ދެން ފުރަމަލަ

ހޮޅުދޫގެ ޒުވާން ކީޕަރު ޒާއިދުގެ ހުވަފެންތައް ގުޅެނީ ގައުމީ ޖާޒީއާ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެއްފަހަރެއްގައި އޭނާ ކުޅުނު މެޗެއް ބަލައިލުމުގެ ފުރުސަތު ލިބުނެވެ. އެ މީހުންގެ ޓީމު މެޗުން ބަލިވަމުން ދިޔަ ނަމަވެސް ޓީމުގެ ގޯލްކީޕަރުގެ މަގާމުގައި ހުރެ އޭނާ ދިޔައީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެމުންނެވެ. ޓީމުގެ ކުޅުންތެރިންނަށް "އަދިވެސް މޮޅު ވާނޭކަން" ވިސްނައިދެމުންނެވެ. ރެފްރީގެ ފަހު ކަށިގަނޑާ ހަމައަށް ވެސް އޭނާ ހިތްވަރު ކުރިއެވެ. ފުޓުބޯޅަ ކުޅުންތެރިއެއްގެ ހުންނަން ޖެހޭ އެންމެ މުހިންމު "ކޮލިޓީ"އަކީ އެއީ ކަން ޔަގީނެވެ.

މިއީ މާ ގިނަ ތަޖުރިބާތަކެއް ނެތް ކަމުގައި ވިޔަސް، އަމިއްލަ މަސައްކަތުން ހުނަރު ކުރިއަރުވާ، ކުރިއަށް ދިއުމަށް މަސައްކަތް ކުރާ ނ.ހޮޅުދުއަށް އުފަން ޒުވާން ކީޕަރު އަލީ ޒާއިދުގެ ވާހަކައެވެ. އަލީ ޒާއިދުގެ ހުވަފެންތަކާއި އުއްމީދުތަކުގެ ވާހަކައެވެ. ކުރިމަގަށް ޓަކައި އޭނާ ކުރަހާ މަންޒަަރުގެ ވާހަކައެވެ.

އެންމެ ކުޑައިރުއްސުރެ ވެސް ޒާއިދުއަކީ ފުޓުބޯޅައަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އަބަދު ވެސް ގޭގައި އުޅޭއިރު ވެސް އޭނާ ފުޓުބޯޅަ ބަލައެވެ. އަދި ގޭތެރޭގައި އުޅޭ އިރު ވެސް އޭނާ އަބަދު ވެސް އުޅޭނީ ބޯޅައެއް ހިފައިގެން ކުޅޭށެވެ. އަބަދު ވެސް އޭނާގެ ހުނަރު ކުރިއެރުވުމަށް ކުޑައިރުއްސުރެ ވެސް ޒާއިދު މަސައްކަތް ކުރެއެވެ.

އެންމެ ކުޑައިރުއްސުރެ ވެސް ޒާއިދު ކުޅުނީ ކީޕަރެއްގެ މަގާމަށެވެ. ހަމަ ޔަގީނުން ވެސް ޓީމެއްގައި އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ކީޕަރު ނެތީސް ކުޅުން ކުރިއަކަށް ނުގެންދެވޭނެއެވެ. ކީޕަރެއް ހުރުމަކީ "މަޖުބޫރު މާއްދާ"އެކެވެ. އޭނާ ކީޕަރަށް ކުޅެން ޝައުގުވެރިކަން އުފެދި ކީޕަރަށް ކުޅެން ފެށީ އޭނާގެ ތިއްތިބެ ނަމޫނާއަކަށް ބަލައިގެންނެވެ. ކުޑައިރު އޭނާ ބޭނުންވީ ތިއްތިބެ ކަހަލަ މީހަކަށް ވާށެވެ. ނުވަތަ ތިއްތިބެއަށް ވުރެ ވެސް މޮޅު ވާށެވެ.

ކީޕަރަކަށް ކުޅުމަށް އޭނާއަށް އެންމެ ފުރަތަމަ ހިތްވަރު ދިނީ ވެސް އޭނާގެ ތިއްތިބެ އަބްދުލްސަލާމެވެ. އަދި އޭނާގެ ދެބެންގެ ދެދަރި ބޭބެއިން ކަމަށްވާ އަހްސަނާއި އިބްރާހިމް ރަޝީދަކީ ވެސް އޭނާގެ “ރޯލް މޮޑެލް” އިންނެވެ. އޭނާއަށް ނުހަނު ހިތްވަރު ދިން ބައެކެވެ.

މީގެ އިތުރުން ހޮޅުދޫގައި މިހާރު އެކަޑަމީއެއް ހިންގަމުން އަންނަ އަދި ނ.އަތޮޅުގައި އުފެދުނު ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ގުނައިލެވޭ މޫސާ އިބްރާހިމްއަކީ ވެސް އޭނާއަށް ވަރަށް އެހީތެރިވި ފަރާތެެކެވެ. އޭނާއަށް ފުޓުބޯޅައިގައި ދަސްވެފައިވާ ގިނަ ކަންކަމަކީ މޫސަގެ ފަރާތުން ދަސްވެފައިވާ ކަންކަން ކަމުގައި ޒާއިދު ކިޔައިދިނެވެ.

