ދެން ފުރަމަލަ

ޗަންނަ: ހުންނަ ގޮތާމެދު އެތައް ބަޔަކު ފާޑުކިޔާ، ހަގީގަތް އެނގެނީ އެކުގައި އުޅެލީމަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"ދެން" ފުރަމަލައިގެ މިފަހަރުގެ ސެގްމެންޓް މިހާއްސަ ކޮށްލަނީ ދިވެހި ފިލްމީ ދާއިރާގެ ހުނަރުވެރި ފަންނާނަކަށެވެ. ދާއިރާގައި އެތައް ދުވަހަކު މަސައްކަތް ކޮށްފައިވާ، ތަޖުރިބާކާރު ފަންނާނުންނާ އެކު ވެސް މަސައްކަތް ކޮށްފައިވާ ކުޅަދާނަ އެކްޓަރެކެވެ. ސައިޑް ރޯލުތަކުން އެކަނި އަދި މިހާތަނަށް ފެނުނު ކަމުގައި ވިޔަސް އޭނާއަކީ ހަމަ ޔަގީނުން ވެސް ސްކްރީންތަކަށް އައު މޫނެއް ނޫނެވެ.

Ads by Hajj Corporation

އެއީ ރާއްޖޭގެ ނަން މަޝްހޫރު ޕްރޮޑަކްޝަން ހައުސްތަކާ އެކު މަސައްކަތް ކޮށްފައިވާ، އެފަދަ ދެވަނައެއް ނުވާ ޢަލީ ނަދީޙް ޢަބްދުއްރައްޒާޤް ޢަބްދުލްޤައްޔޫމެވެ. އާންމުކޮށް މީހުން ދަންނަ ނަމުން ނަމަ، "ޗަންނަ" އެވެ.

ޗަންނަ ވަނީ މަޝްހޫރު އެތައް ފިލްމަކާއި ސީރީޒެއްގައި ސައިޑް ރޯލުން ފެނިފައެވެ. އެގޮތުން ޑާކްރެއިންގެ މޮޅު އުފެއްދުންތަކެއް ކަމަށްވާ "މާމުއި"އާއި "މިއީ ލޯތްބަކީ"ގެ އިތުރުން ވާހަކަ ލިޔުންތެރިޔާ އަހުމަދު އިޤްބާލުގެ އެންމެ ފުރަތަމަ އުފެއްދުން ކަމަށްވާ "އެހެނަސް" ވެބްސީރީޒް ހިމެނެއެވެ. މީގެ އިތުރުން ކުޅަދާނަ އެކްޓްރެސް އައިޝަތު ރިޝްމީ އުފެއްދި ގިނަ އެވޯޑުތަކެއް ވެސް ލިބިފައިވާ ފިލްމު "ވިޝްކާ"އަށް ވެސް ޗަންނަ ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ.

"ދެން"އަށް ދިން ހާއްސަ ބަސްދީގަތުމެއްގައި ޗަންނަ ވަނީ އޭނާގެ ފިލްމީ ދަތުރުގެ ފުރަތަމަ ތަޖުރިބާއާއި ބައެއް އެހެން ކަންކަން ވެސް ހިއްސާ ކޮށްފައެވެ.

ފިލްމީ ދާއިރާގެ ފުރަތަމަ ތަޖުރިބާ

އުމުރުން 29 އަހަރުގެ މި ޒުވާނާ އޭނާގެ ފިލްމީ ކެރިއަރު ފަށައިފައި ވަނީ އޭނާގެ އުމުރުން އެންމެ 18 އަހަރުގައެވެ. އެންމެ ފުރަތަމަ އޭނާ މި ދާއިރާއަށް ވަނީ ބެކްސްޓޭޖް ޑާންސަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އެކްޓިންގެ ދާއިރާއަށް ވަނެވެ.

އެއިރު އޭނާ އެކްޓު ކުރީ މަޝްހޫރު ފިލްމު ޑައިރެކްޓަރ ޓެޑްރީ އުފެއްދި "ބިތުފަންގި" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީ އެއްގައެވެ.

"ފުރަތަމަ ކެމެރާ ކުރިމައްޗަށް އެރީ ޓެޑްރީގެ ޑޮކިއުމެންޓްރީ 'ބިތުފަންގި' އިން.  އޭގައި މަސައްކަތް ކުރީ ވަރަށް ގާތް މީހުންނާ އެކީގައި ކަމަށް ވާތީ އެއްވެސް ވަރަކަށް އުނދަގުލެއް ނުވި އެކްޓު ކުރާކަށް" އޭނާގެ ފުރަތަމަ މަސައްކަތާއި ތަޖުރިބާގެ ވާހަކަ ހިއްސާ ކުރަމުން ޗަންނަ ކިޔައިދިނެވެ.

