވަ ދައިތައެވެ.

"މާލޭގައި އިންދާ ރަށު އޮފީހުން ފޯނުކުރީ. ކޮށްފައި ބުނީ ރައީސް އޮފީހަށް ދާން ކެރޭނެހޭ. އެއީ ދެން އަޅުގަނޑުގެ ތާޒާ ދުވަސްވަރު ގައިގައި ވަރު ހުރި އިރު މިހާރު ދެން މިހެން ވެފަ އިނަކަސް. ދެން އަޅުގަނޑު ގޮއްސިން. ބުނި ގަޑިއަށް. ދެން އެތަނުން ދިމާވީ އިބްރާހިމް ކަލޭގެ މުހައްމަދު ކޮއްކޮއާ އައިސް ބުނެފި ކީއްކުރަންހޭ. ދެން ބުނެފިން ރައީސް އޮފީހުން އަންނަން އަންގައިގެންނޭ މިއައީ. ދެން ކިޔައިފި އެތެރެއަށް ހިނގާށޭ. ދެން ގޮސް ވާހަކަ ދައްކާފައި ބުނެފި މާދަމާގެ މިވެނި ގަޑިއަކަށް އަންނާށޭ. ދެން އެގަޑިއަށް ހިނގައްޖެއައިން ރައީސް އޮފީހަށް. ދެން އެތާ ތިބި ދެތިން ގެސްޓުން ވެސް. ވަރަށް ދުރު އަތޮޅުތަކުގެ މީހުން ވެސް ތިބި. އެކަމަކު ވަރަށް މަދު މީހުން ކޮޅެއްތިބީ. ދެން މައުމޫން ވިދާޅުވި ސާފުތާހިރުކަމުން ވަނައަށް ގޮސްގެން މިއޮތީ ފަތޭ. މައުމޫންގެ އަތްފުޅުން އެފަތް ދެއްވީ ވެސް." އެދުވަހުގެ ހަނދާން އައު ކުރަމުން ހައްވަދައިތަ ކިޔައިދިނެވެ.

ހައްވަދައިތަ އޮމަދޫއަށް ލިބުނު ފެހިފަތާއި ހަވާލުވަނީ

އެހެން ނަމަވެސް ހައްވަ ދައިތަ ހިތާމައާ އެކު ފާހަގަކޮށްލެއްވީ މި ފަހުން ރަށަށް އައި ސަރުކާރުގެ ޓީމަކުން އޭރު ފެހިފަތް ލިބުނު އިރު އަންހެނުން ކޮމިޓީގައި ތިއްބެވި ކަނބަލުންނާއި ބައްދަލު ކުރަން އެދިފައިވާއިރު އެކަން ކޮށްދީފައި ނުވާ ވާހަކައެވެ.

ހުރިހާ ޝުކުރެއް ލޮބުވެތި ފިރިމީހާއާއި އާއިލާއަށް

ހައްވަދައިތައާއި އިންޓަވިއު ކުރަމުންދިޔަ އިރު ތަކުރާރުކޮށް ހައްވަދައިތަ ފާހަގަ ކުރީ މަރްހޫމް ފިރިމީހާގެ ވާހަކައެވެ. ކޮމިޓީގެ ކަންކަމާއި ފޫޅުމާ ކަމުގައި އަބަދުގެން ގެއިން ބޭރުގައި އުޅެން ޖެހުނު އިރު ވެސް ފިރިމީހާގެ އަޅާލުމާއި ލޯބި ލިބުނު ވާހަކައެވެ. އެހައި ވަރަށް ގޭތެރެ ކަންކަމުގައި ނޫޅެވި ދިޔައިރު ވެސް ދުވަހަކުވެސް ހިތްހަމަނުޖެހިފައި ނުހުންނަ ވާހަކައެވެ. އާއިލާގެ އެހީތެރިކަން ލިބުނު ވާހަކައާއި އެއްބާރުލުން ލިބުނު ވާހަކަ ތަކުރާރުކޮށް ފާހަގަކުރީ ޝުކުރު ކުރާ ހާލުގައެވެ.

"އަސްލު އަޅުގަނޑަށް އެހާ ހިދުމަތް ކޮށްދެވުނީ ފިރިމީހާގެ ހެޔޮކަމުން. ދުވަހަކު ވެސް ހިތްމަނުޖެހިފައެއް ނުހުންނާނެ. އެއީ ވަރަށް ހެޔޮ ފިރިއެއް. ދެން ކުޑަ ކުޑަ ދަރިން ދޫކޮށްލައިފައި ދަންވަރު ވެސް ކައިރި ރަށްރަށަށް ނޫނީ ރަށުގެ މީހެއް ވެސް ވިއްސާން ދާން ޖެހުނު ކޮންމެ ވަގުތެއްގައި ވެސް ދެވުނީ އެއްބަނޑު މީހުންނާއި ދޮށީ އަންހެން ދަރިންގެ އެއްބާރުލުމާއި އަޅާލުން ލިބުނީމާ. އެންމެން ވެސް ވަރަށް ހެޔޮ" ހައްވަދައިތަ ތަކުރާރުކޮށް ބުންޏެވެ.

ހައްވަދައިތައަކީ ކޮމިޓީގެ މެމްބަރެކެވެ. އަތޮޅު ރައްޔިތުންގެ ލޯބި ލިބިފައިވާ ފޫޅުމައެކެވެ. ރަށު ރައްޔިތުންގެ އިހްތިރާމް ލިބިފައިވާ ފިސާރި ކަނބަލެކެވެ.

Ads by Ooredoo
  1. ދަލޭ

    މަރުހަބާ ހައްވާ.

  2. މާޖިދު

    ތީހަމަ ޖަވާހިރެއް…

  3. Anonymous

    بارك الله لها

  4. ރައްޔިތުން

    ހައްވަ ދައިތަ ގެ އަތު ލިއުންވެސް އެހާރީތި. ޚިދުމަތަށް ޝުކުރިއްޔާ. މާތް الله އެކަމަނާއަށް ބަރަކާތް ލެއްވުން ަެަެަެ އެދެން

  5. ނަލަ ނަލަ ކާށިދޫ

    މާތްﷲ ހައްވަ ދައިތައަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި….
    ޢާމީން