"ފުޓުބޯޅައިގައި މިހާ ހިސާބަށް އާދެވިފައި މިހުރީ މޫސަ ކޯޗުގެ ސަބަބުން، ފުޓުބޯޅައިގެ ރޮނގުން ދެވެން ހުރި ހުރިހާ ތައުލީމެއް މޫސަ ކޯޗު ދެމުން އަންނަނީ. އެހެންވީމަ ކޯޗަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރަން" ޒާއިދުގެ ހިތުގައި މޫސައަށް ވަނީ ހިފެހެއްޓުމެއް ނެތް ޝުކުރެކެވެ.

ޒާއިދު (ކ) މޫސަ (ވ)އާއެކު

ކީޕަރެއްގެ މަގާމަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެތައް ގޮންޖެހުންތަކަކާ ކުރިމަތިވާ ކަމެކެވެ. އެފަދަ ގޮންޖެހުންތަކާ ޒާއިދުއަަށް ވެސް ކުރިމަތިވިއެވެ. އެގޮތުން ވަރަށް ގިނައިން އަނިޔާގެ މައްސަލަތަކާ އެންމެ ކުރީންސުރެ ވެސް ކުރިމަތިލާން ޖެހޭ ކަމަށާއި އަދި ރަށުގައި އުޅޭއިރު ވަސީލަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވީ ކަމުގައި އޭނާ ކިޔައިދިނެވެ.

އެ ގޮންޖެހުންތަކާ އެކު ކޮވިޑް-19 ބޯމަތިވެ މިހާރު މިކަމުގައި އޭނާއަށް ކުރިމަތިވާ ގޮންޖެހުންތައް މިވަނީ ދެގުނަ ވެފައެވެ. މާލެއަށް ގޮސް ކުޅުމުގެ އުއްމީދު ވެސް އަދި ހާސިލު ނުވެ ހުރީއެވެ. މުބާރާތްތައް މަދުވުމާއި ރަށްރަށަށް ދަތުރުކޮށް ކުޅުމުގެ ފުރުސަތެއް ނުލިބި  ރަށު ބަންދެެއްގައި އޭނާ މިހާރު އެ ހުރީ ހުނަރު ދައްކާލާނެ މާ ބޮޑު ފުރުސަތެއް ނުލިބިއެވެ.

ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި ނަމަވެސް ދުވަހަކު ވެސް ހިތްވަރު ދޫކޮށްލާކަށް ޒާއިދު ހިތަކަށް ވެސް ނާރައެވެ. ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް އެ އަނިޔާއަކުން ރަނގަޅުވެ އަނބުރައި ދަނޑަށް ނުކުތުމަކީ އޭނާ އަބަދުވެސް ކުރާ އުއްމީދެވެ. އަދި އަނިޔާއެއް ލިބުނަސް އަބަދު ވެސް އަވަހަށް ރަނގަޅުވޭތޯ އޭނާ މަސައްކަތް ކުރެއެވެ.

ސުކޫލް ދައުރުގައި ސުކޫލް މުބާރާތްތަކުގައި ވެސް އޭނާއަކީ ހަމަ އެއްވަނައެވެ. އަދި މިހާރު ހޮޅުދޫގައި ބޭއްވޭ ރަށު ފެންވަރުގެ މުބާރާތްތަކުގައި ވެސް ޒާއިދު އަކީ މިހާރު "ނަންބަރ 1" ގޯލް ކީޕަރެކޭ ބުނެވިދާނެއެވެ. އުމުރުން އެންމެ 15 އަހަރުގައި އޭނާ ރަށު ޓީމަށް ކުޅެން ފަށައިފައިވާ އިރު އޭނާގެ އުއްމީދަކީ ރަށަށް ރީތި ނަން ހޯދައިދިނުމެވެ.

19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ދިއުމުގެ ފުރުސަތު ޒާއިދުއަށް ލިބުނެވެ. ނަމަވެސް ކަންތައްތައް ދިމާވީ ގޮތުން އެފަހަރުގެ މުބާރާތުގައި ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ.

މުސްތަގުބަލަށް ޒާއިދު ކުރަހާ ތަސްވީރު ނުހަނު ރީއްޗެވެ. ހިތްގައިމެވެ. އެ ތަސްވީރަކީ އޭނާ ސީނިއާ ގައުމީ ޓީމަށް ގައުމީ ރަތް ޖާޒީގައި ކުޅޭ ތަސްވީރެވެ. އެކަމަށް ޓަކައި އޭނާ ކުރަން ޖެހުނު މަސައްކަތެއް ކުރަން އެ ހުރީ ތައްޔާރަށެވެ. ޒާއިދު އެހުރީ ހޮޅުދޫގެ މުޅި ރައްޔަތް ފަހުރުވެރިވާ ދަރިއަކަށްވެ ގައުމީ ޖާޒީގައި ކުޅުމުގެ އުއްމީދުގައެވެ.

Ads by Allied Insurance
  1. ޢިޒާން

    ސާބަސް. ތިގޮތުގައި ކުރިއަށްދޭ. އަހަރެންވެސް ތިފަދަ އުންމީދެއްކުރަން