އެކި ކަހަލަ ރޯލު ކުޅެވިއްޖެ، އެކަމަކު އެންމެ ކުޅެލަން ބޭނުމީ..

ޗަންނަ ބުނި ގޮތުގައި އޭނާ މިހާތަނަށް ކުޅުނު ހުރިހާ ރޯލަކާ މެދު ވެސް އޭނާ ވަރަށް ހިތްހަމަ ޖެހެއެވެ. އަދި ވަކި ރޯލެއް ކުޅެވުނީތީ "ދެރަވާ" ނުވަތަ "ނުކުޅެވުނު ނަމައޭ" ހިތަށް އަރާ ރޯލެއް ވެސް އަދި ނެތް ކަމަށް ޗަންނަ ބުންޏެވެ.

ނަމަވެސް ޗަންނަ އަދި މިހައިތަނަށް ކުޅެފައި ނުވާ، ނަމަވެސް ކުޅެން ބޭނުންވާ ރޯލެއް ވެއެވެ. އެއީ ވަރަށް ނުފޫޒުގަދަ މީހެއްގެ ރޯލެވެ.

"ވަރަށް ބޭނުން ވަރަށް ނުފޫޒުގަދަ ނުލަފާ މީހެއްގެ ރޯލު ކުޅެލަން" ޗަންނަ ބުންޏެވެ.

ޗަންނަ ބުނި ގޮތުގައި ކުރިއަށް އޮތްތަނުގައި އެފަދަ ރޯލަކުން އޭނާ ފެނުން ވެސް ގާތެވެ.

ދިވެހި ފިލްމީ ދާއިރާއަކީ އަސްލު ވަރަށް މުހިންމު ދާއިރާއެއް!

ދިވެހި ފިލްމީ ދާއިރާއަކީ ގިނަ މީހުން ޤަބޫލު ކުރާ ގޮތުގައި އެއްވެސް ތާކުންތާކު ޖެހޭ ދާއިރާއެއް ނޫނެވެ.

ނަމަވެސް މިކަމުގައި ޗަންނަ ދެކޭ ގޮތް އެހެން މީހުންނާ ތަފާތެވެ. އޭނާ ބުނި ގޮތުގައި ފިލްމީ ދާއިރާއަކީ މުހިންމު ދާއިރާއެކެވެ.

"މުޖުތަމައުގައި ހުންނަ އެކިއެކި ކަންތައްތަަކަށް އަލި އަޅުވާލާފައި އާންމުކޮށް ފިލްމު ހަދާފައި ހުންނަނީ. އެހެންވީމަ ހަގީގަތުގައި މިއީ ވަރަށް މުހިންމު ދާއިރާއެއް. އިޖުތިމާއީ ވަރަށް ގިނަ މައްސަލަތަކަށް އެކްޓުގެ ޒަރީޢާއިން އެހީތެރިކަން ލިބޭ މި ދާއިރާއިން" ޗަންނަ ބުންޏެވެ.

ޗަންނަ މީގެ އިތުރުން ބުނީ، ކަން މިހެން ހުރިނަމަވެސް މި ދާއިރާއަކީ ސަރުކާރުން ވެސް މާބޮޑު އަޅައިލުމެއް ދީފައިވާ ދާއިރާއެއް ނޫން ކަމަށެވެ. އަދި ސަރުކާރުން މި ދާއިރާއާ މެދު ވެސް ވިސްނައި ރަނގަޅު ގޮތެއް ފަންނާނުންނަށް ހަދައި ދިނުމަށް އެދޭ ކަމަށް ވެސް ބުންޏެވެ.

ޗަންނަ ހުންނަ ގޮތާ މެދު ގިނަ ބައެއްގެ ފާޑު ކިޔުން!

ކުރިން ވެސް ބުނި ފަދައިން، ޗަންނައަކީ މަޑު މައިތިރި އަދި ރަނގަޅު އަޚްލާގެއް ލިބިފައިވާ މީހެކެވެ. ނަމަވެސް އޭނާ ފުރަތަމަ ފެނުމުން ކޮންމެ މީހަކު ވެސް ހީކުރަނީ ޗަންނައަކީ ވަރަށް "ގޯސްކޮށް އުޅޭ މީހެއް ކަމަށެވެ.

"އަސްލުގައި މީހާ ހުންނަ ގޮތުން ވަރަށް ގިނަ މީހުން ޖަޖް ކުރޭ. އެކަމަކު ދިމާވެ އެއްކޮށް އުޅެލީމަ ބުނާނެ ވަރަށް ތަފާތޭ ހިއެއް ނުކުރަމޭ ތިހާ މަޑުމައިތިރި، އަދި ރީއްޗަށް ވެސް ވާހަކަ ދައްކާނެ ކަމަކަށް" ޗަންނަ ބުންޏެވެ.

ޗަންނަ ހުންނަ ގޮތާމެދު އެތަައް ބަޔަކު ފާޑުކީ ނަމަވެސް އަދި އޭނާއާ ދިމާލަށް އެކި ނަންނަމުން ގޮވި ނަމަވެސް، ހަގީގަތުގައި ޗަންނައަކީ އެފަދަ އެއްވެސް މަގަކުން ދިޔަ މީހެއް ނޫނެވެ. މަސްތުވާ އެއްޗެއްގެ ވަބާގައި ޖެހިފައި ނުވާއިރު، އޭނާއަކީ އަދި އުމުރުގެ މިހާތަަނަށް ދިޔައިރު ސިނގިރޭޓެއް ވެސް ބުއި މީހެއް ނޫން ކަމުގައި ޗަންނަ ބުންޏެވެ.

ކުރިއަށް ހުރި މަސައްކަތްތަކާއި ދާއިރާގައި ކުރިއަށްދާން ހިތްވަރުދޭ ފަރާތްތައް

ކުރިން ވެސް ބުނި ފަދައިން ޗަންނަ އަކީ ކާމިޔާބު އެކި ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ހުނަރުވެރި ފަންނާނެކެވެ.

އޭނާއަށް ލިބިފައިވާ މަސައްކަތްތަކުގެ ތެރެއިން ދެން ކުރިއަށް އޮތީ، މަޝްހޫރު ވާހަަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އުފައްދާ "ބިރުވެރި ވާހަކައިގެ" އެޕިސޯޑަކުން ބަޔަކާއި "މަޒްލޫމް" އިން ބައެއްގެ އިތުރުން، "ވިހާލި ނަމަކަށް ކިޔާ ސީރީޒަކުން ރޯލެކެވެ.

ޗަންނަ ބުނި ގޮތުގައި މި ދާއިރާއިން ކުރިއަށް ދާން އޭނާއަށް އެންމެ އެހީތެރިވެދީ އަދި ހިތްވަރު ދިނީ އޭނާގެ އާއިލާއާއި އިންޑަސްޓްރީގެ ބައެއް ފަންނާނުންނެވެ.

"ވަރަށް ބޮޑަށް ހިތްވަރު ލިބޭ އާއިލާގެ ފަރާތުން. އެހެންވެ އާއިލާއަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން. އޭގެ އިތުރުން ޑާކްރެއިން އެންޓަޓެއިންމަންޓަށާއި، ޓެޑްރީ، އިއްލެ، އަދި މިދާއިރާގައި އަހަރެންގެ އެންމެ ފޭވަރިޓް އެކްޓަރ ރަވީ ފާރޫޤްއަށާއި ރިޝްމީ ވެސް ވަރަށް އެހީތެރިވެދޭ. އެމީހުންނަށް ވެސް ޝުކުރު އަދާ ކުރަން. ވަރަށް ޚާއްސަ ޝުކުރެއް އެހެނަސްގެ ޕްރޮޑިއުސަރ އިޤްބާލްއަށް ވެސް" ޗަންނަ ބުންޏެވެ.

ބެލުންތެރިންނަށް ދޭން ބޭނުންވާ މެސެޖު!

ބެލުންތެރިންނަށް ޓަކައި ޗަންނަ އެދެނީ ކަންކަމާ މެދު އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނުމަށާއި ދެގޮތެއް ނުވެ އޭނާއަށް ސަޕޯޓު ކޮށްދޭން ތިބުމަށެވެ.

އަދި ޗަންނައާ ބެހޭގޮތުން އެއްޗެއް އޮޅުން ފިލުވަން ބޭނުން ނަމަވެސް، ސީދާ އޭނާ ގާތު އެހުމަށް ޗަންނަ އެދިފައިވެއެވެ.

Ads by Allied Insurance
  1. ޟޟ
    ވިލިމާލެ ހޮސްޕިޓަލަށް ގޮސް ބުންޏޯ ޑޮކްޓަރު ދެލޯ ނަގާނަމޭ ރަށުތެރޭ ކިޔާ. ގައްޑާ ވާންވެގެން.
    މީނަ ތޯއްޗެ ބަލިމީހުން ބަލަނީ. ޑރ. ޗަނދުރަ

  2. ބގސޓ ފނ

    ވިލިމާލެ ހޮސްޕިޓަލްގަ ނުފޫޒު ގަދަ ރޯލް ކުޅެލާފަ އެއްނު ތިހުރީ

  3. ނަފުހާ

    ވިލިމާލޭގެ ތިޔަ ނަޒީހެއް ނުދަންނަ މީހަކު ނޫޅޭނެ. އަދި ކިރިޔާ މީނަ މީ ” ފިލުމުސްޓާރް” އެއް ކަން އިނގުނީ. ރަށަށް މަޝްހޫރީ ބޭއަދަބީ މީހެއްގެ ގޮތުގަ. އެއްވެސް ވަރަކަށް ގަވައިދާ ގާނޫނަށް ހުރުމަތްތެރިކޮށް ނުހިތާ. ގެ މޮނިޓަރިންގަ ހުންނަ ފަހަރުގަ މުޅި ރަށުގަ ސައިކު ދުއްވަނީ. މާލެ ވެސް ދޭ. އެއްޗެކޭ ބުނާ މީހާ ގޯސް ވާނީ. އިހަކަށް ދުވަހު ވިލިމާލޭ ހޮސްޕިޓަލު އެތެރޭ ދޮރު ކުރިމަތީ އެތަނުގެ ބިދޭސީ ޑޮކްޓަރަކަށް މީނަޔާ އެގޭ ބަޔަކާ ވަރަށް ހުތުރު ބަހުން ހަޅޭއް ލެވި. އެކަމަކު މަ ޑޮކްޓަރަށް ދައްކަން ދިޔަ ދެ ދުވަހަކު އެގޭ މީހުން ތިބީ ހަމަ މި ބުނާ ބިދޭސީ ޑޮކްޓަރަށް ދައްކަން އެދިގެން. ޚަބަރު ލިބުން ގޮތުގަ އެދުވަހު އޭނަގެ ގޭނގުގެ ބަޔަކު ޑޮކްޓަރަށް ދައްކަން މެމޯ ހައްދައިގެން ގޮސް ބިރުދައްކާފަ ދިޔައީ. އެއްވެސް ވަރެއްގެ ގޮތެއް ހުރި މީހެއް ނޫން ތިޔަ ނަދީހަކީ. މަ ނަދީހުގެ މުޅި އާއިލާ ދަންނަތާ 20 އަހަރު. ދުވަހަކުވެސް މީހަކު އޭނަޔަށް ޗަންނައޭ ކީ އަޑެއް ނާހަން. އެކުގަ އުޅޭ ގޭނގު މީހުން ސްޓަރަކަށް ވީމަ ނަން ދިނީ ތޯއްޗެ.

  4. އަފްލާތު

    ދިވެހި ގިނަ ފިރިހެނުންގެ ލުކް ފެނުނީމަ ޖަޖު ކުރެވޭނެ. ބޮލުގަ އިސްތަށިގަނޑު ދިގުކޮށް ތުނބުޅި ދާނެގޮތަކަށް ދާން ދޫކޮށްލުމުން ހީވަނީ ފެންނުވަރާ ބައެއްހެން. ދެން ބުނާނެ ދީނުގަ އޮތް ގޮތޭ އަރަބި ޤައުމުތަކުގަ އުޅޭ މުސްލިމުންނަށް ވުރެން ދިވެހިންނަށް ދީން އެނގޭ ވަރު ބޮޑީ ތޯއްޗެއް. އެޤައުމުތަކުން ނުފެނޭ ދިވެހިންގެ މި ސްޓައިލް ތަކެއް އަދި އެމީހުން ވެސް އާޝޯހްވޭ ދިވެހި ފިރިހެނުން ފެނުނީމަ ތިބޭ ވަތްތަރުން. އެހެންތާ ވާނީ ހަބިޒަމް ގެ ގޮތްގަނޑުގެންގުޅޭ ބައެއްވިއްޔާމީ

  5. ޞަބަބަބަބަބަބަ

    ލަދެއް ހަޔާތެއް ނެތަސް ހެޔޮ ދޯ…